.
އިބްރާހިމް ހަމީދު
ދިރާސީ އާއަހަރުގެ ކިޔެވުން ފެށުމުގެ ކުރިން މަތި އުތުރު ސަރަހައްދުގެ ރަށްތަކުގެ ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ މަޝްވަރާ ބައްދަލުވުމެއް މިއަދު ކުޅުދުއްފުށީ ފަށައިފިއެވެ.
މިއަދު ހެނދުނު ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގެ ހޯލުގައި ފެށުނު މި ބައްދަލުވުމުގެ މަގުޞަދަކީ، ދިރާސީ އާއަހަރު ފެށުމުގެ ކުރިން ސުކޫލުތަކުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުން އެއްތަނަކުން ބައްދަލުވެ ސުކޫލުތަކުން ދިރާސީ އާއަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ނިންމަންޖެހޭ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާ ކުރުން ކަމުގައި މަތި އުތުރު އެޑިއުކޭޝަން ޔުނިޓުން ބުނެއެވެ.
“މި ބައްދަލުވުން ރާއްޖޭގެ ހަތް ސަރަހައްދެއްގައި ކުރިއަށްދާނެ. ސުކޫލުތަކުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުން އެއްތަނަކުން ބައްދަލުވެ މަޝްވަރާކުރުން މަގުސަދަކީ. ހާއްސަކޮށް ތަޢުލީމީ އާ މަންހަޖާ ބެހޭ ގޮތުން މަޢުލޫމާތު ބަދަލު ކުރެވޭނެ.” މަތިއުތުރު އެޑިއުކޭޝަން ޔުނިޓްގެ ސުޕްރިންޓެންޑެންޓް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.
ދެދުވަހުގެ މުއްދަތަކަށް ބާއްވާ މިބައްދަލުވުމުގައި މި ސަރަހައްދުގެ ތައުލީމީ ދާއިރާއިން 42 ސުކޫލުން 80 ބޭފުޅުން ބައިވެރިވެފައި ވެއެވެ. މިސަރަހައްދުގައި ޖުމްލަ 43 ސްކޫލު ހުންނަ އިރު މިބައްދަލުވުމުގައި ބައިވެރި ނުވަނީ ނޫމަރާ ސުކޫލުން އެކަންޏެވެ.
މިއަދު ހެނދުނު މި ބައްދަލުވުން ފައްޓަވައި ދެއްވުމުގެ ގޮތުން ކީނޯޓް އެޑްރެސް ދެއްވީ މޯލްޑިވްސް ޕޮލިޓެކްނިކްގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޒުބެއިރު މުޙައްމަދެވެ. ބައްދަލުވުމުގެ ބައިވެރިންނަށް ރޭ ވަނީ އޮރިއެންޓޭޝަން އެއް ބާއްވާފައެވެ.