އިބްރާހިމް ހަމީދު
ކުޅުދުއްފުށީގައި ކޮންމެ އަހަރަކުވެސް އަޟްޙާ ޢީދުގައި ބާއްވަމުން އަންނަ ދަމުހިނގުމުގެ ކުޅިވަރު މިރޭ ކުޅުދުއްފުށީ ހިއްކި ބިމުގައި ބާއްވައިފި އެވެ.
މިރޭ ދަމުހިނގުމުގެ ކުޅިވަރުގައި ބެރުވެރިންނާއެކު ކަދާމާލި، މުގުރުގަނޑު މާލި، ކޯރިގަނޑު ފަދަ ތަފާތު މާލިތަކެއް ވަނީ ބައިވެރިވެފައެވެ. ކުޅުދުއްފުއްޓަށް ހާއްސަ މި ސަގާފީ ކުޅިވަރުގައި ކުރިއާ ހިލާފަށް މިއަހަރު މާލިތައް ބައިވެރިވެފައި އަދަދު މަދުކަން ފާހަގަ ކުރެވެއެވެ. އެހެންނަމަވެސް މިއަހަރުވެސް ދަމުހިނގުމުގެ ތެރޭގައި ޒަމާނީ ގޮތްގޮތަށް ހަދާފައިވާ މާލިތައް ބައިވެރިވެފައި ވެއެވެ.
ދަމު ހިނގުމުގައި އެންމެ އިސްދައުރެއް އަދާކުރާ ބެރުވެރިން މިރޭ ދަމުހިނގާ މައިދާނަށް ދިޔައިރު އެސަރަހައްދުގައި ރީނދޫ ކުލައިގެ ފޮތި ދަމާފައި ހުރުމުގެ ސަބަބުން ބެރުވެރިން އެސަރަހައްދު ދޫކޮށް ގޮސްފައި ވެއެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ރަށު ކައުންސިލުގެ ބޭފުޅުން އެތަނުގައި ދަމާފައި ހުރި ފޮތިތައް ނެގުމުން ބެރުވެރިން އަލުން އެސަރަހައްދަށް ވަދެ ދަމުހިނގުމުގެ ކުޅިވަރު ފަށާފައި ވެއެވެ.
ޒަމާނުއްސުރެ ކުޅުދުއްފުށީގައި ކުޅެވެމުން އަންނަ ދަމުހިނގުމުގެ ކުޅިވަރު ބެލުމަށްޓަކައި މިރޭ އެސަރަހައްދަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެފައި ވެއެވެ.