.
ހުސްނާ އަބްދުﷲ
އަންނަ ފެބުރުއަރީ މަހު އިންޑިޔާގެ ހަރުޔާނާގައި ބޭއްވުމަށް ހަމަޖެހިފައިވާ “ސުރާޖް ކަންޑް ކްރާފްޓް މޭލާ” ގައި ރާއްޖޭގެ ހޭންޑިކްރާފްޓްސް އާއި އާޓިސްޓުންނަށް ބައިވެރި ވުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމެންޓް އިން ހުޅުވާލައިފިއެވެ.
ފެބްރުއަރީ މަހުގެ އެކަކުން 15 އަށް ބާއްވާ މި ފެއަރގައި ބައިވެރި ވުމަށް އެދޭ ފަރާތްތަކުގެ ތެރެއިން 3 ފަރާތަކަށް ސަރުކާރުގެ އެހީތެރިކަމާއެކު ބައިވެރިވުމުގެ ފުރުޞަތު ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. އަދި އެ ތިން ފަރާތްތައް ކަނޑައަޅާނީ އެމިނިސްޓްރީން ބަލަން ޖެހޭ ބައެއް ކަންތައްތައް ބެލުމަށްފަހުގައި ކަމަށް އިކޮނޮމިކް މިނިސްޓްރީން އިއްޔެ ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވެއެވެ.
އެގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމެންޓުގެ ވިޔަފާރި ކުރިއެރުވުމަށް އެހީތެރިވެދޭ މަރުކަޒުން ހިންގާފައިވާ ‘ހުބަސާނަ’ ފެސްޓިވަލްގައި ނުވަތަ ވިޔަފާރި ކުރިއެރުވުމަށް އެހީތެރިވެދޭ މަރުކަޒުން ހިންގާފައިވާ ޓްރެއިނިންގ ޕުރޮގްރާމެއްގައި ބައިވެރިވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށް އެ އިއުލާނުގައި ވެއެވެ.
މި ފެއާރ ގައި ބައިވެރި ކުރެވޭނެ ތަކެތީގެ ތެރޭގައި އަތްތެރި މަސައްކަތް ދައްކުވައިދޭ ތަކެއްޗާއި ކުރެހުމާއި ސްކަލްޕްޗާގެ އިތުރުން ސްޓޯން ކާވިންގ އާއި ފެހުމުގެ މަސައްކަތްތައް ހިމެނެއެވެ. މީގެ އިތުރުން ދިވެހި ސަޤާފީ ހެދުމާއި ޒީނަތްތެރިވުމަށް ބޭނުންކުރެވޭ ތަކެތިވެސް ހިމެނޭ ކަމަށް އެމިނިސްޓްރީން ބުނެއެވެ.
މިފެއަރގައި ބައިވެރިވާ ފަރާތްތަކުގެ ކެއުމާއި ހުރުމުގެ ޚަރަދު އިންޑިޔާ ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށާއި ދަތުރުގެ ޓިކެޓް އިކޮނޮމިކް މިނިސްޓްރީން ހަމަޖައްސައިދޭނެ އެވެ. އަދި ފެއާރގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކަން ނުޖެހޭކަމަށް އެ ވުޒާރާއިން ހާމަކުރެ އެވެ.