.
އިބްރާހީމް ހަމީދު
ހދ މަކުނުދޫގައި ފުލުހުންގެ މަރުކަޒެއް މިއަދު ހުޅުވައިފި އެވެ.
މަކުނުދޫގައި ފުލުހުންގެ މަރުކަޒެއް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިޔާތު ޝަރަފުވެރި ކޮށްދެއްވީ ހދ އަތޮޅު ކައުންސިލުގެ ރައީސް މުޙައްމަދު ޝުކޫރެވެ.
މިރަސްމިޔާތުގައި ޝަރަފުވެރި މެހެމާނު ދެއްކެވި ވާހަކަފުޅުގައި، މުޖުތަމައުގައި ކުރާ ކުށްތައް މަދުކުރުމުގައި އެމުޖުތަމައެއްގައި ދިރިއުޅޭ މީހުންގެ އެއްބާރުލުން ފުލުހުންނަށް ބޭނުންވާނެ ކަމަށް ވިދާޅުވި އެވެ.
“މުޖުތަމައުގައި ކުރާ ކުށްތައް މަދުކުރުމުގައި އެތަނެއްގައި ދިރިއުޅޭ ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން އިންތިހާޔަށް ފުލުހުންނަށް ބޭނުން، އެގޮތުން އަޅުގަނޑުގެ އުއްމީދަކީ މިރަށުގެ ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ފުރިހަމަ އެހީތެރިކަމާ އެއްބާރުލުން ލިބުން. އަދި މިކަމުގައި މިރަށުގެ ހުރިހާ ރައްޔިތުންގެ އެއްބާރުލުމާއި، އެހީތެރިކަން ލިބިގެންދާނޭ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑަށް އެބައޮތް.” ހދ އަތޮޅު ކައުންސިލުގެ ރައީސް މުޙައްމަދު ޝުކޫރު ވިދާޅުވި އެވެ.
މަކުނުދޫގައި ފުލުހުންގެ މަރުކަޒު ހަދާފައިވަނީ އެރަށުގެ ރަށްވެހިގެ ކުރިން ހިންގި އިމާރާތުގައި އެވެ. މަކުނުދޫ ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވުމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މަތިއުތުރު ޕޮލިސް ޑިވިޝަންގެ އިސްބޭފުޅުންނާއި މަކުނުދޫގައި ހުރި ދައުލަތުގެ މުއައްސަސާތަކުގެ ވެރިން ބައިވެރިވެ ވަޑައިގަތެވެ.