.
އަބްދުލް ވާހިދު ޙަސަން
ހދ. އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ކޭލަކުނު ބެލެހެއްޓުމަށާއި އެތަނުގައި ތަފާތު މަސައްކަތްތައް ކުރުމަށް ތިބޭ މުވައްޒަފުން ބޭތިއްބުމަށް އިމާރާތެއް އެޅުމަށް ހަމަޖެހިފައި ވާކަމުގައި އެކައުންސިލުން ބުނެފިއެވެ.
އަތޮޅު ކައުންސިލްގެ މީޑިއާ ކޯޑިނޭޓަރ ޢަލީ މުޙައްމަދު މައުލޫމާތު ދެއްވި ގޮތުގައި، ކައުންސިލުގެ ފަރާތުން ރަށު ތެރެ ބެލެއްޓުމަށް އުޅޭ މުއައްޒަފުން ތިބޭ ގެ އަކީ ދަނޑި ފަނުން ހަދާފައި ހުންނަ ތަނަކަށް ވެފައި އެތަނަކީ އިންސާނުން އުޅެން ކަމު ދާ ތަނެއް ކަމަށް ކައުންސިލް އަށް ނުފެންނާތީ ،އެމީހުން ބޭތިއްބުމަށް އެކޮމޮޑޭޝަން ބްލޮކެއް ހެދުމަށް ނިންމީއެވެ.
“މިހާރު ވެސް އެރަށު ގައި ތިބި 3 މުވައްޒަފުން އުޅެނީ މީގެ 30 ހަކަށް އަހަރު ކުރިން ދަނޑި ފަނުން ހަދާފައި ހުރި ހަޓެއްގައި. އެތަން ހުރީ ވަރަށް ބޮޑަށް ބާވެ ހަލާކުވެފައި.” ޢަލީ ވިދާޅުވިއެވެ.
ކައުންސިލް އިން މައިގަނޑު ގޮތެއްގައި ބޭނުންވާނެ ތަކެތި ދިނުމުން، ކައުންސިލްއިން ދޭ ޑިޒައިނަކާއި އެއްގޮތަށް ހަދަން ފުރުސަތު ހުޅުވާލައިފައި ވާ އިމާރާތުގައި ހުންނަނީ 15 ފޫޓް، 30 ފޫޓެވެ.
މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 2 ޖެނުއަރީ 2012 ގައި މައުލޫމާތު ސާފުކުރުމަށް ފަހު 3 ޖެނުއަރީ 2012 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން އެސްޓިމޭޓް ހުށަހަޅަން ޖެހޭނެކަމަށް ކައުންސިލްއިން ބުނެއެވެ.
އަލީ މުޙައްމަދު އިތުރަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިހާރުވެސް ކައުންސިލްގެ މާލިއްޔާ މުއްސަނދި ކުރުމަށް ތަފާތު މަސައްކަތްތައް ރާވާ ކުރަމުން ދާކަމަށެވެ.