twitterviber whatsapp telegramfacebookyoutube instagram
19th April 2024

އެއްބަސްވުމާ ހިލާފުވެފައިވާތީ ހދ އަތޮޅު ރަށްވެހިގެ ކުއްޔަށް ހިފާފައިވާ ފަރާތުގެ އަތުން އެތަން ނެގުމަށް ކައުންސިލުން ނިންމައިފި

Nov 24, 2011

އިބްރާހިމް ހަމީދު

ހދ. އަތޮޅު ރަށްވެހިގެ ކުއްޔަށް ހިފާފައިވާ ސޭލާރ ގުރޫޕުން ހދ އަތޮޅު ކައުންސިލާއެކު ވެފައިވާ އެއްބަސްވުމާ ހިލާފުވި ކަމަށް ނިންމައި، ކުޅުދުއްފުށީގައި ހުންނަ ހދ އަތޮޅު ރަށްވެހިގެ ސޭލަރ ގުރޫޕްގެ އަތުން ނެގުމަށް ހދ އަތޮޅު ކައުންސިލުން ނިންމައިފި އެވެ.

ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން ހދ އަތޮޅު ކައުންސިލުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރ ޒަކަރިއްޔާ ހަސަން ވިދާޅުވީ، ހުސްވި ހަފުތާގައި ބޭއްވުނު ކައުންސިލުގެ 35 ވަނަ އާއްމު ބައްދަލުވުމަށް ހުށަހެޅި މައްސަލައިގައި އެދުވަހުގެ ބައްދަލުވުމުގައި ވަކި ގޮތެއް ނިމިފައި ނުވާކަމަށެވެ. އެހެންނަމަވެސް އިއްޔެ ބޭއްވުނު އަތޮޅު ކައުންސިލުގެ 36 ވަނަ ބައްދަލުވުމުގައި އަތޮޅު ރަށްވެހިގެ ކުއްޔަށް ހިފާފައިވާ ފަރާތްކަމުގައިވާ ސޭލަރ ގުރޫޕުގެ ހުސެއިން އާދަމް އަށް 3 މަސްދުވަހުގެ ނޯޓިސް އެއް ދިނުމަށްފަހު ރަށްވެހިގެ އެފަރާތުން ނެގުމަށް ކައުންސިލުގެ އަޣުލަބިއްޔަތުން ނިންމާފައިވާ ކަމަށް ޒަކަރިއްޔާ ހަސަން ވިދާޅުވި އެވެ.

އިއްޔެ އޮތް ހދ އަތޮޅު ކައުންސިލުގެ ބައްދަލުވުމަށް ހާޒިރުވި 9 ކައުންސިލަރުންގެ ތެރެއިން 7 ކައުންސިލަރަކު، ސޭލަރ ގުރޫޕްގެ އަތުން ނެގުމަށް ތާއީދު ކޮށްފައިވާއިރު، އެކަމާ ދެކޮޅަށް ވޯޓު ދެއްވާފައިވަނީ އެންމެ މެމްބަރެކެވެ. މައުލޫމާތު ލިބޭގޮތުގައި ދެކޮޅަށް ވޯޓު ދެއްވާފައިވަނީ ވައިކަރަދޫ ދާއިރާގެ އަތޮޅު ކައުންސިލު މެމްބަރު ހުސެއިން ރަޝީދު އެވެ.

ހދ އަތޮޅު ކައުންސިލުގެ މެމްބަރު ޒަކަރިއްޔާ ހަސަން ވިދާޅުވީ، މި ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުން ފެށިގެން 3 މަސް ދުވަހުގެ ތެރޭގައި އަތޮޅު ކައުންސިލާ ރަށްވެހިގެ ހަވާލުކުރަންޖެހޭނެ ކަމަށެވެ. އޭގެ ފަހުން އަތޮޅު ކައުންސިލުން ގޮތެއް ނިންމާ، ރަށްވެހިގެ ކުއްޔަށް ދިނުމަށް ބިޑް ހުޅުވާލާނެ ކަމަށް ޒަކަރިއްޔާ ވިދާޅުވި އެވެ.

މިމައްސަލައާ ބެހޭގޮތުން ހދ އަތޮޅު ކައުންސިލުގެ ނައިބު ރައީސް މުޙައްމަދު ޤާސިމް ކުރިން ވިދާޅުވެފައި ވަނީ، ސޭލަރ ގުރޫޕުން ހދ އަތޮޅު ރަށްވެހިގެ ކުއްޔަށް ހިފުމަށްޓަކައި ކައުންސިލާއި އެގުރޫޕާއި ދެމެދު ވެފައިވާ އެއްބަސްވުމާ ހިލާފުވެފައިވާތީ އެމައްސަލަ މިމަހުގެ 16 ވަނަ ދުވަހު ބޭއްވި ހދ އަތޮޅު ކައުންސިލުގެ 35 ވަނަ ޖަލްސާއަށް އެޖެންޑާ ކުރި ކަމަށާއި އެޖަލްސާގައި އެއްބަސްވުމާ ހިލާފުވި މައްސަލައިގައި ކައުންސިލުގެ މެމްބަރުން ބަހުސްކޮށް ދެހުށަހެޅުމެއް ހުށަހެޅި ކަމަށެވެ. މެމްބަރުން ހުށަހެޅި ދެހުށަހެޅުންވެސް އެދުވަހު ފާހެއް ނުވި އެވެ.

އެއްބަސްވުމާ ހިލާފަށް ކޮށްފައިވާ ކަންތައްތައް ކަމަށް ކައުންސިލުގެ މެމްބަރެއް ކުރިން ވިދާޅުވެފައި ވަނީ، އެއްބަސްވުމާ ހިލާފަށް އަތޮޅު ރަށްވެހިގޭގައި އެމްޑީޕީގެ ދިދަ ނަގައި، އަތޮޅު ކައުންސިލަށް އެންގުމެއް ނެތި ރަށްވެހިގޭގައި ހަދާފައި ހުރި ގުދަނެއް ހަލާކުކޮށްފައި ވުމާއި ސޭލަރ ގުރޫޕުން ހުށަހެޅި ޕުރޮޕޯސަލްއާ އެއްގޮތަށް އެއްވެސް ކަމެއް ކޮށްފައި ނުވުމެވެ.

މިމައްސަލައިގައި ރަށްވެހިގެ ކުއްޔަށް ހިފާފައިވާ ސޭލަރ ގުރޫޕުގެ ވެރިޔާ ހުސެއިން އާދަމް އަށް ފޯނުން ގުޅާލުމުން ވިދާޅުވީ، މިމައްސަލައާ ބެހޭގޮތުން އެއްވެސް އެއްޗެއް މީޑިޔާ އަށް ހިއްސާކުރަން ބޭނުންނުވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355