.
މާލެއިން ފުރައިގެން ކުޅުދުއްފުއްޓަށް ދަތުރުކުރި ކުޅުދުއްފުށީ “ފާޅު” ބޯޓުގެ އިންޖީނުގައި އަލިފާން ރޯވެ އެބޯޓުން ދަތުރުކުރި ދެމީހަކަށް އަނިޔާވެއްޖެ އެވެ.
މިއަދު ހަވީރު ހިނގި މިހާދިސާގައި އަނިޔާވި ދެމީހުންގެ ތެރެއިން ހދ ނޮޅިވަރަމް ހިޔަލީގެ އަހުމަދު މުހައްމަދު (80) ގެ ފައި ވަނީ ބިނދިފައި އެވެ. އަދި އަންހެނަކަށްވެސް އަނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އެހެންނަމަވެސް އެމީހާގެ ނަމެއް އަދި ލިބުނު އަނިޔާގެ ތަފުސީލެއް ލިބޭގޮތްވަނީ ނުވެފައި އެވެ.
ފާޅު ބޯޓުގައި ހުރި މީހަކު މިނޫހަށް މައުލޫމާތު ދެމުން ބުނީ ހަވީރު 16:30 ގައި މާލެއިން ފުރައިގެން ގާތްގަނޑަކަށް އާރަށާއި ހަމައަށް ދެވުނުތަނާ، އިންޖީނު ފޮށީގެ ތެރެއިން އެއްޗެއް ގޮވިއަޑު އިވުނު ކަމަށެވެ. އަދި އިންޖީނުގައި އަލިފާން ރޯވެ، އެވަގުތު ބޯޓު ހުއްޓުނު ކަމަށެވެ. ނަމަވެސް ރޯވި އަލިފާންގަނޑު ވަނީ މާގިނަ އިރުތަކެއް ނުވެ ނިއްވާލެވުނުކަމަށް ވެސް އޭނާ ބުންޏެވެ.
ކުޅުދުއްފުށީ ފާޅު ބޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެބޯޓު ހުއްޓުނުތާ ގިނައިރުތަކެއް ނުވަނީސް ފުލުހުންނާއި ސިފައިން ގުޅިގެން އެބޯޓުން ދަތުރުކުރި އެންމެން މާލެ ގެންގޮސްފައި ވެއެވެ.
170 އަށްވުރެ ގިނަ ފަސިންޖަރުން ދަތުރުކުރި މިބޯޓުގައި ގިނަ އަދަދަކަށް އަންހެނުންނާއި ކުޑަކުދިންވެސް ތިބިކަމަށް މައުލޫމާތު ލިބެއެވެ. ފާޅު ބޯޓު މިހާރުވަނީ މާލޭ ޓީޖެޓީއަށް ގެންގޮސް ބަނދަރުކޮށްފައި އެވެ.
ފާޅު ބޯޓުގެ ހާދިސާއާ ގުޅިގެން ކުޅުދުއްފުއްޓަށް ނާދެވިފައި ތިބި ފަސިންޖަރުން ކުޅުދުއްފުއްޓަށް ގެނައުމަށްޓަކައި، މާދަމާ ހެނދުނު ކުޅުދުއްފުށީ ބާދުޝާހު ބޯޓު މާލެއިން ފުރާގޮތަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.