.
އިބްރާހިމް ހަމީދު
ތިލަދުންމަތީ ދެކުނުބުރި ނޮޅިވަރަންފަރުގައި ފަނަރަ އަހަރުގެ އަންހެން ކުއްޖަކަށް ބިރުދައްކައި ޖިންސީ ގޯނާ ކުރަން އުޅުނު ބަޔަކު ހައްޔަރު ކޮށްފިއެވެ.
ވަޅިން ބިރުދައްކާ ޖިންސީ ގޯނާކުރަން އުޅުނު އަންހެން ކުއްޖަކީ ހދ. މައިވާދޫއިން ނޮޅިވަރަންފަރަށް ބަދަލުވެ މިހާރު ނޮޅިވަރަންފަރުގެ ރައްވެއްސަކަށްވެ ސްކޫލުގައި ކިޔަވާ ކުއްޖެކެވެ.
އިއްޔެރޭ ހިނގާދިޔަ ހާދިސާއާއި ގުޅިގެން ނޮޅިވަރަންފަރުން ވާހަކަ ދެއްކި މީހަކު ބުނީ ގުރޫޕު ހަދައިގެން އަންހެން ކުއްޖަކަށް ވަޅިން ބިރު ދައްކައިގެން ޖިންސީ ގޯނާ ކުރަން މަސައްކަތް ކޮށްފައިވާ ކަމަށާއި އަދި އެކުއްޖާ އެމީހުންނާ ފިލަން ވެގެން އެރަށު ވަލުތެރެއަށް ވަތްކަމަށެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ސަބް އިނިސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ޝިޔާމް ވިދާޅުވީ ނޮޅިވަރަންފަރުގެ ގުރޫޕަކުން ރޭ އަންހެން ކުއްޖަކަށް ބިރުދައްކައި ޖިންސީ ގޯނާ ކުރަން އުޅުނު ނަމަވެސް، އެ ކުއްޖާ އެމީހުން ކައިރިން ސަލާމަތް ވެފައިވާ ކަމަށާއި އަދި އެ މައްސަލައިގެ ތުހުމަތުގައި އެރަށުން ހަތަރު މީހަކު ހައްޔަރު ކޮށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް މީޑިއާ އޮފިޝަލް ނުދެއްވަ އެވެ.
ނޮޅިވަރަންފަރު ކައުންސިލްގެ ނައިބް ރައީސް މުހައްމަދު ހަސަން ވިދާޅުވީ އެހާދިސާ ހިނގައި ދިޔަކަން އެނގުނީ މިއަދު ކަމަށާއި ހާދިސާއާއި ބެހޭ މާގިނަ މައުލޫމާތު ތަކެއް ލިބިފައި ނެތް ކަމަށެވެ. ނަމަވެސް މައްސަލައިގެ ސަބަބުން ރަށުތެރެ ކޮންމެވެސް ވަރަކަށް ހަލަބޮލި ވެފައިވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރު ރަށުތެރެވަނީ ހަމަޔަކަށް އެޅިފައެވެ.