.
އިބްރާހިމް ހަމީދު
ކުޅުދުއްފުށީ އަމީނީމަގު ހެދުމުގެ މަސައްކަތް ކުރާ މޯލްޑިވްސް ރޯޑް ޑިވެލޮމްމަންޓް ކޯޕަރޭޝަންގެ ދިވެހި މުވައްޒަފުންނަށް އިތުރު ގަޑީގެ އެލަވަންސް ނުލިބޭކަމަށް ބުނެ މަސައްކަތަށް ނުކުންނަން ދެކޮޅު ހަދައިފިއެވެ.
މިއަދު ހެނދުނު މަސައްކަތުގެ ސައިޓަށް ހާޒިރު ވާންޖެހޭ ގަޑިއަށް ހާޒިރުވި ކަމުގައި ވިޔަސް އެއްވެސް ދިވެހި މުވައްޒަފެއް މަސައްކަތް ކޮށްފައެއް ނުވެއެވެ.
މިކަމާއި ބެހޭގޮތުން މައުލޫމާތު ސާފުކުރުމުގެ ގޮތުން އެކުންފުނީގެ ކުޅުދުއްފުށީ ސައިޓް ކޯޑިނޭޓަރ މުހައްމަދު ޖައުފަރު ވިދާޅުވީ، އިތުރު ގަޑީގެ އެލަވަންސް ނުލިބުމުގެ ޝަކުވާ ވަރަށް ގިނައިން ލިބެމުން ދާކަމަށާއި ނިމުނު މަހުވެސް އެކަން އެގޮތަށް ދިމާވެފައިވާ ކަމަށް ބުނެ ބައެއް މުވައްޒަފުން ޝަކުވާ ކުރަމުންދާ ކަމަށެވެ. ކުޅުދުއްފުށީ ސައިޓުގެ ފަރާތުން އެމައްސަލަ ވަނީ މާލޭގައި ހުންނަ ހެޑް އޮފީހަށް ހުށަހަޅާފައެވެ. ކުޅުދުއްފުށީ ސައިޓަށް އެކަން ބެލޭނީ ބޭންކް ސްޓޭޓްމަންޓް ލިބިގެން ކަމަށް އެފަރާތުން ބުނެއެވެ.
މިކަމާއި ބެހޭގޮތުން މިއަދު މާލޭގައި ހުންނަ ހެޑް އޮފީހުގައި އޮތް މީޓީންގ އެއްގައި ވާހަކަ ދެކެވިފައި ވެއެވެ. އަދި މިކަމަށް ހައްލެއް ލިބުމުން މަސައްކަތަށް ނުކުންނާނެ ކަމަށް މުވައްޒަފުންވެސް ބުނެއެވެ
ކުޅުދުއްފުށީ އޮންލައިނަށް މަޢުލޫމާތު ލިބިފައިވާގޮތުގައި ކުޅުދުއްފުށީ އަމީނީމަގުގެ އަމަލީ މަސައްކަތް ފެށިފަހުން މިވީ 8 މަސްދުވަހުގެ ތެރޭގައި މުވައްޒަފުންގެ އިތުރުގަޑީގެ ފައިސާ އާއި އެލަވަންސްތަކުގެ މައްސަލަތައް ޖެހިގެން މީގެ ކުރިންވެސް އިތުރުގަޑީގައި ބައެއް މުވައްޒަފުން މަސައްކަތް ނުކޮށް ހުއްޓާލާފައި ވެއެވެ.
ކުޅުދުއްފުށީގެ އަމީނީ މަގުގެ ގާއެތުރުމުގެ މަސައްކަތް ފިޔަވާ އެހެން މަސައްކަތުގެ 55 ޕަސެންޓް ނިމިފައިވާ ކަމަށް އެމްއާރުޑީސީއިން މަޢުލޫމަތުދެއެވެ. މި މަސައްކަތް ފަށާފައިވަނީ މިއަހަރުގެ އެޕްރީލްމަހުއެވެ.