މުހައްމަދު އިސްމާއިލް
މިއަހަރުގެ އޮކްޓޯބަރ މަހުގެ ނިޔަލަށް ހދ އަތޮޅުން ކުޑަކުދިންގެ 60 މައްސަލައެއް ކުޅުދުއްފުށީގައި ހުންނަ ހދ ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރަށް (އެފްސީއެސްސީ) ހުށަހަޅާފައިވާކަމަށް އެސެންޓަރުން ބުނެފި އެވެ.
މިއަހަރުގެ އޮކްޓޯބަރ މަހުގެ ނިޔަލަށް ކުޑަކުދިންނާ ގުޅޭ 60 މައްސަލައެއް ހުށަހަޅާފައިވާ އިރު އެންމެ ގިނަ މައްސަލަ ހުށަހަޅާފައިވަނީ ކުޑަކުދިންގެ އަހުލާޤާ ބެހޭ މައްސަލަތަކެވެ. އެގޮތުން ހުސްވިމަހުގެ ނިޔަލަށް ކުޑަކުދިންގެ އަހުލާޤާ ގުޅޭ ޖުމްލަ 22 މައްސަލައެއް އެސެންޓަރަށް ހުށަހަޅާފައި ވެއެވެ. 2010 ވަނަ އަހަރު ކުޑަކުދިންގެ އަހުލާޤާ ގުޅޭ ގޮތުން ހުށަހަޅާފައިވަނީ 2 މައްސަލަ އެވެ.
ހދ އެފްސީއެސްސީގެ ތަފާތް ހިސާބުތަކުން ދައްކާ ގޮތުގައި، ކުޑަކުދިންނަށް ޖިންސީ ހާނިއްކަ ކުރުމުގެ 14 މައްސަލައެއް ހުށަހަޅާފައިވާއިރު ޖިސްމާނީ ހާނިއްކަ ކުރުމުގެ 8 މައްސަލައެއް ހުށަހަޅާފައި ވެއެވެ. 2010 ވަނަ އަހަރު އެސެންޓަރަށް ކުޑަކުދިންނަށް ޖިންސީ ހާނިއްކަ ކުރުމުގެ 10 މައްސަލައެއް ހުށަހަޅާފައިވާކަމަށް ހިސާބުތަކުން ދައްކާއިރު މިއަހަރުގެ މިހާތަނަށް އެއަދަދު އިތުރުވެފައިވާކަން ފާހަގަ ކުރެވެއެވެ.
ކުޑަކުދިންނަށް އިހުމާލުވުމުގެ 7 މައްސަލަ އާއި އާއިލީ 5 މައްސަލައެއް އޮކްޓޯބަރ މަހުގެ ނިޔަލަށް ހދ އަތޮޅުން ހުށަހަޅާފައިވާއިރު ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ 1 މައްސަލަ ހުށަހަޅާފައި ވެއެވެ. އަދި ކުޑަކުދިންނަށް ނަފްސާނީ ހާނިއްކަ ކުރުމުގެ 3 މައްސަލައެއް އެސެންޓަރުގައި ރަޖިސްޓްރީ ކޮށްފައި ވެއެވެ.
ހެލްތް މިނިސްޓްރީގެ ޖެންޑާ ޑިޕާޓްމަންޓުގެ ދަށުން ހިންގަމުން އަންނަ ހދ ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުގެ ފަރާތުން މިއަހަރުގެ ތެރޭގައި ކުޅުދުއްފުށީގައި އެސެންޓަރުގެ ފަރާތުން ހަރަކާތްތެރިވާނެ ވޮލަންޓިއަރުންތަކެއް ވަނީ ތައްޔާރުކޮށްފައި އެވެ. ހދ އެފްސީއެސްސީން މައުލޫމާތު ދޭގޮތުގައި އެސެންޓަރުގެ ފަރާތުން ވޮލަންޓިއަރ ގްރޫޕެއް އުފެއްދުމަށްޓަކައި 24 ޒުވާނަކަށް “އެނގުމާ” ގެ ނަމުގައި ވޯކްޝޮޕެއް ވަނީ ހިންގާފައި އެވެ. މި ވޯކްޝޮޕް ހދ އަތޮޅުގެ އިތުރު ރަށްރަށުގައި ވެސް ހިންގުމަށް މަސައްކަތް ކުރަމުންދާކަމަށް އެސެންޓަރު ހިންގުމާހަވާލުވެހުރި ސޯޝަލް ސާރވިސް އޮފިސަރ މުހައްމަދު ނިއުޝާދު ވިދާޅުވި އެވެ.
ކުޅުދުއްފުށީގައި ހުރި އިޖްތިމާއީ ތަފާތު މައްސަލަތައް ދެނެގަތުމަށް މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ކުޅުދުއްފުށީގައިވަނީ ސާރވޭ އެއް ކޮށްފައި އެވެ. އެސާރވޭގައި ކުޅުދުއްފުށީގައި މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް ގޮސް ސާރވޭ ކޮށްފައިވާނެ ކަމަށް ހދ އެފްސީއެސްސީ މައުލޫމާތު ދެއެވެ. އަދި، ކައިރި މުސްތަގުބަލެއްގައި އަތޮޅުގެ އިތުރު ރަށްރަށުގައި ވެސް ސާރވޭ ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެސެންޓަރުން ބުނެއެވެ. ނިއުޝާދު މައުލޫމާތު ދެއްވާގޮތުގައި، މިސާރވޭ ތަކުގެ ނަތީޖާ އަށް ބަލައި ހޭލުންތެރިކަމުގެ ޕުރޮގްރާމުތަކެއް ހިންގުމަށް ހަމަޖެހިފައި ވެއެވެ.