އިބްރާހިމް ހަމީދު
ދަނޑުވެރިކަން ކުރުމަށް ހދ އަތޮޅު ފަޅު ރަށެއް ކަމަށްވާ ކޭލަކުނުން ބިން ދޫކުރުމަށް ހދ އަތޮޅު ކައުންސިލުން ނިންމައިފި އެވެ.
ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން ހދ އަތޮޅު ކައުންސިލުގެ މެމްބަރ އަދި މީޑިޔާ ކޯޑިނޭޓަރ ޢަލީ މުޙައްމަދު ވިދާޅުވީ، ހދ އަތޮޅު ކޭލަކުނުން ދަނޑުވެރިކަމަށް ބިން ދޫކުރުމަށް ނިންމެވީ އެރަށަކީ، ބިން ބޮޑު ރަށަކަށްވުމާއި ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް އެކަން ކުރަން ބާރުއެޅުމުގެ ގޮތުން ކަމަށެވެ.
” ކޭލަކުނަކީ ދަނޑުވެރިކަން ކުރެވޭނެ ބިން ބޮޑު ރަށެއް. މިއީ އެއްގޮތަކަށްވެސް ކައުންސިލަށް ފައިސާތަކެއް ހޯދަން ކުރާކަމެއްނޫން. މިއީ އަތޮޅުގެ ރައްޔިތުންނަށް ދަނޑުވެރިކަން ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަން ކުރުމަށް ބާރުއެޅުމަށް ކައުންސިލުން ނިންމެވި ކަމެއް.” މީޑިޔާ ކޯޑިނޭޓަރ ވިދާޅުވި އެވެ.
ޢަލީ މުޙައްމަދު ވިދާޅުވީ، ކޭލަކުނުން ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ހދ އަތޮޅު ރައްޔިތުންނަށް ކަމަށެވެ. އަދި ކައުންސިލުން ބިން ދޫކުރުމަށް ނިންމެވި ނަމަވެސް ކޭލަކުނަކީ ސީދާ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ރަށަކަށް ނުވާތީ، ކަމާބެހޭ ފަރާތްތަކުން ހޯދަންޖެހޭ ހުއްދައަށް އެދި ހުށަހަޅާފައިވާ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.
“ކައުންސިލުން އެގޮތަށް ނިންމިއަސް އަދި ކޭލަކުނަކީ ސީދާ އަތޮޅުކައުންސިލުގެ ބެލުމުގެ ދަށުގައިވާ ރަށެއްނޫން. ކައުންސިލުން އެގޮތަށް ފާސްކޮށްގެން މިހާރު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް އެގޮތަށް ބިންދޫކުރުމަށް ހުއްދައަށް އެދި ދަންނަވާފައި ވާނީ.” ހދ އަތޮޅު ކައުންސިލުގެ މީޑިޔާ ކޯޑިނޭޓަރު ވިދާޅުވިއެވެ.
ސަރުކާރުގެ ކަމާބެހޭ ވުޒާރާގެ ހުއްދަ ލިބުމުން ކޭލަކުނުން ބިން ދޫކުރާނެ އުޞޫލާއި އަގުތައް ކަނޑައެޅިގެންދާނެ ކަމަށް ހދ އަތޮޅު ކައުންސިލުން ބުނެއެވެ. އަދި މިހާރުވެސް ވަގުތީ ގޮތުން މުވައްޒަފުން ލައިގެން ކޭލަކުނު ބަލަހައްޓަމުން ގެންދާ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.
ހދ. އަތޮޅު ކައުންސިލުން، ދަނޑުވެރިކަން ކުރުމަށް ކޭލަކުނުން ބިން ދޫކުރުމަށް ނިންމެވީ، އެކައުންސިލްގެ 34 ވަނަ އާއްމު ބައްދަލުވުމުގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ ކައުންސިލް މެމްބަރު އާދަމް ވަހީދު ހުށަހެޅުއްވި ހުށަހެޅުމަކަށް މެމްބަރުންގެ މެދުގައި މަޝްވަރާކުރުމަށް ފަހުގައި އެވެ.