.
އިބްރާހިމް ހަމީދު
2012 ވަނަ އަހަރު ހދ. އަތޮޅު ގުރުއާން މުބާރާތް ބާއްވާނެ ރަށެއް ހޯދުމަށް އަތޮޅުގެރަށް ރަށަށް ފުރުސަތު ހުޅުވާލައިފިއެވެ.
ހދ. އަތޮޅު ޤުރުއާން މުބާރާތް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ އަތޮޅުގައި ހިމެނޭ ރަށްތަކުގެ ތެރެއިން މުބާރާތް ބޭއްވުމަށް އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ރަށެއްގައި ގައެވެ.
އަތޮޅު ކައުންސިލް މެމްބަރު ޒަކަރިއްޔާ ހަސަން ވިދާޅުވީ، އަތޮޅު ކައުންސިލުން މިއަހަރު ވެސް އަތޮޅު ގުރުއާން މުބާރާތް ބޭއްވި އިރުގެ ދިމާވި މައްސަލަތަކާއި ހުރި ގޮންޖެހުންތަކަށް ބަލާފައި އަތޮޅު ކައުންސިލުން ނިންމާފައިވަނީ މިއަހަރުގެ ގުރުއާން މުބާރާތް ބޭއްވުމަށް ހުރިހާ ރަށަކަށްވެސް ފުރުސަތު ހުޅުވާލަންށެވެ.
“މުބާރާތް ބޭއްވުމަށް އެންމެ ރަގަޅު ހުށައެޅުމެއް ހުށައަޅާ ފަރާތަކަށް އެފުރުސަތުދީފައި ކައުންސިލުން މުބާރާތް ބޭއްވުމަށް ވެދެވެން އޮތް އެހީތެރިކަމެއް ދެއްވާ ގޮތަށް ކައުންސިލުން ނިންމާފައިވަނީ.” ޒަކަރިއްޔާ ވިދާޅުވިއެވެ..
ގުރުއާނާބެހޭ މަރުކަޒުން މިދިޔަ އަހަރުގެ މުބާރާތަށް އެހީތެރިކަން ފޯރުކޮށް ދެއްވާފައިވާ ކަމަށާއި މިއަހަރުވެސް އެބޭފުޅުން އަތޮޅު ގުރުއާން މުބާރާތަށް އެހީތެރިކަން ފޯރުކޮށް ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށްވެސް ޒަކަރިއްޔާ ވިދާޅުވިއެވެ.
ހދ. އަތޮޅު ގުރުއާން މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2012 ވަނަ އަހަރު މާޗް މަހުގެ ތެރޭގައެވެ. އަތޮޅު ގުރުއާން މުބާރާތް ބާއްވަނީ ގައުމީ ގުރުއާން މުބާރާތަށް ފޮނުވާނެ ކުދިން ތައްޔާރު ކުރުމުގެ މަގުސަދުގައި ކަމަށް އެކައުންސިލް އިން މައުލޫމާތު ދެއްވައެވެ.