އިބްރާހިމް ހަމީދު
ކުޅުދުއްފުށީ ހުޅަނގު ފަރާތު ފަޅުތެރެއިން ސަރުކާރުން އަލަށް ހިއްކި ބިމަކީ ދައުލަތު ބިމެއް ކަމަށާއި އެބިން ކުޅުދުއްފުށީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (ކޭޑީސީ) އަށް ދީފައި ވަނީ އެކުންފުނީގެ އެސެޓެއްގެ ގޮތުގައި ކަމަށް ކޭޑީސީގެ ޗެއަރމަން އަދި މަތިއުތުރު ސަރަހައްދުގެ ގައުމީ އިދާރާގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ހުނައިފް ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށީ އޮންލައިނުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ކުޅުދުއްފުށީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (ކޭޑީސީ) ގެ ޗެއަރމަން ވިދާޅުވީ، ސަރުކާރުން ހިއްކާފައިވާ ކުޅުދުއްފުށީގެ ބިން ކޭޑީސީ އަށް ދީފައިވަނީ އެކުންފުނީގެ އެސެޓެއްގެ ގޮތުގައި ކަމަށާއި އަދި ރައްޔިތުންގެ ފަހަތުން ކުންފުންޏެއް ނުދުވާނެ ކަމަށާއި އެކުންފުނިވެސް ހިނގާނީ ކުންފުނިތައް އޮޕަރޭޓް ކުރާ އުޞޫލުން ކަންކަން ކޮށްގެން ކަމަށް ޗެއަރމަން ވިދާޅުވި އެވެ.
“ކުޅުދުއްފުށީގައި ސަރުކާރުން ހިއްކާފައިވާ މިބިމަކީ މިކުންފުންޏަށް ސަރުކާރުން އެސެޓްގެ ގޮތުގައި ދީފައިވާ ބިމެއް. މިކުންފުނިން ބިން ވިއްކުމާއި ކުއްޔަށް ދިނުމަށް ވެސް ސަރުކާރުންވަނީ ހުއްދަދެއްވާފައި. އެބިމަކީ ދައުލަތުން ހަރަދު ކުރައްވައިގެން ހިއްކާފައިވާ ބިމެއް.” ކޭޑީސީގެ ޗެއަރމަން ވިދާޅުވި އެވެ. “ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (ހުޅުމާލޭގެ ބިމާބެހޭގޮތުން) ކުރިއަށްދާ އުޞޫލުން ކުޅުދުއްފުށީ ޑިވޮލޮޕްމަންޓް ކޯޕަރޭޝަން ވެސް ކުރިއަށްދާނީ”
ކުޅުދުއްފުށީ ކައުންސިލުން ކޭޑީސީ އަށް ކުޅުދުއްފުށިން އަލަށް ހިއްކި 28.5 ހެކްޓަރުގެ ބިން ރަޖިސްޓްރީ ކޮށްދެއްވާފައި ވޭތޯ ދެއްނެވުމުން ޗެއާރމަން މުހައްމަދު ހުނެއިފް ވިދާޅުވީ، ކައުންސިލުން އެބިން ކުޅުދުއްފުށީ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ނަންމައްޗަށް ރަޖިސްޓްރީ ކޮށްދެއްވާފައި ނުވާކަމަށެވެ.
“ރަށު ކައުންސިލް އިދާރާއިން ރަޖިސްޓްރީ ކޮށްނުދެއްވިއަސް ހަގީގަތުގައި ބިން ގާނޫނީ ގޮތުން އޮންނަން ޖެހެނީ ހައުސިން މިނިސްޓްރީގެ ދަފްތަރުގައި. އެހެންވެ މިހާރު ކުޅުދުއްފުށީ ޑިވޮލޮޕްމަންޓް ކޯޕަރޭޝަންގެ އެބިން ހައުސިން މިނިސްޓްރީގެ ދަފުތަރުގައި ހިމަނުއްވާފައި އޮތީމާ ގާނޫނީ ގޮތުން އެކަން އެއޮތީ ނިމިފައި.” ޗެއާރމަން ވިދާޅުވިއެވެ.
ކުޅުދުއްފުށީގައި އަލަށް ހިއްކި ބިމުން ވިއްކާ ގޯތިތަކާ ބެހޭގޮތުން ކޭޑީސީގެ ޗެއަރމަން ވިދާޅުވީ، އެބިން އެއްކޮށް ފުރަތަމަ ރަޖިސްޓްރީކޮށްފައި އޮންނާނީ ކޭޑީސީ އަށް ކަމަށާއި އޭގެ ފަހުން ބީލަމުގެ އުޞޫލުން ކޭޑީސީން ވިއްކާ ބިންތަކަށް ފައިސާ ދެއްކުމުން އެބިމެއް ގަތް ފަރާތަކަށް ރަޖިސްޓްރީ ކޮށްދޭނެ ކަމަށެވެ. އެއަށްފަހު އެބިމަކީ ކައުންސިލް ނުވަތަ ކޭޑީސީގެ ބިމެއްވެސް ނޫން ކަމަށާއި އެހިސާބުން އެބިމެއް ގަތް ފަރާތެއްގެ މިލްކަކަށް ބަދަލުވެގެންދާނެ ކަމަށް ގައުމީ އިދާރާގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުގައިވެސް ހުންނެވި ކޭޑީސީގެ ޗެއަރމަން ވިދާޅުވި އެވެ.
“ބިން އެންމެ ފުރަތަ އެއްކޮށް ރަޖިސްޓްރީ ކޮށްދޭން ޖެހެނީ ކޯޕަރޭޝަނަށް. ދެން ހައްދަވަންޖެހޭ ގޮތަކީ ބީލަމުގެ އުޞޫލުން ބިން ކާމިޔާބު ކުރާ ފަރާތްތަކުން ދައްކަން ޖެހޭ ޑައުން ޕޭމަންޓް ފައިސާ ދެއްކުމުން ކުންފުންޏާއެކު ބިން ލިބޭ ފަރާތްތަކުން އެގްރީމެންޓްކޮށް ކޯޓްގައި ރަޖިސްޓްރީ ކުރެވޭނެ. އެރަޖިސްޓްރީއާއެކު ރަށު ކައުންސިލަށް ހުށަހެޅުމުން އެބިން ލިބޭ ފަރާތަކަށް (އެބިން) ރަޖިސްޓްރީކޮށްދޭނެ.” ހުނައިފް ވިދާޅުވި އެވެ. “ރަޖިސްޓްރީ ކޮށްދިނުމަށްފަހު އެއީ ކުންފުނީގެ ބިމެއްވެސް އަދި ކައުންސިލްގެ ބިމެއްވެސް ނޫން. އެއީ ސީދާ ބިން ލިބޭފަރާތުގެ އަމިއްލަ ބިމެއްގެ ގޮތުގައި ހަމަޖެހޭނެ. އެއީ ހުޅުމާލޭ ކޯޕަރޭޝަނުންވެސް ގެންގުޅޭ ޕްރޮސެސް”
ކުޅުދުއްފުށީގެ ބިމުން ގޯތި ވިއްކުމާ ދެކޮޅަށް ރައްޔިތުންގެ ތެރެއިން ބަޔަކު ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލައާ ބެހޭގޮތުން ކޭޑީސީގެ ޗެއަރމަން މުހައްމަދު ހުނައިފް ވިދާޅުވީ، އެމައްސަލަ ކޯޓަށް ވެއްދިކަން އެނގިވަޑައިގަތީ “ކުޅުދުއްފުށީ އޮންލައިން” ގައި އެހަބަރު ޖަހާފައި އޮތުމުން ކަމަށާއި އެއްވެސް ފަރާތަކުން އެކަން އެކޯޕަރޭޝަނަން އަންގާފައި ނުވާކަމަށެވެ. ހުނައިފް ތަކުރާރުކޮށް ވިދާޅުވީ، “މިކަން ކުރިއަށް މިގެންދަނީ ގާނޫނާ ގަވައިދާ އެއްގޮތަށް” ކަމަށެވެ.
ހުނައިފް ވިދާޅުވީ، ކުޅުދުއްފުށިން ބިން ވިއްކައިގެން ލިބޭ ފައިސާ ހަރަދު ކުރާނީ ކުޅުދުއްފުށީގެ ތަރައްޤީ އަށް ކަމަށެވެ. އަދި އެފައިސާ ކުންފުނި ހިންގުމަށްވެސް ބޭނުން ކުރެވޭނެކަމަށް ހުނައިފް ވިދާޅުވި އެވެ. ހުނައިފް ވިދާޅުވީ، މިހާރު އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އެއްވެސް ފައިސާއެއް ނުދެއްވާ ކަމަށާއި ބޯޑު ހިންގުމަށް ސަރުކާރުން އެންމެ ލާރިއެއްވެސް ނުދޭކަމަށެވެ.
ކުޅުދުއްފުށީ ހިއްކި ބިމުން 100 ގޯތި ވިއްކުމަށް ހަމަޖެހިފައިވާ ކަމަށާއި އެހެންނަމަވެސް މިފަހަރު ސީ ކެޓަގަރީން ވިއްކުމަށް ނިންމީ 1000 އަކަ ފޫޓްގެ 20 ގޯތި ކަމަށް އެކޯޕަރޭޝަނުން ބުނެއެވެ. މިމަހުގެ 24 ވަނަ ދުވަހު އަފީފުއްދީން ސްކޫލުގައި ބީލަން ހުށަހެޅުން އޮންނާނެ ކަމަށެވެ. އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށް އެބިންތައް ހަވާލުކުރެވޭނެ ކަމަށްވެސް ހުނައިފް ވިދާޅުވި އެވެ.
ކުޅުދުއްފުށީގައި އަލަށް ހިއްކި ސަރަހައްދުން ކޭޑީސީން ބިން ވިއްކަން ނިންމުމާ ގުޅިގެން ބައެއް ރައްޔިތުންން ދަނީ ކަންބޮޑުވުން ފާޅުކުރަމުން ނެވެ. އެގޮތުން މިދިޔަ މަހުގެ ތެރޭގައިވަނީ ކައުންސިލް އިދާރާ ދޮށުގައި މުޒާހަރާކޮށް ބިން ވިއްކުމާ ދެކޮޅަށް އަޑުއުފުލާފައި އެވެ. އަދި ކޭޑީސީއަށް ބިން ނުވިއްކޭނެ ކަމަށްބުނެ ކުޅުދުއްފުށީ ކޯޓަށް މައްސަލަވަނީ ވައްދާފައި އެވެ.