އިބްރާހިމް ހަމީދު
ކުޅުދުއްފުށިން ގޯތި ދޫކުރުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށް ކުޅުދުއްފުށީ ކައުންސިލުގެ ނައިބު ރައީސް ފާރޫގު މުހައްމަދު ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށީ އޮންލައިނުން ދެއްނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ކައުންސިލުގެ ނައިބު ރައީސް ފާރޫގު މުހައްމަދު މިއަދު ވިދާޅުވީ، ގޯތި ދޫކުރުމުގެ މަސައްކަތް ލަސްވެފައިވަނީ ތިން ފަހަރެއްގެ މަތިން އިއުލާނުކޮށްގެންވެސް ގޯއްޗަށް އެދި ހުށަހެޅި މީހުންގެ ފޯމްތައް އިވެލުއޭޓް ކުރުމަށް ރައްޔިތުންގެ ތެރެއިން ބަޔަކު ހޯދުމަށް ކުރި މަސައްކަތަށް އެކަށީގެންވާ އެއްބާރުލުމެއް ލިބިފައި ނުވުމުގެ ސަބަބުން ކަމަށެވެ.
“އަޅުގަނޑުމެން ފުރަތަމަ ނިންމީ ގޯތި ދިނުމަށް ފޯމްތައް އިވެލުއޭޓުކޮށް އެމަސައްކަތް ކުރުމަށް ރައްޔިތުންގެ ތެރެއިން ބަޔަކު ހޯދުމަށް. ތިން ފަހަރެއްގެ މަތިން އިއުލާނު ކޮށްގެންވެސް ވަނީ އެކަށީގެންވާ އެއްބާރުލުމެއް ރައްޔިތުންގެ ފަރާތުން ނުލިބިފަ” ފާރޫގު ވިދާޅުވި އެވެ.
ކައުންސިލުގެ ނައިބު ރައީސް ފާރޫގު ވިދާޅުވީ، މިހާރު ކައުންސިލުން ނިންމާފައިވާ ގޮތަކީ ކައުންސިލްގެ މެމްބަރުން ފޯމްތައް އިވެލުއޭޓު ކުރުމުގެ މަސައްކަތް ކުރުމަށް ކަމަށާއި އަދި ވީ އެންމެ އަވަސް ފުރުޞަތެއްގައި ގޯތި ހައްޤުވާ ފަރާތްތަކަށް ދެފުށްފެންނަ ހާމަކަން ބޮޑުގޮތެއްގައި އިންސާފުވެރިކޮށް ގޯތި ދޫކުރުމުގެ މަސައްކަތް ކުރުން ކަމަށެވެ. އެހެންނަމަވެސް، އެމަސައްކަތް ނިންމާ ގޯތި ހަވާލުކުރެވޭނެ ވަކި ދުވަހެއް ކަނޑައެޅިގެން ދަންނަވަން ދަތިކަމަށް ފާރޫޤު ވިދާޅުވި އެވެ.
100 ގޯއްޗަށް އެދި އެއް ހާހަށްވުރެ ގިނަ ފޯމް ކައުންސިލަށް ހުށަހަޅާފައިވާ ކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެއެވެ. ކުޅުދުއްފުށިން ދޫކުރުމަށް ހަމަޖެހިފައިވަނީ 1400 އަކަ ފޫޓުގެ ގޯތި ކަމަށާއި ގޯތި ދޫކުރުމަށް ނިންމާފައިވަނީ ކުރިންވެސް ގޯތި ދިނުމަށް ނިންމި ސަރަހައްދު ކަމުގައިވާ، ކުޅުދުއްފުށީ އަމީނީ މަގުގެ އުތުރުކޮޅުގެ ހުޅަނގު ފަރާތުން ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. އެސަރަހައްދަކީ ޗަކަ ބިން ހިމެނޭ ސަރަހައްދެއްކަމުން ގޯތި ދޫކުރާއިރު އެސަރަހައްދަށް ވެލި އަޅާނެކަމަށް ކައުންސިލުން ބުނެއެވެ.