.
އިބްރާހިމް ހަމީދު
– ދަނޑުވެރިކަން ކުރުމަށް ބިންހޯދުމަށް 14 ފަރާތަކުން ކުރިމަތިލި.
ހދ. އަތޮޅު ގައި ކުޅުދުއްފުށީގެ ހުޅަނގުން އޮންނަ ކޭލަކުނު ގައި ބޯޓްޔާޑަކާއި ސްލިޕްވޭއެއް ހެދުމަށް ބިން ހޯދުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލުމުން އެއްވެސް ފަރާތަކުން ކުރިމަތި ލާފައިނުވާ ކަމަށް ހދ. އަތޮޅު ކައުންސިލުން ބުނެފިއެވެ.
ރަށްބެލެހެއްޓުމުގެ މަސައްކަތް ވަގުތީގޮތުން ހަވާލު ކުރެވިފައިވާ ހދ. އަތޮޅު ކައުންސިލް އިން އެރަށުގައި ދަނޑުވެރިކަން ކުރުމަށާއި، ބޯޓުޔާޑެއް ހެދުމަށާއި ސްލިޕްވޭއެއް ހެދުމަށް އަމިއްލަފަރާތްތަކަށް ހުޅުވާލުމަށް ނިންމައި، އިއުލާން ކުރުމުން 14 ފަރާތަކުން ކުރިމަތި ލައިފައިވާކަމަށް މީޑިއަރ ކޯޑިނޭޓަރ އަލީ މުހައްމަދު ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވިއެވެ.
“ބިމަށް އެދި ހުށަހަޅާފައި ވަނީ 14 ފަރާތަކުން. އެ 14 ފަރާތުން ވެސް ޝައުގުވެރިކަން ފާޅުކުރީ ދަނޑުވެރިކަން ކުރުމަށް. ބޯޓު ޔާޑާއި ސްލިޕްވޭ ހެދުމަށް އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅެއް ނުކުރޭ.” އަލީ މުހައްމަދު ވިދާޅުވިއެވެ.
ދަނޑުވެރިކަމަށް ހުށަހަޅާފައިވާ ހުށަހެޅުން ތަކުގެ ތެރޭގައި ވަރަށް ރަނގަޅު ހުށަހެޅުންތައް ހުރިކަމަށް މީޑިއަރ ކޯޑިނޭޓަރ މައުލޫމާތު ދެއްވިއެވެ.
“ކޭލަކުނުން ތިރީސް ހެކްޓަރުގެ ބިން ކުކުޅު ފާމެއް ހެދުމަށް ބޭނުންވާ ކަމަށް އެބައޮތް ހުށަހަޅާފައި. އެފަރާތުން ކޭލަކުނުގައި ދުއިސައްތަ ފޫޓް ތިން ސަތޭކަފޫޓް ބަނދަރެއް ހެދުމަށްވެސް ހުށައަޅާފައި ވޭ. ދެން ހުރީ މެދުފަންތީގެ ދަނޑުވެރިކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ހުށައެޅުންތައް.” އަލީ މުހައްމަދު ވިދާޅުވިއެވެ.
ހުށައަޅާފައިވާ ހުށައެޅުންތައް ބެލުމަށްފަހު ކައުންސިލުން ބިންދޫކުރާނޭ މުއްދަތަކާއި ބޮޑުމިނެއް ނިންމާނެކަމަށްވެސް އަތޮޅު ކައުންސިލްއިން މައުލޫމާތު ދެއްވިއެވެ.
މަތި އުތުރު ސަރަހައްދުގެ ބައެއް ވިޔަފާރިވެރިން މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ބޯޓުޔާޑާއި ސްލިޕްވޭ ހެދުމަށް އެފަރާތްތަކުން ކުރިމަތި ނުލީ ކޭލަކުނަކީ އަތޮޅު ކައުންސިލްއާއި ވަގުތީ ގޮތުން ހަވާލު ކުރެވިފައިވާ ތަނަކަށް ވާތީ ބޮޑު އިންވެސްޓްމަންޓެއް ކުރަން ބޭނުން ނުވާތީއެވެ.