އަންނަ އަހަރު މުޅި ރާއްޖޭގައި ބްރޯޑްކާސްޓްކުރުމަށް ފަސް ފްރިކުއެންސީއެއް ބީލަމަށް ލުމަށް ތައްޔާރުވަމުން އަންނަ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަނުން ބުނެފިއެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަނުން އިއްޔެ ބުނެފައިވަނީ، އަންނަ އަހަރު ބީލަމަށް ހުޅުވާލާނެ ޓެރެސެސްޓްރިއަލް ޓީވީ ފްރިކުއެންސީގެ އަދަދެއްގެ ގޮތުގައި އެ ކޮމިޝަނުން ކަނޑައަޅާފައިވަނީ ތިން ފްރިކުއެންސީ ކަމަށެވެ. އަދި އެފް.އެމް ރޭޑިއޯ ފްރިކުއެންސީގެ އަދަދެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ދެ ފްރިކުއެންސީ އެއް ކަމަށެވެ.
2012 ވަނަ އަހަރު ބީލަމަށް ހުޅުވާލާނެ ޓީވީ އަދި ރޭޑިއޯ ފްރީކުއެންސީގެ އަދަދު ކަނޑައެޅުމުގައި ބްރޯޑްކާސްޓިން ދާއިރާ މިހާރު އޮތް މަރުހަލާ އާއި، ވިޔަފާރި އުސޫލުން، ދެމެހެއްޓެނިވި އަދި ޒިންމާދާރު ގޮތެއްގައި ބްރޯޑްކާސްޓްކުރުމުގެ ދާއިރާ ކުރިއެރުވޭނެ ވާދަވެރި މާހައުލެއް ގާއިމުކުރެވޭނެ ގޮތުގެ މައްޗަށް މި ކޮމިޝަނުން ރިއާޔަތްކޮށްފައިވާނެ ކަމަށް އެކޮމިޝަނުން ބުނެއެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން އިއްޔެ ނެރެފައިވާ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޓީވީ އަދި ރޭޑިޔޯ ފްރިކުއެންސީ ބީލަމަށް ލުމުގެ ކުރިން އެކަމާގުޅޭ ގަވާއިދުތައް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
“މި ގޮތުން، ފްރިކުއެންސީ ގަވައިދާއި ބްރޯޑްކާސްޓްކުރުމުގެ ގަވައިދާއި ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑާއި، އޭގެ ތެރޭގައި ހިމެނޭ އެހެނިހެން މިންގަނޑުތަކަށް ޚިޔާލު ހުށަހެޅުމަށް އާންމުކޮށް ހުޅުވާލުމުން ލިބިފައިވާ ޚިޔާލުތައް، ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީގައި ދިރާސާކުރުމާއި، އެ ގަވައިދުތަކަށް ގާނޫނީ ލަފާ ހޯދުމުގެ މަސައްކަތް ވެސް ވަރަށް ބާރަށް ދަނީ ކުރިއަށް” އެބަޔާނުގައި ވެއެވެ.
އަދި ގަވާއިދުތައް ނިމުނުހާ އަވަހަކަށް ގަވައިދުތައް އާންމުކުރުމަށްފަހު، ފްރިކުއެންސީގެ ބީލަން ހުޅުވާލާ ގޮތަށް ވަނީ ހަމަޖެހިފައިވާ ކަމަށާއި ފްރިކުއެންސީގެ ބީލަން ފޮތް ތައްޔާރުކުރުމުގެ މަސައްކަތުގެ ވެސް ބޮޑު ބައެއްވެސް މިހާރު ނިމިފައިވާ ކަމަށް އެކޮމިޝަނުން ބުނެއެވެ.