އިބްރާހިމް ހަމީދު
ރަށްރަށުގައި ގޭސް ވިއްކާ އެޖެންޓުންނަށް މޯލްޑިވް ގޭހުން ކުރިން ދެމުން އައި ޑިސްކައުންޓް ކަނޑާލުމާ ގުޅިގެން ކުޅުދުއްފުށީގައި ކައްކާ ގޭހުގެ އަގު އުފުލިއްޖެ އެވެ.
ކުޅުދުއްފުށީގައި މޯލްޑިވް ގޭސް އެންމެ ފުޅާދާއިރާއެއްގައި ވިއްކަމުން އަންނަ ސޭމް ކުންފުނީގެ ވެރިޔާ އަބްދުއްސަލާމް އަބޫބަކުރު ވިދާޅުވީ، އަތޮޅުތެރޭގައި ގޭސް ވިއްކާ އެޖެންޓުންނަށް ޑިސްކައުންޓަށް ދެމުން އައި ކައްކާ ގޭސް މި ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން މޯލްޑިވް ގޭހުން ދިނުން ހުއްޓާލާފައިވާ ކަމަށާއި އެހެންވުމުގެ ސަބަބުން އެކުންފުނިން ކުޅުދުއްފުށީގައި ވިއްކާ ގޭހުގެ އަގުތަކަށް ބަދަލުއައިސްފައިވާ ކަމަށެވެ.
“ހަގީގަތުގައި ރާއްޖޭގެ ބާޒާރުގައި ކައްކާ ގޭހުގެ އަގު ބޮޑެއް ނުވޭ. އެހެންނަމަވެސް އެޖެންޓުންނަށް ދެމުންދިޔަ ޑިސްކައުންޓު ކަނޑާލުމާ ގުޅިގެން މިވަނީ އަގުތަކަށް ބަދަލު އައިސްފައި” ސޭމް ކުންފުނީގެ ވެރިޔާ އަބްދުއްސަލާމް ވިދާޅުވި އެވެ.
މޯލްޑިވް ގޭހުގެ 10 ކިލޯގެ ގޭސްފުޅިއެއް ކުޅުދުއްފުށީގައި ކުރިން 275 ރުފިޔާ އަށް ވިއްކި ނަމަވެސް މިހާރު އެސައިޒުގެ ގޭސްފުޅިއެއް ވިއްކަނީ 285 ރުފިޔާ އަށެވެ. އެހެންނަމަވެސް ކަސްޓަމަރުން އަމިއްލަ އަށް ގޭސްފުޅި ގެންދާނަމަ ގޭސް ފުޅިއެއް 265 ރުފިޔާއަށް ވިއްކައެވެ.
ސޭމް ކުންފުނިން ބުނާގޮތުގައި މާލެއިން 225 ރުފިޔާއަށް ގަންނަ ގޭސްފުޅި އެއް ކުޅުދުއްފުއްޓާއި ހިސާބަށް ގެނެވެނީ 30 ރުފިޔާގެ ނާލެއް ދެއްކުމަށްފަހު 255 ރުފިޔާ އަށެވެ.
ކުޅުދުއްފުށީގައި ކައްކާ ގޭހުގެ ހިދުމަތް 24 ގަޑިއިރު ދޭ ސޭމް ކުންފުނިން ބުނީ، އެކުންފުނިން އަލަށް ހިދުމަތް ހޯދާ ފަރާތްތަކުން މިހާރު ޑިޕޮސިޓްގެ ގޮތުގައި 500 ރުފިޔާ ނަގަމުން އަންނަ ކަމަށެވެ. އަދި، އެކުންފުނިން ގޭސް ވިއްކަމުންދަނީ ފައިދާ އަށްވުރެ ބޮޑަށް ހިދުމަތެއް ދިނުމުގެ ގޮތުން ކަމަށް ވެސް އެކުންފުނިން ބުނެއެވެ.
މައުލޫމާތު ލިބޭގޮތުގައި ހދ އަތޮޅުގެ ބައެއް ރަށްރަށުގައި ކައްކާ ގޭސް ފުޅިއެއްގެ އަގު މިހާރު އުޅެނީ 295 ރުފިޔާ އަށެވެ.
މޯލްޑިވް ގޭހުން އަތޮޅުތެރޭގެ އެޖެންޓުންނަށް ކުރިން ދެމުންއައި ޑިސްކައުންޓު ކަނޑާލާފައިވަނީ، މިމަހުގެ އެއްވަނަ ދުވަހު އެވެ. އެކުންފުނިން އޭރު ބުނެފައިވަނީ، އެޖެންޓުންނަށް ދެމުން އައި ޑިސްކައުންޓް ކަނޑާލާފައިވަނީ، ދުނިޔޭގެ ބާޒާރުގައި ކައްކާ ގޭހުގެ އަގު ބޮޑުވެ ރާއްޖޭގެ އިގްތިޞާދުވެސް ހީނަރުވެފައި ވުމުގެ ސަބަބުން އެކުންފުންޏަށް ގެއްލުން ވަމުންދާތީ ކަމަށެވެ. ކުރިން އެކުންފުނިން، ރަށްރަށުގައި ގޭސް ވިއްކާ އެޖެންޓުންނަށް ކިލޯއަކަށް 1.50 ރުފިޔާގެ ޑިސްކައުންޓެއް ދިނެވެ.