twitterviber whatsapp telegramfacebookyoutube instagram
19th April 2024

ހިރަފުސް ދަނޑުގެ މަސައްކަތް ހުއްޓާލާފައިވަނީ ބަޖެޓް ނެތިގެންކަމަށް އެދަނޑު ތަރައްޤީކުރުމަށް އެކުލަވާލި ކޮމެޓީން ބުނެފި

Nov 27, 2011

އިބްރާހިމް ހަމީދު

ކުޅުދުއްފުށީގައި ފުޓްބޯޅަ ތަރައްގީ ކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ ޒުވާނުންގެ ބަޔަކު އިސްނަގައިގެން ކުޅުދުއްފުށީ އިރުމަތި އަވަށުގައި ހަދަމުންދާ “ހިރަފުސް” ދަނޑުގެ މަސައްކަތް ބަޖެޓް ނެތުމުގެ ސަބަބުން މެދުކެނޑިފައިވާ ކަމަށް އެދަނޑުގެ މަސައްކަތް ކުރުމަށް އެކުލަވާލި ކޮމެޓީން ބުނެފި އެވެ.

މިމަޝްރޫއުގެ މަސައްކަތް ހިގަމުންދާ ގޮތާއި ބެހޭގޮތުން ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން، ދަނޑު ހެދުމުގެ މަސައްކަތް ރާވާ ހިންގުމަށް އުފައްދާފައިވާ ކޮމެޓީގެ ރައީސް މުހައްމަދު ހަސަން ވިދާޅުވީ، ސަރުކާރުން ތަކެތި ދީގެން ކުރިއަށްދާ މިމަޝްރޫއަކީ އެދަނޑުގައި ކުޅޭ ކުޅުންތެރިންގެ އެހީތެރިކަމާއެކު ހިލޭ ސާބަހަށް ކުރަމުންދާ މަސައްކަތެއް ކަމަށާއި މިހާރު އެމަސައްކަތް ހުއްޓާލާފައިވަނީ އެކަމަށް ބޭނުންވާ ބަޖެޓް ނުލިބިގެން ކަމަށެވެ.

“ސަރުކާރުން އަޅުގަނޑުމެންނަށް ފުރަތަމަ އެންގީ އެކަމަށް ކިހާ ހަރަދެއް ހިގާނެތޯ؟ ދާނެ ހަރަދު އެގޭނެހެން އަގު ހުށަހެޅުމަށް އެދުމުން އަޅުގަނޑުމެން ހުށަހެޅި އަގަކީ 398000 ރުފިޔާ. އެއަގު ހުށަހެޅުމުން ސަރުކާރުން ބުނީ ތަކެއްޗަށް ނުޖެހި މަސައްކަތް ނިންމާލެވޭނެ ކަމަށް.” މުހައްމަދު ހަސަން ވިދާޅުވި އެވެ. ” (އެގޮތަށް) ބުނުމުން އަޅުގަނޑުމެން އެމަސައްކަތް ފެށީ.”

ހިރަފުސް ދަނޑުގެ މަސައްކަތް ކުރުމަށް އެކުލަވާލި ކޮމެޓީން ބުނީ އެދަނޑުގެ ވަށާ ފާރުގެ ފައުންޑޭޝަން އަޅާފައިވާ ކަމަށާއި އެހެން ނަމަވެސް ސަރުކާރުން ބަޖެޓް ނެތިގެން އެމަސައްކަތަށް ބޭނުންވާ ސާމާނު ލިބިފައި ނުވުމުގެ ސަބަބުން އެމަސައްކަތްވެސް ހުއްޓިފައިވާ ކަމަށެވެ.

ކުރިން ދަނޑު ހެދުމަށް ބޭނުންވާ ތަކެތި ދެމުން އައި ނަމަވެސް މިހާރު ބަޖެޓްގެ ތާށިކަން ހުރުމުގެ ސަބަބުން އެތަކެތި ފޯރުކޮށްދެވެން ނެތް ވާހަކަ ހިރަފުސް ދަނޑު ހަދަމުންދާ ކޮމެޓީއަށް އަންގާފައިވާނެ ކަމަށް މަތި އުތުރު ގައުމީ އިދާރާގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ހުނެއިފް ވިދާޅުވި އެވެ. އެހެންނަމަވެސް އަލުން އެދަނޑު ހެދުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދެވޭނެ ވަކި ދުވަހެއް ސްޓޭޓް މިނިސްޓަރ ހުނައިފް ވިދާޅެއް ނުވެއެވެ.

ކުޅުދުއްފުށީ އިރުމަތީ އަވަށުގައި ޒަމާންތަކެއް ވަންދެން ފުޓްބޯޅަ ކުޅެމުން އައި ދަނޑު ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރުމަށް އެކުލަވާލި ކޮމެޓީ ގެ ރައީސް ވިދާޅުވީ، އެދަނޑުގެ ފަސްގަނޑު އެއްވަރުކޮށްފައި ވަނީ، ކުޅުދުއްފުށީ މަގުހަދާ ޔުނިޓްގެ ވެހިކަލްތަކާއި އެމްޑަބްލިޔުއެސްސީގެ ވެހިކަލް ބޭނުން ކޮށްގެން ކަމަށެވެ. އަދި އެދަނޑު ދިއްލުމަށް ބޭނުންވާ ލައިޓިންގ ސިސްޓަމް ހަދިޔާކޮށްފައި ވަނީ އަމީން ކޮންސްޓްރަކްޝަނުން ކަމަށާއި ދަނޑަށް ފެން ޖެހުމަށް ބޭނުންވާ ތަކެތި ހަދިޔާ ކޮށްފައިވަނީ ކުޅުދުއްފުށީ ވައްތީނިގެ އަހްމަދު އާދަމް ކަމަށެވެ. އޭގެ އިތުރުންވެސް ވަރަށް ގިނަ ފަރާތްތަކަކުން ދަނޑު ހެދުމަށް ފައިސާގެ އެހީތެރިކަން ފޯރު ކޮށްދީފައިވާ ކަމަށް މުހައްމަދު ހަސަން ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355