twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުޅުދުއްފުށީގައި އަލަށް ހިއްކާފައިވާ ސަރަހައްދުން ބިން ވިއްކުމުގެ މުއާމަލާތް ނުކުރުމަށް ކޯޓުން ވަގުތީ އަމުރެއް ނެރެފި

Nov 24, 2011

އިބްރާހީމް ހަމީދު

ޝަރީއަތުން ވަކި ގޮތެއް އަންގަންދެން، ކުޅުދުއްފުށީގައި އަލަށް ހިއްކާފައިވާ ސަރަހައްދުން ބިން ވިއްކުމުގެ އެއްވެސް މުއާމަލާތެއް ނުކުރުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ކުޅުދުއްފުށީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (ކޭޑީސީ) ގެ މައްޗަށް އަމުރު ކޮށްފި އެވެ.

ކުޅުދުއްފުށީ ކޯޓުން ވަގުތީ އަމުރު ނެރުނީ، ކުޅުދުއްފުށީ ހިއްކި ބިމުން ކޭޑީސީ އިން ގޯތި ވިއްކުން ހުއްޓުވުމަށް ކުޅުދުއްފުށީ ރައްޔިތުންގެ ބަޔަކު ދައުވާކުރާ މައްސަލައިގެ ޝަރީއަތުގައި އެވެ.

ހިއްކި ބިމުން ގޯތި ގަންނަން އެދޭ ފަރާތްތަކުގެ ބީލަން ހުޅުވުން މިއަދު 2 ޖަހާއިރަށް ކުރިން ބޭއްވުމަށް ހަމަޖެއްސި ނަމަވެސް ކޯޓުން ކޮށްފައިވާ ވަގުތީ އަމުރާ ގުޅިގެން މިހާރު ވަނީ އެމަސައްކަތް މަޑުޖައްސާލާފައި އެވެ.

ކުޅުދުއްފުށީ ކޯޓުން މިއަދު ނެރުނު ވަގުތީ އަމުރުގައި ބުނެފައިވަނީ، ކޭޑީސީން ކުޅުދުއްފުށީގެ ބިމުން ގޯތި ވިއްކުމުގެ މައްސަލައާ ގުޅިގެން އެކޯޓަށް ހުށަހެޅިފައިވާ މައްސަލައިގެ ޝަރީއަތުގައި އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރުމާއި، ގާނޫނާ ގަވާއިދުތަކާ އެއްގޮތަށް އެމަސައްކަތް ކުރިއަށް ގެންދިއުމުގެ ފުރުޞަތު ލިބިގަތުމަށްޓަކައި، ކުޅުދުއްފުށީ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ވިއްކުމަށް އިއުލާނުކޮށްފައިވާ 20 ގޯތި ބީލަމުގެ އުޞޫލުން ވިއްކުމުގެ މުއާމަލާތް ވަގުތީ ގޮތުން ހުއްޓާލުމަށް އަމުރުކުރާ ކަމަށެވެ.

އެއަމުރުގައިވާ ގޮތުން އެއަމުރު ދެމި އޮންނާނީ ގިނަވެގެން 45 ދުވަހުގެ މުއްދަތަށެވެ.

ކުޅުދުއްފުށީ އޮންލައިން އަށް މައުލޫމާތު ދެއްވަމުން ކޭޑީސީ ގެ މެނޭޖިން ޑިރެކްޓަރ ޞާލިހު ހުސެއިން ވިދާޅުވީ، ބިން ވިއްކުމާ ބެހޭ މުއާމަލާތް ވަގުތީ ގޮތުން ހުއްޓާލުމަށް ކޯޓުން ވަގުތީ އަމުރެއް ނެރެފައިވާތީ، ބިން ވިއްކުމާބެހޭ ގޮތުން އެކުންފުނިން ކުރަމުންދާ މުއާމަލާތްތައް ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ. އެގޮތުން މިއަދު 2 ޖަހާއިރު އަފީފުއްދީން ސްކޫލުގައި ބާއްވަން ހަމަޖެއްސި ބީލަން ބަލައިގަތުމުގެ މަސައްކަތްވެސް ކޯޓުގެ އަމުރާ ގުޅިގެން ކުރިއަށް ނުގެންދާކަމަށް ޞާލިހު ވިދާޅުވި އެވެ.

ޞާލިހު ވިދާޅުވީ، ކޯޓުގެ އަމުރާ ގުޅިގެން، ބިން ވިއްކުމުގެ މައްސަލާގައި ކުޅުދުއްފުށީ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ނިންމާ ގޮތެއް އާއްމުކޮށް އިއުލާން ކުރައްވާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355