އިބްރާހިމް ހަމީދު
ސަރުކާރުން ފަށާފައިވާ ހުނަރު ޕްރޮގުރާމްގެ ދަށުން ކުރިއަށް ގެންދާ ހެވީ ވެހިކަލް އޮޕަރޭޓަރުން ތަމްރީނުކުރާ ކޯހެއް ކުޅުދުއްފުށީގައި އިފްތިތާހުކޮށްފި އެވެ.
ކުޅުދުއްފުށގައި ހުންނަ އާދިލް ސެންޓަރ ފޯރ އެމްޕަވަރމެންޓްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ކޯސް އިފްތިތާހުކޮށްދެއްވީ ހދ އަތޮޅު ކައުންސިލްގެ މެމްބަރު ޢަލީ މުޙައްމަދު އެވެ. މިރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނު ޢަލީ މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން މިފަދަ ފުރުޞަތުތަކެއް ހުޅުވާލެއްވިކަމަށްޓަކައި ޝުކުރު އަދާކޮށްފައި ވެއެވެ. އަދި ކޯސް ފުރިހަމަ ކުރުމަށް ބައިވެރިންނަށް ނަސޭހަތްތެރި ވިއެވެ.
ހުނަރު ޕުރޮގްރާމުގައި ހިމެނޭ ހެވީ ވެހިކަލް އޮޕަރޭޓަރ ކޯހާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން ކޯހުގެ ކޯޑިނޭޓަރު ޢަބްދުﷲ މޫސާ ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިކޯހުގައި އޮޕަރޭޓަރުން ތަމްރީނުކުރުމަށް ހަމަޖެހިފައިވަނީ ފޯކްލިފްޓް އަދި އެކްސްކަވޭޓަރ ދުއްވުމަށް ކަމަށެވެ. ކޯހަށް ކުދިން ހޮވާފައިވަނީ ބައިވެރިވުމަށް ހުޅުވާލި ފުރުޞަތުގައި ފޯމް ހުށަހެޅި ކުދިންގެ މެދުގައި އިންޓަވިއު ކޮށްގެން ކަމަށް ޢަބްދުﷲ މޫސާ ވިދާޅުވި އެވެ.
ދެމަސްދުވަހުގެ މުއްދަތަށް ހިންގާ މިކޯހުގައި ތިއަރީ ބައި ކިޔަވައިދެއްވާނީ ގައުމީ ޔުނިވަރސިޓީގެ ކުޅުދުއްފުށީ ކެމްޕަހުގެ ލެކްޗަރަރ ޢަބްދުﷲ ޢަލީ އެވެ. އަދި ކޯހުގެ ޕްރެކްޓިކަލް ބައި ކިޔަވައިދެއްވަނީ ސެންޓަރ ފޮރ ކެރިއަރ އެންޑް ޓެކްނިކަލް އެޑިޔުކޭޝަންގެ އިސްމާއީލް ޒަމީލު އެވެ.
ރައީސުލްޖުމުހޫރިއްޔާ މުޙައްމަދު ނަޝީދު މިއަހަރުގެ ސެޕްޓެމްބަރު މަހު ކުޅުދުއްފުއްޓަށް ވަޑައިގެން ދެކޯހެއް ވަނީ އިފްތިތާހު ކޮށްދެއްވާފައި އެވެ. އެ ދެކޯހަކީ، ހުނަރު ޕުރޮގްރާމްގެ ދަށުން ހިންގާ ހެވީ ވެހިކަލް އޮޕަރޭޓަރުން ތަމްރީނުކުރާ ކޯހާއި މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން ހިންގާ އިލެކްޓްރީޝަނުން ތަމްރީނުކުރާ ކޯހެކެވެ.