.
އަބްދުލްވާހިދު ހަސަން
ކުޅުދުއްފުއްޓާއި ގާތްގަނޑަކަށް 12 ކިލޯމީޓަރު ދުރުމިނުގައި އޮންނަ ހދ އަތޮޅު ފިނޭ ކައުންސިލުގެ ރައީސް ޝާހީން އަބުދުއްރަޝީދު އާ ބައްދަލުކޮށް ވާހަކަ ދައްކާލުމުން މުޅިންވެސް އަޑު އިވުނީ ޝަކުވާތަކުގެ ވާހަކައެވެ. 525 މީހުންގެ އާބާދީއެއް އޮންނަ ހދ ފިނޭގެ ތަރައްޤީއަށާއި އެރަށުގެ ކުރިމަގަށް ކުރަން ބައިވަރު މަސައްކަތްތަކެއް ހުރިއިރު އެމަސައްކަތް ކުރުމުގައި ދިމާވާ ދަތިތަކުގެ ވާހަކަ ކުޅުދުއްފުށީ އޮންލައިނާއެކު އެރަށުގެ ކައުންސިލުގެ ރައީސް ހިއްސާކުރެއްވި އެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތައް އުފެދުނުފަހުން އެކަށީގެންވާ އެއްވެސް މަސައްކަތެއް ކުރެވިފައިނުވާ ކަމަށް ކައުންސިލުގެ ރައީސް ޝާހީން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ރަށުގެ މާލިއްޔަތުގައި ހުރި ފައިސާ ފިނޭންސް މިނިސްޓްރީން ހިފަހައްޓާފައިވާ ކަމަށާއި ރަށުގެ ތަރައްޤީއަށް ކުރެވެން އޮތީ ފިނޭންސުން ހިފަހައްޓާފައިވާ ފައިސާ ލިބިގެން ކަމަށެވެ.
ފިނޭގައި މިހާރު ޕްރީ ސްކޫލް ހިންގަމުންދަނީ އެރަށު ސްކޫލް ތެރޭގައި ހުންނަ ކުޑަ އިމާރާތެއްގެ ތެރޭގައި އެވެ. ވަކިން ޕްރީ ސްކޫލެއް ނެތުމުން ވަރަށް ދަތިވާ ކަމަށް ކައުންސިލުގެ ރައީސް ޝާހީން ވިދާޅުވި އެވެ.
ޝާހީން އިތުރަށް ވިދާޅުވީ، ހދ އަތޮޅު ކައުންސިލާއި މަތި އުތުރު ސަރަހައްދުގެ ގައުމީ އިދާރާގެ ފަރާތުން ވެސް ފުރިހަމަ އެއްބާރުލުމެއް އެކައުންސިލަށް ލިބެމުން ނުދާކަމަށެވެ. އެހެންނަމަވެސް، އެއްބާރުލުން ނުދެނީ ކޮންކޮން ކަންތައްތަކެއްގައި ކަމެއް ޝާހީން ވިދާޅެއް ނުވެއެވެ.
ކުނި އަޅާނެ ހާއްސަތަނެއް ނެތުމުގެ ސަބަބުން ރަށުގެ އެކި ހިސާބުތަކަށް ކުނި އަޅަމުންދާކަން ކައުންސިލުގެ ރައީސް ހިތާމަޔާ އެކު ފާހަގަ ކުރިއެވެ.
ޑީއާރުޕީގެ 4 ކައުންސިލަރުންނާއި އެމްޑީޕީއަށް ނިސްބަތްވާ 1 ކައުންސިލަރަކު ހުންނަ ހދ ފިނޭ އަކީ، ސާފުތާހިރު ރީތި ރަށެވެ. އާބާދީ މަދު އެރަށުގެ ރައްޔިތުން ތިބީ އަސާސީ ހިދުމަތްތައް ފުރިހަމަ ވާނެ ދުވަހެއްގެ އިންތިޒާރުގައި އެވެ.