.
ހުސްނާ އަބްދުﷲ
ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރަމުން ގެންދާ ރަށެއް ކަމުގައިވާ ހދ ނާގޯށީގެ 35 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެރިސޯޓުގެ މަސައްކަތް ކުރަމުން އަންނަ ކްރީކް އިންޓަނޭޝަލް އިން ބުނެފި އެވެ.
ކުޅުދުއްފުށީ އޮންލައިނުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން، ސަތޭކަ އިންސައްތަ ބޭރުގެ ކުންފުންޏެއް ކަމަށްވާ ކްރީކް އިންޓަނޭޝަނަލް އެގްޒެކެޓިވް ޑިރެކްޓަރ ޢަބްދުލް މުހައިމިން ވިދާޅުވީ، އިގްތިޞާދަށް އަންނަ ބަދަލުތަކުގެ ސަބަބުން މަސައްކަތަށް ކޮންމެވެސް ވަރެއްގެ ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެހެންނަމަވެސް އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ރިސޯޓު ހުޅުވޭވަރު ވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.
“ބޭނުންވާ ވަރަށް މަސައްކަތް ކުރިޔަކަށް ނުދޭ. ފައިނޭންޝަލީ ދަތިތައް ދިމާ ނުވާނަމަ މިއަށްވުރެ ބާރަށް މިކަންތައް ކުރިޔަށް ގެންދެވުނީސް” މުހައިމިން ވިދާޅުވިއެވެ. “ޓާގެޓް ކުރަމުން މިދަނީ 2013 ގެ މާރޗް މަހަށް ރިސޯޓް ހުޅުވޭވަރު ވޭތޯ”
ސަރުކާރާ ރައްޔިތުން ހިއްސާވާ މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ތްރީ ކޭ އިންޓަނޭޝަނަލް އަށް ކުއްޔަށްދީފައިވާ ހދ ނާގޯށި ޓުއަރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމުގައި އިސްކޮށް ދިވެހިން ހަރަކާތްތެރިވި ނަމަވެސް، މަސައްކަތުގެ ދާއިރާގައި ގިނައިން ހަރަކާތްތެރި ވަނީ ބިދޭސީން ކަމަށް އެކުންފުނިން ބުނެ އެވެ.
600 އެނދުގެ އެ ރިސޯޓު ތަރައްޤީކުރުމަށް ތްރީ ކޭ އިންޓަރނޭޝަނަލާ ހަވާލުކޮށްފައިވަނީ، 5 ޑިސެމްބަރ 2007 ގައި އެވެ. ނާގޯށީގެ މަސައްކަތް ނިމޭނެ ކަމަށް އެމްޓީޑީސީން ކުރިން ލަފާކޮށްފައި ވަނީ މިދިޔަ އަހަރުގެ ފުރަތަމަ ކުއަރޓަރގައި އެވެ.