twitterviber whatsapp telegramfacebookyoutube instagram
19th April 2024

“ހުބަސާނަ 2011″ 1 ޑިސެމްބަރ ގައި ހަނިމާދޫއަށް އަންނަނީ

Nov 29, 2011

.

-ފެސްޓިވަލްގައި މަޝްހޫރު މިއުޒިކް އާޓިސްޓް މަރިޔަމް އުނޫޝާގެ ވަރަށް ފުރިހަމަ ހަރަކާތްތަކެއް ފެނިގެންދާނެ.

ހާޝިމް އަބޫބަކުރު

ވިޔަފާރި ކުރިއެރުވުމަށް އެހީތެރިވެދޭ މަރުކަޒު (ބީ.ޑީ.އެސް.ސީ) ގެ ފަރާތުން ބާއްވަމުން އަންނަ ހުބަސާނަ ފެސްޓިވަލް، 1 ޑިސެމްބަރ ގައި ހދ. ހަނިމާދޫ ސޯޝަލް ސެންޓަރުގައި ފެށޭނެވެ.

ދިވެހި ފަންނާއި ހުނަރު، ކާބޯތަކެއްޗާއި ސަޤާފީ ހަރަކާތްތަކުގެ އިތުރުން މިއުޒިކްގެ ހަރަކާތްތަކެއް ފެނިގެންދާ މި ފެސްޓިވަލް ކުރިއަށް އޮތް ހަފްތާ ބަންދު ހިމެނޭ ގޮތަށް 3 ދުވަހުގެ މުއްދަތަށް ކުރިއަށް ދާއިރު، ރާއްޖޭގައި އެކިއެކި ޚިދުމަތްދޭ ތަފާތު ކުންފުނިތަކުގެ އިތުރުން، 50 އަށް ވުރެ ގިނަ ސްޓޯލްތަކުގައި ޢާއްމު ފަރާތްތަކުގެ އަމިއްލަ އުފެއްދުންތަކާއި ހުނަރުތައް މި ފެސްޓިވަލްގައި ފެނިގެންދާނެކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި އެންމެން ދަންނަ ރާއްޖޭގެ މަޝްހޫރު މިއުޒިކް އާޓިސްޓް މަރިޔަމް އުނޫޝާ(ކިޑީ)ގެ ވަރަށް ފުރިހަމަ ހަރަކާތްތަކެއްވެސް ފެނިގެންދާނެއެވެ.

ބީ.ޑީ.އެސް.ސީ ގެ މަތިއުތުރު ސަރަޙައްދުގެ ހެލްޕް ޑެސްކް އޮފިސަރ އަލްފާޟިލާ ޙަފްސާ ސަޢީދު ކުޅުދުއްފުށީ އޮންލައިންއަށް މައުލޫމާތު ދެއްވަމުން ވިދާޅުވިގޮތުގައި މި ފެސްޓިވަލްއަކީ ދިވެހިންގެ އަމިއްލަ އުފެއްދުންތަކާއި، ދިވެހިވަންތަ ތަފާތު ފަންނާއި ހުނަރާއި، ކާބޯތަކެތީގެ އިތުރުން ދިވެހި ސަޤާފަތުގެ ތެރޭގައި ހިމެނޭ އެކިއެކި ހަރަކާތްތައް ދިރުވާ އާލާކޮށް ކުރިއެރުވުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވަމުން އަންނަ ސިލްސިލާ ފެސްޓިވަލް ތަކުގެ ތެރެއިން މަތި އުތުރު ސަރަޙައްދަށް އަމާޒުކޮށްގެން ބާއްވާ ފެސްޓިވަލްއެކެވެ. އަދި މިފަދަ މަސައްކަތްތެރީންނަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިހާރަށްވުރެ ރަނގަޅު ވިޔަފާރީގެ ބާޒާރުތަކެއް ހޯދައިދިނުމުގެ އިތުރުން، ރާއްޖެ އަންނަ ފަތުރުވެރީންނަށް  މިފަދަ ދިވެހި އުފެއްދުންތައް ތަޢާރަފުކޮށް ވިއްކުމުގެ މަގު ތަނަވަސްކޮށްދިނުމުގެ މަޤްސަދުގައި ބާއްވާ ފެސްޓިވަލްއެކެވެ.

ހުޅުވުމުގެ ރަސްމިއްޔާތު މިނިސްޓަރ އޮފް ޓުއަރިޒަމް އާރޓްސް އެންޑް ކަލްޗަރ އަލްފާޟިލާ މަރިޔަމް ޒުލްފާ ޝަރަފްވެރިކޮށްދެއްވާ މި ފެސްޓިވަލްގައި 7 ރިޒޯޓަކުން ބައިވެރިވާ ރިޒޯޓް ފޯރަމެއްވެސް ބާއްވާގޮތަށް ހަމަޖެހިފައި ވާކަމަށާއި، މިި ފޯރަމް ވެގެންދާނީ މި ސަރަހައްދުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތާއި ގުޅުވައިދީ، އެ ފަރާތްތަކަށް ފަތުރުވެރިކަމުގެ ސިނާއަތުން ރަނގަޅު މާކެޓެއް ހޯދައިދިނުމަށް އެޅިގެންދާ ވަރަށް ރަނގަޅު ބިންގަލެއްކަމަށް ހަފްސާ ސަޢީދު ވިދާޅުވިއެވެ. މީގެ އިތުރުން މި ފެސްޓިވަލްގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތައް ބައިވެރިކުރާ ފަރާތްތަކަށް ތަފާތު ފަންނީ ހުނަރުތައް ދަސްކޮށް ދިނުމަށާއި އެ ފަރާތްތަކުގެ އުފެއްދުންތައް ރަނގަޅު ފެންވަރެއްގައި ބަންދުކޮށް ލޭބަލްކުރުމާއި މާކެޓްކުރުމުގެ މައުލޫމާތު ދިނުންމަށް ހަމަޖެހިފައިވާކަމަށްވެސް ހަފްސާ ވިދާޅުވިއެވެ.

ހަފްސާ އިތުރަށް ވިދާޅުވި ގޮތުގައި މި ފެސްޓިވަލްއަށް ޒިޔާރަތް ކުރައްވާ ބޭފުޅުންނަށް ފެރީގެ ނިޒާމެއްގެ ތެރެއިން ދަތުރުފަތުރުގެ ޚިދުމަތްދިނުމުގެ އިންތިޒާމްތައް ހަމަޖައްސުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރެވެމުންނެވެ.

ހުބަސާނައިގެ ނަމުގައި ވަރަށް ކާމިޔާބު ފެސްޓިވަލެއް އައްޑޫ ސިޓީގައި މިދިޔަ އޮކްޓޯބަރ މަހު ބާއްވާފައި ވާއިރު، ނިމިގެން ދިޔަ ސާރކް ސަމިޓްގެ ތެރޭގައި ހިންގި ހުބަސާނަ ފެސްޓިވަލްގެ ހަރަކާތްތަކަށް ރާއްޖެއާއި ރާއްޖޭން ބޭރުގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355