.
ހުސްނާ އަބްދުﷲ
ކުޅުދުއްފުށީގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރަމުން އަންނަ އެތުމާ ކުންފުނިން ވިއްކާ ކުކުޅުގެ އަގު ހެޔޮ ކޮށްފިއެވެ.
އެތުމާ ކުންފުނިން ބުނި ގޮތުގައި އެކުންފުނިން އެތެރެކޮށްގެން ވިއްކާ ކުކުޅުގެ އަގަށް އައި ބަދަލާ ގުޅިގެން ކުރިން 51.20 ރުފިޔާ އަށް ވިއްކަމުން ދިޔަ ކުކުޅު ކިލޯއެއް މިހާރު ވިއްކަނީ 49 ރުފިޔާ އަށެވެ.
އެތުމާ ކުންފުނީގެ މެނޭޖަރ ސޭލްސް އެންޑް މާކެޓިންގ އަބްދުﷲ ފަޔާޒު ވިދާޅުވީ މިބަދަލަކީ އިމްޕޯޓް ޑިއުޓީ ކަނޑާލުމާއި ގުޅިގެން ގެނެވުނު ބަދަލެއް ކަމަށެވެ. އަދި މިހާރު އެކުންފުނިން ގެނައި ބަދަލުތަކާއެކު މާލެއިން ކުކުޅު ލިބޭ އަގަށްވުރެ ހެޔޮ އަގެއްގައި ކުޅުދުއްފުށިން ކުކުޅު ލިބޭނެ ކަމަށް ފަޔާޒް ވިދާޅުވި އެވެ.
“މާލޭން 50 ރުފިޔާއަށް ކުކުޅު ކިލޯއެއް ލިބެން ހުއްޓަސް ކުޅުދުއްފުއްޓަށް ގެނެސްގެން ވިއްކާއިރު އޭގެ ތެރެއަށް ނާލު ލީމާ އަގުބޮޑުވާނެ. އެހެންނަމަވެސް މިކޮޅުން (އެތުމާ ކުންފުނިން) ވިއްކާ ކުކުޅުގެ އަގު ކޭހަކުން ގާތްގަނޑަކަށް 30 ރުފިޔާ އަގު ހެޔޮވާނެ.” ފަޔާޒު ވިދަޅުވިއެވެ.
އެކުންފުނިން ބުނި ގޮތުގައި އިމްޕޯޓު ޑިއުޓީ އަށް އައި ބަދަލާ ގުޅިގެން މުދަލުގެ އަގުތަކަށް ކުރިއަށް އޮތް ތަނުގައިވެސް ހެޔޮބަދަލު އަންނާނެއެވެ. އަދި އެކުންފުނިން ގެނެސް ވިއްކާ ކުކުޅަކީ އެ ހުންނަންވާ ފިނިހޫނުމިނުގައި އެތެރެކޮށް ވިއްކާ ކުކުޅު ކަމަށް އެކުންފުނިން ބުނެ އެވެ.
“އިމްޕޯޓު ޑިއުޓީ ކަނޑާލުމާއެކު ޑޮލަރު އަގަށް ހެޔޮ ބަދަލެއް އަތުވެއްޖެނަމަ އަދި މިއަށްވުރެ ވެސް ހެޔޮ ބަދަލެއް މުދަލުގެ އަގަށް އަންނާނެ.” ފަޔާޒު ވިދާޅުވިއެވެ.
ދާދި ފަހުން ވަނީ އެތުމާ ކުންފުނިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގުވެސް ހެޔޮކޮށްފައެވެ. އެގޮތުން ޕެޓްރޯލު ލީޓަރަކުން އެއް ރުފިޔާ އަދި ޑީސަލް ލީޓަރަކުން 50 ލާރި އަގުހެޔޮ ކޮށްފައިވެއެވެ.