އިބްރާހީމް ހަމީދު
ހދ އަތޮޅު ރަށްވެހިގެ ކުއްޔަށް ހިފި ފަރާތްކަމުގައިވާ ކުޅުދުއްފުށީ ސޭލަރ ގުރޫޕުން ހދ އަތޮޅު ކައުންސިލާއި ސޭލަރ ގުރޫޕް އާއި ދެމެދު ހަދާފައިވާ އެއްބަސްވުމާ ހިލާފުވެފައިވާ ކަމުގެ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ހދ އަތޮޅު ކައުންސިލުން ބުދަ ދުވަހު ބޭއްވި އެކައުންސިލުގެ 35 ވަނަ ޖަލްސާއަށް އެމައްސަލަ އެޖެންޑާކޮށް ބަހުސްކުރިކަމަށް މައުލޫމާތު ލިބެއެވެ. އެހެންނަމަވެސް އެޖަލްސާގައި ސޭލަރ ގުރޫޕުން އެއްބަސްވުމާ ހިލާފުވެފައިވާކަމަށް ބުނާ މައްސަލައިގައި ވަކި ގޮތެއް ކައުންސިލުން ނިންމާފައި ނުވާކަމަށްވެސް މައުލޫމާތު ލިބެއެވެ.
މިމައްސަލައާ ބެހޭގޮތުން ހދ އަތޮޅު ކައުންސިލުގެ ނައިބު ރައީސް މުޙައްމަދު ޤާސިމް ވިދާޅުވީ، ސޭލަރ ގުރޫޕުން ހދ އަތޮޅު ރަށްވެހިގެ ކުއްޔަށް ހިފުމަށްޓަކައި ކައުންސިލާއި އެގުރޫޕާއި ދެމެދު ވެފައިވާ އެއްބަސްވުމާ ހިލާފުވެފައިވާތީ އެމައްސަލަ މިމަހުގެ 16 ވަނަ ދުވަހު ބޭއްވި ހދ އަތޮޅު ކައުންސިލުގެ 35 ވަނަ ޖަލްސާއަށް އެޖެންޑާ ކުރި ކަމަށެވެ. އެޖަލްސާގައި އެއްބަސްވުމާ ހިލާފުވި މައްސަލައިގައި ކައުންސިލުގެ މެމްބަރުން ބަހުސްކޮށް ދެހުށަހެޅުމެއް ހުށަހެޅިކަމަށް މުހައްމަދު ޤާސިމް ވިދާޅުވި އެވެ. މެމްބަރުން ހުށަހެޅި ދެހުށަހެޅުމަށްވެސް ވޯޓަށް އެއްސެވިކަމަށާއި އެހެންނަމަވެސް އެދެ ހުށަހެޅުންވެސް ފާސްވެފައި ނުވާކަމަށް އަތޮޅު ކައުންސިލުން ބުނެއެވެ.
އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށްބުނެ އެމައްސަލައިގައި ގޮތެއް ނިންމުމަށް ބޭއްވި ޖަލްސާގައި ދެ ހުށަހެޅުމެއް ކައުންސިލުގެ މެމްބަރުން ހުށަހެޅިއެވެ. އެގޮތުން އަތޮޅު ކައުންސިލުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު ޒަކަރިއްޔާ ހަސަންގެ ހުށަހެޅުމުގައި ވަނީ، އެއްބަސްވުމުގައިވާ ގޮތަށް 3 މަސްދުވަހުގެ ނޯޓިސް އެއް ދިނުމަށްފަހު ރަށްވެހިގެ ސޭލާރ ގުރޫޕުގެ އަތުން ނެގުމަށެވެ. އެހުށަހެޅުމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ އަތޮޅު ކައުންސިލް މެމްބަރު އާދަމް ވަހީދު ތާއީދު ކޮށްފައި ވެއެވެ. އެހެންނަމަވެސް އެ ހުށަހެޅުން ފާސްވެފައި ނުވަނީ ވޯޓުގައި ބައިވެރިވި 8 މެމްބަރުންގެ ތެރެއިން 3 މެމްބަރުން ފިޔަވައި އެހުށަހެޅުމަށް ތާއީދުކޮށް ވޯޓު ދީފައި ނުވާތީ އެވެ.
ދެވަނަ ހުށަހެޅުމަކީ، އަތޮޅު ކައުންސިލުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެން ރަޝީދު ހުށަހެޅުއްވި ހުށަހެޅުމެކެވެ. އެހުށަހެޅުމުގައި ވަނީ، ރަށްވެހިގެ ކުއްޔަށް ހިފި ފަރާތްކަމުގައިވާ ސޭލަރ ގުރޫޕަށް އެއްބަސްވުމާ ހިލާފަށް ކޮށްފައިވާ ކަންތައްތައް ސީޓީއަކުން ދެއްނެވުމަށެވެ. ނޮޅިވަރަމް ދާއިރާގެ މެމްބަރު އަލީ ހުސެން ތާއީދު ކުރެއްވި އެހުށަހެޅުން ވޯޓަށް އެހުމުން ލިބިފައިވަނީ 2 ވޯޓެވެ. އެހެންކަމުން އިއްޔެގެ ޖަލްސާ ނިމިގެންދިޔައީ އެމައްސަލައިގައި އެއްވެސް ގޮތެއް ނުނިމި އެވެ.
ރަށްވެހިގެ ކުއްޔަށް ހިފި ސޭލަރ ގުރޫޕުން އެއްބަސްވުމާ ހިލާފަށް ކޮށްފައިވާ ކަންތައްތަކާބެހޭ ގޮތުން އަތޮޅު ކައުންސިލުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު ޒަކަރިއްޔާ ހަސަން ވިދާޅުވީ، އެ އެއްބަސްވުމާ ހިލާފަށް އަމަލުކޮށްފައިވާތީ ސޭލަރ ގުރޫޕްގެ ވެރިފަރާތްކަމުގައި ހުސެއިން އާދަމް އަށް ދެފަހަރެއްގެ މަތިން ސިޓީ ފޮނުވާފައި ވީނަމަވެސް އެއްވެސް ސިޓީއަކަށް ޖަވާބު ދީފައި ނުވާކަމަށެވެ. އަދި އެއްބަސްވުމާ ހިލާފަށް އަތޮޅު ރަށްވެހިގޭގައި އެމްޑީޕީގެ ދިދަ ނަގައި، އަތޮޅު ކައުންސިލަށް އެންގުމެއް ނެތި ރަށްވެހިގޭގައި ހަދާފައި ހުރި ގުދަނެއް ހަލާކުކޮށްފައި ވުމާއި ސޭލަރ ގުރޫޕުން ހުށަހެޅި ޕުރޮޕޯސަލްއާ އެއްގޮތަށް އެއްވެސް ކަމެއް ކޮށްފައި ނުވާކަމަށް ޒަކަރިއްޔާ ވިދާޅުވި އެވެ.
“ސޭލާރ ގުރޫޕަށް އެތަން އޮތީ ކައުންސިލް އައި އިރު ހަވާލުކޮށްފައި. އޭރު ސޭލާރ ގުރޫޕަށް ރަށްވެހިގެ ހަވާލުކޮށްފައިވަނީ ކޮރޮޕްސަނަށް މަގުފަހިވާގޮތަށް” ނޮޅިވަރަމް ދާއިރާގެ މެމްބަރު ޒަކަރިއްޔާ ވިދާޅުވި އެވެ. “އެމައްސަލަ ދުލެއް ނުކުރާނަން. ދެން އޮންނަ ޖަލްސާއަކަށް އެޖެންޑާ ކޮށްގެންވެސް ކުރިއަށްގެންދާނަން”
އިއްޔެ އަތޮޅު ކައުންސިލުގެ ބައްދަލުވުމުގައި ސޭލަރ ގުރޫޕު ދިފާއު ކުރައްވައި ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެން ރަޝީދާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު އަލީ ހުސެން ވާހަކަ ދެއްކެވި ކަމަށް ޒަކަރިއްޔާ ވިދާޅުވި އެވެ.
މިމައްސަލައިގައި ރަށްވެހިގެ ކުއްޔަށް ހިފާފައިވާ ސޭލަރ ގުރޫޕުގެ ވެރިޔާ ހުސެއިން އާދަމް އަށް ފޯނުން ގުޅާލުމުން ވިދާޅުވީ، މިމައްސަލައާ ބެހޭގޮތުން އެއްވެސް އެއްޗެއް ވިދާޅުވާން ބޭނުންވެ ނުލައްވާކަމަށާއި އަދި އެއްބަސްވުމާ ހިލާފުވިކަމަށް ބުނާ މައްސަލައަކީ “ޒާތީ ކަމެއް” ކަމަށެވެ.