އިބްރާހިމް ހަމީދު
ހދ އަތޮޅު ކައުންސިލުން ރައްޔިތުންނަށް ކޮށްދޭންޖެހޭ އެއްވެސް ކަމެއް ކޮށްނުދެވޭކަމަށް ހދ އަތޮޅު ކައުންސިލުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު ޒަކަރިއްޔާ ހަސަން ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށީ އޮންލައިނަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި، ޒަކަރިއްޔާ ހަސަން ވިދާޅުވީ، އެމްޑީޕީގެ މެޖޯރިޓީ އޮންނަ ހދ އަތޮޅު ކައުންސިލުން މިހާތަނަށް 33 ޖަލްސާ ބޭއްވިފައިވާއިރު، ރައްޔިތުންނަށް ފައިދާވާނެ ގޮތަށް ކަމެއް ހުށަހެޅިނަމަވެސް އެކަމެއް ކައުންސިލުން ނިންމާފައި ނުވާކަމަށެވެ.
ޒަކަރިއްޔާ ވިދާޅުވީ ހދ އަތޮޅު ކައުންސިލުގެ ބައެއް މެމްބަރުން ޖަލްސާތަކަށް ހާޒިރުވެވަޑައިނުގަތުމުގެ މައްސަލައިގައި ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ކުޅުދުއްފުށި ފިޔަވައި އަތޮޅުގެ އެހެން ދާއިރާތަކުން ހޮވިވަޑައިގެން ތިއްބެވި އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުން ޖަލްސާތަކަށް ވަޑައިނުގަންނަވާ މައްސަލަ ފާހަގަކުރެއްވި އެވެ.
“ކުޅުދުއްފުށި ފިޔަވާ އަތޮޅުތެރޭގެ ދާއިރާތަކުން ހޮވިފައި ތިބި އެމްޑީޕީގެ މެމްބަރުން ޖަލްސާތަކަށް ހާޒިރެއް ނުވޭ. އެދާއިރާތަކުގެ މެމްބަރުން ހައްދަވާ ގޮތަކީ، ކިރިޔާ ގޮޑި ނުގެއްލޭ އަދަދު ބަލައިގެން ޖަލްސާތަކަށް ވަޑައިގަންނަވަނީ. އެއީ އެއްގޮތަކަށްވެސް ރައްޔިތުންނަށް ހިދުމަތް ދެވެނީކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން” ހދ އަތޮޅު ކައުންސިލަށް ޑީއާރުޕީ ޓިކެޓުގައި ހޮވިވަޑައިގަތް ކައުންސިލް މެމްބަރ ޒަކަރިއްޔާ ހަސަން ވިދާޅުވި އެވެ.
ލާމަރުކަޒީ ގާނޫނު ބުނާގޮތުން މަގުބޫލު އުޒުރެއް ނެތި ވިދިވިދިގެން ހަތް ޖަލްސާއަށް ވަޑައިނުގަންނަވާނަމަ އެމެމްބަރެއް ކައުންސިލުން ވަކިކުރެވޭނެ އެވެ.
ޒަކަރިއްޔާ ހަސަން އިތުރަށް ވިދާޅުވީ، އެކައުންސިލުގެ ބައެއް މެމްބަރުން ހދ އަތޮޅުގޭގައި ނުތިއްބެވޭތީ ކުޅުދުއްފުއްޓަށް އައުމަށް ދެކޮޅު ހަދަމުންގެންދަވާ ކަމަށެވެ. އެހެންނަމަވެސް، އަތޮޅު ކައުންސިލުގެ މެމްބަރުންނަކީ އެއަތޮޅެއްގެ އަތޮޅު ކައުންސިލު އިދާރާ ހުންނަ ރަށެއްގައި މަސައްކަތް ކުރަން ޖެހޭނެ މެމްބަރުންކަމަށް ޒަކަރިއްޔާ ވިދާޅުވި އެވެ.
“ކައުންސިލްގެ މެމްބަރުން މުނިސިޕަލް ބައެއްގެ ގޮތުގައި ތިއްބެވިއަސް ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 4000 ރުފިޔާ އެބަދޭ. ރައްޔިތުންނަށް ހިދުމަތް ކުރަން އިދާރާ (އަތޮޅު ކައުންސިލް އިދާރާ) ހުންނަ ރަށެއްގައި މެމްބަރުން ނުތިބޭ ކަމީ މިއަދު ކަންބޮޑުވާންޖެހޭ މައްސަލައެއް” ޒަކަރިއްޔާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ކައުންސިލްތަކަށް ސަރުކާރުން އެއްބާރުލުން ދެމުން ނުގެންދާ ކަމަށެވެ. އެގޮތުން ކުޅުދުއްފުށީގައި ހުންނަ މަތިއުތުރު ސަރަހައްދުގެ ގައުމީ އިދާރާއިންވެސް އަތޮޅު ކައުންސިލަށް އެހީތެރިވަމުން ނުދާ ކަން ފާހަގަ ކުރެއްވި އެވެ. އަދި ލާމަރުކަޒީ ގާނޫނުގައި ކައުންސިލްތަކަށް ލިބެންޖެހޭކަމަށް ބުނާ ބާރުތައްވެސް ސަރުކާރުން ދޫކޮށްލަން ބޭނުން ނުވާކަމަށް ޒަކަރިއްޔާ ވިދާޅުވި އެވެ.
“ކުޅުދުއްފުށީގައި ހުންނަ ގައުމީ އިދާރާގެ އެއްބާރުލުންވެސް ނުލިބޭ. ލާމަރުކަޒީ ގާނޫނު ބުނާ ގޮތުން އެލިބެންޖެހޭ ބާރުތައްވެސް ގާނޫނުގައި ކަޅާއި ހުދުން ލިޔެވިފައި އޮތްކަމަށް ވިއަސް މިސަރުކާރުން އެބާރުތައް ކައުންސިލް ތަކުގެ މައްޗަށް ދޫކޮށްލަން ބޭނުމެއް ނުވޭ” ޒަކަރިއްޔާ ވިދާޅުވިއެވެ.
ހދ އަތޮޅު ކައުންސިލަށް ދިމާވެފައިވާ ބަޖެޓުގެ މައްސަލަވެސް ޒަކަރިއްޔާ ފާހަގަކުރެއްވި އެވެ. އެގޮތުން މުޅި ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށްވެސް ބަޖެޓުގެ ތާށިކަން ފޯރާފައިވާކަމަށް ޒަކަރިއްޔާ ވިދާޅުވި އެވެ.
“އަތޮޅު ކައުންސިލަށް ކަންކަން ނިންމުމަށް ބޭނުންވާ ބަޖެޓްވެސް ނުލިބޭ. ތަރައްގީ އޭ ކިޔައިގެން ވާހަކަ ދައްކަމުންދާއިރު މި ތަރައްގީ ގެނެވޭނީ ބަޖެޓާއި ކަންކަންކުރުމުގެ ބާރުތަކާއި އިހްތިޔާރުތައް ކައުންސިލް ގާނޫނު ބުނާ ގޮތަށް އެބާރުތައް ސަރުކާރުން ކައުންސިލް ތަކަށް ދޫކޮށްގެން” ނޮޅިވަރަމް ދާއިރާގެ ކައުންސިލް މެމްބަރު ވިދާޅުވި އެވެ.
ހދ.އަތޮޅު ކައުންސިލަކީ އެމްޑީޕީގެ ހަތް މެމްބަރުންނާއި ޑީއާރުޕީގެ ދެމެމްބަރުން އަދި އަމިއްލަ އެއް މެމްބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެކެވެ.