.
އިބްރާހިމް ހަމީދު
ކުޅުދުއްފުށީ ޑެވެލޮޕްމަންޓް ޒޯން ނުވަތަ ކުޅުދުއްފުށީ ހިއްކިބިން ތަރައްގީ ކުރުމަށް އުފެއްދި ކުޅުދުއްފުށީ ޑެވެލޮޕްމަންޓް ކޯޕަރޭޝަންއާ އެބިން ހަވާލުކުރި ފަހުން އެބިން ތަރައްގީ ކުރުމަށް ރޭވިފައިވާ މަސައްކަތްތަކުގެ ތެރެއިން ކުރެވޭ ފުރަތަމަ މަސައްކަތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ނޫމަޑި ރިޒޯޓްސް އެންޑް ރެސިޑެންޓްސްއާ ހަވާލުކޮށްގެން ހިއްކި ބިމުގައި ފުރަތަމަ އަޅާ 60 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ފަށާފައި ވަނީ ޑިސެމްބަރު 15 ވަނަ ދުވަހުއެވެ. މިހައުސިން ޔުނިޓްތަކަކީ 3 ކޮޓަރީގެ އެޕާޓްމަންޓް ސްޓައިލްއަށް އެޅޭ ހައުސިންގ ޔުނިޓްތަކެކެވެ.
ނޫމަޑި ކޮމްޕެނީގެ ކޮންޓްރެކްޓަރ އައިލެންޑް އެކްސްޕާޓްގެ ޑިރެކްޓަރ އަހްމަދު މުޖްތަބާ ވިދާޅުވީ، އެކުންފުނިން ކުޅުދުއްފުށީ ހިއްކި ބިމުގައި ހައުސިން ޔުނިޓްތައް އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދަށް މިމަހު އެއްވަނަ ދުވަހު ތަކެތި ގެންދިއުމަށްފަހު މަސައްކަތް ފެށިއެވެ. ނަމަވެސް ހިއްކި ބިމުގެ ލޭންޑް ޔޫސް ޕްލޭނަށް އައި ބަދަލަކާއި ގުޅިގެން ކުޅުދުއްފުށީ ޑިވޮލޮޕްމަންޓް ކޯޕަރޭޝަނުން އަންގައިގެން ހިއްކި ބިމުގައި ކުރިން މަސައްކަތްފެށިސަރަހައްދުން އެހެން ސަރަހައްދަކަށް ވަނީ ބަދަލު ކޮށްފައެވެ.
“ޓެކްނިކަލް މައްސަލައެއް ދިމާނުވެ މަސައްކަތް ކުރިއަށް ދާކަމަށް ވަނީނަމަ ކުރިއަަށް އޮތް ހަމަސް ދުވަހުގެ ތެރޭގައި މިވަގުތަށް އެޅުމަށް ހަމަޖެހިފައިވާ ހައުސިން ޔުނިޓްގެ ސްޓްރަކުޗާރ މަސައްކަތް ނިންމާލެވޭނޭ.” ކުޅުދުއްފުށީގައި ކުރުމަށް ނޫމަޑި ކޮންޕެނީއާއި ހަވާލުކުރެވޭ ހުރިހާ މަސައްކަތެއްގެވެސް ކޮންޓްރެކްޓަރ ކަމުގައިވާ އައިލެންޑް އެކްސްޕާޓްގެ ޑިރެކްޓަރ އަހްމަދު މުޖްތަބާ ވިދާޅުވިއެވެ.
މިހާރުވެސް ކުޅުދުއްފުށީ ހަސަނާތު މިސްކިތުގެ އިރުމަތިން އޮންނަ ބިމުގައި އައިލެންޑް އެކްސްޕާޓުން އިމާރާތް ކުރަމުންދާ 40 ހައުސިން ޔުނިޓްގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދެއެވެ. އަދި ހދ. ހަނިމާދޫގައި 100 ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.
ކުޅުދުއްފުށީ ހިއްކި ބިމުގެ ލޭންޑް ޔޫސް ޕްލޭނަށް އައި ބަދަލާއި ގުޅިގެން ކުޅުދުއްފުށީ ޑިވޮލޮޕްމަންޓް ކޯޕަރޭޝަންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.