.
އިބްރާހިމް ހަމީދު
މިފެށޭ 2012 ވަނަ އަހަރު ރާއްޖޭގެ ރައްޔިތުންނަށް ހިލޭ ބޭސް ފަރުވާދިނުމަށް ހަމަޖެހިފައިވާ ޕުރޮގުރާމް އާސަންދައާ ބެހޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް މިރޭ ކުޅުދުއްފުށީ ތިލަދެކުނު ސިނަމާގައި ބާއްވައިފި އެވެ.
އާސަންދައިގެ މައުލޫމާތު ދިނުމަށް މިރޭ ބޭއްވި ބައްދަލުވުމުގެ ކުރިން ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން، އެލައިޑް އިންޝުއަރެންސްގެ ހެލްތު އިންޝުއަރެންސް އޮފިސަރ ފަޔާޒާ ވިދާޅުވީ 2012 ވަނަ އަހަރު ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އާސަންދައިގެ ދަށުން ބޭސްފަރުވާ ކުރިއަށްދާނެ ކަމަށާއި މިހާރު ކުރިއަށް މިދަނީ ރައްޔިތުން މިޕްރޮގުރާމަށް އަހުލުވެރިކުރުމުގެ މަސައްކަތް ކަމަށެވެ. އަދި މަދަނަ އާއި އާސަންދައިގެ ޕުރޮގްރާމުގައި ތަފާތު ބައެއް ކަންތައްތައް ހުންނާނެކަމަށް ވިދާޅުވި އެވެ.
“1 ޖެނުއަރީން ފެށިގެން އާސަންދަ ސްކީމު ކުރިއަށްދާނެ. ސްކީމް ފެށިގެން ކުރިއަށްދާއިރު ހުރިހާ ރައްޔިތުންނަށްވެސް މިމަޢުލޫމާތު ލިބިފަ އޮންނަން ވާނީ. އެގޮތުގެ މަތިން ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިވަގުތު ކުރިއަށްގެންދާ ޕްރޮގުރާމެއް މީ” ފަޔާޒާ ވިދާޅުވި އެވެ. “މަދަނަ އާއި އާސަންދައާ ކޮންމެސް ވަރެއްގެ ތަފާތު ކަމެއް ހުންނާނެ. ލިމިޓް މިއިންނަނީ މަދަނައެކޭ އެއްގޮތަށް. އާސަންދަ ޕުރޮގުރާމްގައިވެސް އެއްލައްކަ ރުފިޔާ. ތަފާތު ކެޓަގަރީތަކެއް އާސަންދަ ޕުރޮގުރާމުގައި ހުންެނާނެ.”
ފަޔާޒާ އިތުރަށް ވިދާޅުވީ، މަދަނައިގެ ދަށުން ބޭސްފިހާރަތަކަށް ވަކި ޕަސެންޓެއް ދައްކަން ޖެހުނު ނަމަވެސް އާސަންދައިގެ ދަށުން ބޭސް ސިޓީ ނަގާއިރު އެއްވެސް އަދަދެއްގެ ފައިސާއެއް ދައްކަން ނުޖެހޭ ކަމަށެވެ.
“މަދަނަ އިންނަ ގޮތުން ވެއްޖިއްޔާ ބޭސް ފިހާރަ ތަކުންވެސް ވަކި އަދަދެއް ނަގާ. އާސަންދަ ސްކީމުގައި ހިމެނޭ ބޭސްފަރުވާއެއް ކަމަށް ވަންޔާ ސަތޭކަ ޕަސެންޓް ކަވަރުކުރާ ސްކީމެއް. އާސަންދަ ސްކީމުގެ ދަށުން އެއްވެސް އެއްޗެއް (ބޭސްފިހާރަތަކުން) ނެގިގެން ނުވާނެ. އެކަންވެސް ރައްޔިތުންނަށް އޮޅުން ފިލާފައި އޮންނަން ޖެހޭނީ” ފަޔާޒާ ވިދާޅުވި އެވެ.
މިސްކީމުގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް އޮތް ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެ ކަމަށާއި މި ސްކީމުގެ ދަށުން ނުހިމެނޭ ބައެއް ކަންތައްތައް ހުންނަކަން ފާޔާޒާ ފާހަގަކުރެއްވި އެވެ. އެގޮތުން އަމިއްލަ ފުރާނަ އަށް ގެއްލުންދިނުން ފަދަ ކަންތައްތަކަކީ، ބޭސްފިހާރަތަކުންވެސް އަދި އެއްވެސް ހޮސްޕިޓަލަކުންވެސް މިސްކީމުގެ ދަށުން ބޭސްފަރުވާ ކުރެވޭނެ ކަންތައްތަކެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.
ޖެނުއަރީ މަހުން ފެށިގެން ތައާރަފުކުރާ އާސަންދަ ހެލްތް އިންޝުއަރެންސް ސްކީމުގެ ދަށުން ރާއްޖޭގައި ނުވަތަ ރާއެްޖެއިން ބޭރުން ބޭސްކުރިނަމަވެސް ކަވަރ ކޮށްދޭނީ 1 ލައްކަ ރުފިޔާގެ ބޭސްފަރުވާ އެވެ. ކުރިން ރާއްޖެ އިން ބޭރުން ހިދުމަތް ހޯދާނަމަ މަދަނަ ޕްލަސްގައި ބައިވެރިވެގެން އިތުރަށް ފައިސާ ދެއްކުމަށް ފަހު ވަކި މުއްދަތެއްވަންދެން މަޑުކުރަން ޖެހުނުނަމަވެސް އާސަންދައިގެ ދަށުން އިތުރަށް ފައިސާ ދައްކާޖަށް ނުޖެހެއެވެ.
އިއްޔެ ވަނީ މިޕްރޮވިންސްގެ ހއ. އަތޮޅު ދިއްދޫގައި މައުލޫމާތު ދިނުމުގެ ޕުރޮގުރާމެއް ހިންގާފައި އެވެ. މިއަދު ކުޅުދުއްފުށީގެ ހޮސްޕިޓަލުގެ މުވައްޒަފުންނަށާއި ކައުންސިލް އިދާރާގެ ބޭފުޅުންނަށް ވަނީ މަޢުލޫމާތު ދީފައި އެވެ. އާސަންދައާ ބެހޭ މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމެއް މާދަމާ ށ. އަތޮޅު ފުނަދޫގައި އޮންނާނެ ކަމަށް އާސަންދައިން ބުނެއެވެ.
އާސަންދަ ސްކީމުގެ ދަށުން ހިދުމަތް ހޯދުމަށް މުއްދަތު ހަމަނުވާ އައިޑީ ކާޑެއް ބޭނުންވާ ގޮތަށް ކުރިން އޮތް ކަމުގައި ވިޔަސް، މިހާރު އާސަންދައިން ވަނީ އަންނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަސް ނިމެންދެން ކާޑު މުއްދަތު ހަމަވެފައި އޮތަސް ހިދުމަތް ލިބޭނެގޮތަށް ހަމަޖައްސައިފައެވެ.
މިރޭ ކުޅުދުއްފުށީގައި ބޭއްވި ބައްދަލުވުމުގައި ބައިވެރިން ކުރެއްްވި ސުވާލުތަކަށް ޖަވާބު ދެއްވާފައި ވެއެވެ. ބައްދަލުވުމުގައި ބައިވެރިވެފައިވަނީ ނިސްބަތުން މަދު ބައެއްކަން ފާހަގަ ކުރެވެއެވެ.