.
އޭޝިޔަން ޑިވެލޮޕްމަންޓް ބޭންކް ގެ އެހީއާއެކު މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓުން ހިންގަމުން ގެންދާ ޕްރައިވެޓް ސެކްޓަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ކުޅުދުއްފުށީގައި ތަކެތި ބަންދުކޮށް ލޭބަލް ކުރާނެ ފެސިލިޓީއެއް ގާއިމު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް އެމިނިސްޓްރީ އިން އިއުލާނު ކޮށްފިއެވެ.
މިގޮތުން މި ޕްރޮޖެކްޓްގެ ދަށުން ކުޅުދުއްފުށީގައި ތަކެތި ބަންދުކޮށް ލޭބަލް ކުރާނެ ފެސިލިޓީ ހެދުމަށްޓަކައި “ރިނޮވޭޝަން އޮފް ޕެކޭޖިންގ ހައުސަސް، ހދ. ކުޅުދުއްފުށި” ގެ ނަން ދެވިފައިވާ ޕްރޮޖެކްޓް ހިންގުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި މީގެ އިތުރުން އެތަނުގައި ޒަމާނީ ވަސީލަތްތައް ގާއިމު ކުރުމަށް “ސަޕްލައި އޮފް މެޝިނަރީ އެންޑް ޓޫލްސް ފޯ ޕެކޭޖިންގ ހައުސަސް އިން ކުޅުދުއްފުށި” ގެ ނަމުގައި ވެސް ވަނީ ޕްރޮޕޯސަލް ލުމުގެ ފުރުސަތު ހުޅުވާލައިފައެވެ.
ކުޅުދުއްފުށީގައި ހުންނަ ބިޒްނަސް ޑިވެލޮޕްމަންޓް ސަރވިސް ސެންޓަރ ހިންގެވުމާއި ހަވާލުވެ ހުންނެވި ހަފްސާ ސައީދު މައުލޫމާތު ދެއްވިގޮތުގައި މި ފެސިލިޓީ ގާއިމު ކުރުމަށް ހަމަޖެހިފައިވަނީ “އަތޮޅުގެ” އިމާރާތުގެ ތެރޭގައި ހުންނަ ބައެއްގައެވެ.
މިބިޑް ކާމިޔާބު ކުރާ ފަރާތާއި ހަވާލު ކުރެވޭ އިމާރާތުގެ މަރާމާތުގެ ގިނަ މަސައްކަތްތަކެއް ކުރަން ޖެހެއެވެ. އަދި ޒަމާނީ ފެންވަރުގެ ފެސިލިޓީއެއް ގާއިމު ކުރުމަށްޓަކައި އެތަން ތައްޔާރުކޮށް ފެށޭއަހަރުގެ ފެބްރުއަރީ 15 އަށް ނިންމަންޖެހެއެވެ.
މި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 27 ޑިސެމްބަރ 2011 ވާ އަންގާރަ ދުވަހު 11:00 އަށް މަތިއުތުރު ގެ ޤައުމީ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 03 ޖެނުއަރީ 2012 ވާ އަންގާރަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓް އަށް ހުށަހަޅަން ޖެހޭނެ ކަމަށް މިނިސްޓްރީ އޮފް އެކޮނޮމިކް ޑެވެލޮޕްމަންޓުން މައުލޫމާތު ދެއެވެ.