.
ބޭރުގެ އެހީދޭ ޖަމިއްޔާއެއް ކަމުގައިވާ ފިދާ އިންޓަނޭޝަނަލް އިން ކުޅުދުއްފުށީގައި އެޅުމަށް ހަމަޖެހިފައިވާ ޒުވާނުންގެ މަރުކަޒުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މިއެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރ އޮފް ހިއުމަން ރިސޯސް، ޔޫތު އެންޑް ސްޕޯޓްސް ޑރ. ހަސަން ލަތީފެވެ. ޕްރޮޖެކްޓަށް ފަންޑް ދެއްވާ ފިދާ އިންޓަނޭޝަނަލްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެޖަމިއްޔާގެ ޕްރޮޖެކްޓް ކޯޑިނޭޓަރެވެ. މި ޕްރޮޖެކްޓްގެ މަސައްކަތްތައް ހަވާލުކޮށްފައި ވަނީ ރާއްޖޭގެ ކުންފުންޏެއް ކަމުގައިވާ ހިއުމަން ކޮންސްޓްރަކްޝަން އާއެވެ.
އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޔޫތު މިނިސްޓަރ ހަސަން ލަތީފު ވިދާޅުވީ، މި ޔޫތު ސެންޓަރ ނިމުމުން މިއީ މާލެއިން އުތުރުގައި ހުރި އެންމެ ބޮޑު ޔޫތު ސެންޓަރަށް ވެގެން ދާނެކަމަށެވެ. އަދި މިއީ މަތިއުތުރު ސަރަހައްދު ތަރައްގީ ކުރުމަށް ސަރުކާރުން ގެންގުޅުއްވާ ވިސްނުމުގެ ތެރެއިން ކުރެވޭ މަސައްކަތެއް ކަމަށް ވިދާޅުވިއެވެ.
“ގަބޫލު ކުރެވޭ ގޮތުގައި ފިދާ އިންޓަނޭޝަނަލް އިން ކުޅުދުއްފުށީގައި ހަދާ މި އިމާރާތް ވެގެން ދާނީ މާލެއިން އުތުރުގައި އެންމެ ފުރިހަމަ ކޮށް އެންމެ ގިނަ ވަސީލަތްތަކާއެކު ޒުވާނުންނަށް އަދި ތަފާތު ކުޅިވަރުތަކަށް ހުޅުވިފައި ހުންނާނެ އިމާރާތަށް.” މިނިސްޓަރ ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ފިދާ އިންޓަނޭޝަނަލްގެ ޕްރޮޖެކްޓް ކޯޑިނޭޓަރ ބުނީ، މިއީ ކުޅުދުއްފުށީގެ ރައްޔިތުންނަށް ލިބޭ ވަރަށް ފުރިހަމަ އިމާރާތެއް ކަމަށެވެ. މިއިމާރާތުގައި ކްލާސް ރޫމްތަކާއި، މީޓިންގ ރޫމްތައް، ޖިމް ފެސިލިޓީ، އެރޯބިކްސް ރޫމް، ލައިބްރަރީ، ސައިބާ ކެފޭ، ހުރުމުގެ އިތުރުން ޓޭބަލް ޓެނިސް، ބިލިއާޑް ފަދަ ކުޅިވަރުތައް ކުޅެވެން ހުންނާނެއެވެ. އަދި ބާސްކެޓްބޯލް، ވޮލީބޯލް، ނެޓްބޯލް، ބެޑްމިންޓަން ކުޅެވޭނެ އިންޑޯ ހޯލްއެއް ހިމެނިފައިވެއެވެ.
ކުޅުދުއްފުށީ އަމީނީމަގުގެ އުތުރު ކޮޅުގައި މިއިމާރާތް އެޅުމުގެ ޕްރޮޖެކްޓް ކުރިއަށް ގެންދަނީ އޯޕީޕީ މެދުވެރިވެގެން ގައުމީ އިދާރާ ގެ ބެލުމުގެ ދަށުންނެވެ. ޔޫތު ސެންޓަރު އަޅުމަށް ހަމަޖެއްސި ގާތްގަނޑަކަށް 20000 އަކަމީޓަރުގެ ބިމަކީ ޗަކަބިމަކަށް ވުމުން މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ވަނީ އެބިމަށް ބެލިއެޅުމުގެ މަސައްކަތް ކޮށްފައެވެ.