.
ހުސްނާ އަބްދުﷲ
ސީމަނުން ތަމްރީނު ކުރުމަށް މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސްގެ ފަރާތުން ކުޅުދުއްފުށީގައި ކުރު ކޯސްތަކެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެފަރާތުން ބުނެފިއެވެ.
މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް އިން ބުނީ މިޖެނުއަރީ މަހު 25 ގައި ފެށުމަށް ހަމަޖެހިފައިވާ މިކޯސްތަކަކީ ބޭސިކް ސީމަން ކޯސްތަކެއް ކަމަށެވެ. އެ ކޯސްތަކަކީ، އެލިމެންޓަރީ ފަސްޓް އެއިޑް ކޯހާއި ޕާރސަނަލް ސަވައިވަލް ޓެކްނިކްސް ކޯހުގެ އިތުރުން ފަޔަރ ޕްރިވެންޝަން އެންޑް ފަޔަރ ފައިޓިންގ ކޯހާއި ޕާރސަނަލް ސޭފްޓީ އެންޑް ސޯޝަލް ރެސްޕޮންސިބިލިޓީ އެވެ.
މެރިޓައިމް އެކަޑަމީގެ ސީއީއޯ އާދިލް ރަޝީދު މިއަދު ވިދާޅުވީ، މި ކޯސްތަކުގައި ކޮންމެ ކޯހެއްގައި ވެސް 20 ޖާގަ އޮންނާނެ ކަމަށާއި ކޮންމެ ކޯހެއްވެސް ފެށޭނީ އެކޯހަކަށް މަދުވެގެން 15 ކުދިން ހަމަވުމުން ކަމަށެވެ. މި ކޯސްތަކުގެ ހިމެނެނީ 2 ދުވަހާއި 3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ކޯސްތަކެއް ކަމަށް އާދިލް ވިދާޅުވި އެވެ.
މިކޯސްތަކުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން މިމަހުގެ 16 ކުރިން ބައިވެރިވުމަށް އެދޭ ފޯމް އެ އެކަޑަމީ އަށް ހުށަހަޅަން ޖެހެއެވެ. ބައިވެރި ވުމަށް އެދޭ ފޯމް، ކުޅުދުއްފުށީގައި ހުންނަ މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސްގެ އިދާރާއިން ލިބެން ހުންނާނެ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.