twitterviber whatsapp telegramfacebookyoutube instagram
18th April 2024

ނޯޓްފޮތް – ކުޅުދުއްފުށީ ޓީވީ އާއި ރޭޑިޔޯ ވުޖޫދަށް ގެންނަންވެއްޖެ

Dec 21, 2011

.

ނޯޓްފޮތް

ވަރަށް ފަހުންވަނީ ކުޅުދުއްފުށީގައި ހިންގި އެމްއެންބީސީގެ މީޑިއާ ސެންޓަރު އުވާލާފައެވެ. މީޑިއާ ސެންޓަރު ފާހަގަކުރެވުނީ ކުޅުދުއްފުއްޓާއި މި އަތޮޅުގެ ޚަބަރާއި އާދަކާދައާއި ވާހަކަތައް ރާއްޖޭގެ އެހެން ރައްޔިތުންނަށް ފޯރުކޮށްދިން މެދުވެރިއެއްގެ ގޮތުގައެވެ.

މިއީ މައުލޫމާތުގެ ޒަމާނެވެ. މި ޒަމާނުގައި ތަރައްގީގައި ކުރިއަށްދެވެން އޮންނަނީ ކެނޑިނޭޅި ބަދަލުވަމުންދާ، މައުލޫމާތުތަކަށް ލޯހުޅުވި، އޭގެ ބޭނުން ހިފަން އެނގޭ މިންވަރެއްގެ މައްޗަށެވެ. ހަމަ އެގޮތަށް މައުލޫމާތު ފޯރުކޮށްދިނުމަކީ، ތަރައްގީގައި ކުރިއަށް ދާން ބޭނުންނަމަ، މައުލޫމާތު ލިބިގަތުމާއި އެއްވަރަށް މުހިންމުކަމެކެވެ. ރަށާއި އަތޮޅުގެ ވާހަކަތަކާއި، ރަށާއި އަތޮޅުން ލިބެންހުރި ފުރުސަތުތައް، އެނގުން މުހިންމު ވާނޭ ބަޔަކު އަބަދުވެސް ތިބޭނެއެވެ. އެފަރާތްތަކަށް، އެންމެ ފަސޭހައިން އަހަރެމެން ބޭނުންވާގޮތަށް، ބޭނުންވާ ދަނޑިވަޅުގައި، އެ މައުލޫމާތު ފޯރުކޮށްދެވޭނީ އަމިއްލަ ރޭޑިޔޯ ޗެނަލެއް ނުވަތަ ޓީވީ ޗެނަލެއް އުފައްދައިގެންނެވެ.

މިއީ، ޑިމޮކްރަސީގެ ޒަމާނެވެ. ސިޔާސަތު ރާވާ މީހުންނަށް އަހަރެމެންގެ ވާހަކަތަކާއި ޝުޢޫރުތައް ކެނޑިނޭޅި އިއްވަންޖެހެއެވެ. އެއީ ސިޔާސަތު ރާވާ ފަރާތްތަކުގެ ފޯކަސްގައި ރަށާއި އަތޮޅު ބޭއްވުމަށެވެ. ސިޔާސީ ފަރާތްތަކަށް ބާރުގައި ދެމިތިބުމަށް ބޭނުންވާނީ، ތާއީދެވެ. ވޯޓެވެ. އެވޯޓަށް އަސަރު ފޯރުވާނީ ހިންގާ ސިޔާސަތުތަކެވެ. އަހަރެމެން ބޭނުންވާ ކަންކަމާއި، އެ ކަންކަން ބޭނުންވާގޮތް ސިޔާސަތު ރާވާ ފަރާތްތަކަށް އަންގައި ނުދެވޭނަމަ، އަހަރެމެން ތިބޭނީ، އަބަދުވެސް ހަވާސާގައެވެ. އެހެން ގޮތަކަށް ބުނާނަމަ، ކަންކަމަށް ޑިމާންޑްކުރުމަކީ، ޑިމޮކްރަސީގައި އޮންނަކަމެކެވެ. އަހަރެމެންގެ ޝުޢޫރުތައް އެންމެ ފަސޭހައިން، ބޭނުންވާގޮތަށް ފާޅުކޮށްލެވޭނީ ކުޅުދުއްފުށީ ޓީވީއިން ނުވަތަ ކުޅުދުއްފުށީ ރޭޑިޔޯއިންނެވެ. ކުޅުދުއްފުއްޓާއި ތިލަދުންމަތި މީޑިޔާގެ ފަލަ ސުރުޚީގައި ބޭއްވުމަކީ ތަރައްގީ ބޭނުންނަމަ އަހަރެމެން ކުރަންޖެހޭނެ ކަމެކެވެ.

ކުޅުދުއްފުށީ ރޭޑިޔޯއާއި ޓީވީ ހިންގުމަށް، މީޑިއާ ސެންޓަރު ލިބިއްޖެނަމަ ވަރަށް ރަނގަޅުވާނެއެވެ. ނޫންނަމަ އެނޫންވެސް، ރައްޔިތުންގެ އިމާރާތެއް ރަނގަޅުވާނެއެވެ. މާބޮޑު ޖާގައެއްވެސް ބޭނުންވާނެހެނެއް ހިއެއް ނުވެއެވެ. ފަށައިގަތުމަށް ކުރަންޖެހޭ އިންވެސްޓްމެންޓްވެސް އެހާ ބޮޑުވާނެކަމަކަށް ލަފާއެއް ނުކުރެވެއެވެ. މީޑިއާ ސެންޓަރުގައި ބޭނުންކުރި އިކްއިޕްމެންޓް ލިބިއްޖެނަމަ، ނޫނީ ސަރުކާރުން އެހީތެރިވެދެއްވައިފިނަމަ، އެއީ އިތުރު ލުއިކަމެކެވެ. އެހީ ހޯދުމަށް ބޭރުގެ ޖަމާޢަތަކާއި ދިމާލަށްވެސް ދެވިދާނެއެވެ.

އަމިއްލަ މީޑިއާއެއް ހޯދުމުގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން މިހާރު ބީލަމަށް ހުޅުވާލަން އުޅޭ ފްރިކްއެންސީތަކުގެ ތެރެއިން ފްރިކްއެންސީއެއް ހޯދުމަށް ރަށުކައުންސިލުން ނޫނީ އަތޮޅު ކައުންސިލުން ކުރިމަތިލެވިދާނެއެވެ. ފުރަތަމަ ފިޔަވަޅު އަޅަން މިދަނޑިވަޅު ރަނގަޅުކަމަށް ދެކެމެވެ.

އެފްޓީވީގެ ނަމުގައި ފުވައްމުލަކުގައިވެސް އެވެރިންގެ އަމިއްލަ ޓީވީޗެނަލެއް ހަދާ ވާހަކަދެކެވެއެވެ. އައްޑު އަތޮޅުގެ ރައްޔިތުންގެ އުއްމީދަކީވެސް އެވެރިންގެ އަމިއްލަ ރޭޑިޔޯއާއި ޓީވީ ޗެނަލެއް ވުޖޫދަށް ގެނައުމެވެ. ވަރަށް ފަހުން އައްޑޫ ސިޓީ ކައުންސިލުން އެފަދަ ސްޓޭޝަނެއް، ސ. އަތޮޅު މީޑިއާ ސެންޓަރު ހިންގި އިމާރާތުގައި ފެށުމުގެ ޚިޔާލުވަނީ ފާޅުކޮށްފައެވެ.

މީޑިއާއަކީ ވަރަށް ނުފޫޒުގަދަ، ވަސީލަތެކެވެ. އަހަރެމެންގެ އަމިއްލަ މީޑިއާއެއް ބޭނުންވަނީ، އަހަރެމެންގެ ނުފޫޒާއި ބާރުގަދަކުރާށެވެ. އެހެން ފަރާތްތަކުންވެސް އެމީހުންގެ އަމިއްލަ މީޑިއާއަކަށް އިންވެސްޓްކުރުމުގެ އެއް ބޭނުމަކީ ނުފޫޒާއި ބާރުހޯދުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355