އިބްރާހީމް ހަމީދު
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ކުޅުދުއްފުށީގެ ހިއްކި ސަރަހައްދުން ވެލި ނަގަމުންދާ މައްސަލާގައި ހިތްހަމަ ނުޖެހުން ފާޅުކުރުމުގެ ގޮތުން ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ ހިއްކި ސަރަހައްދުން ވެލި ނަގަން މަސައްކަތް ކޮށްފި އެވެ.
ކުޅުދުއްފުށީގެ މަގު ހެދުން ހަވާލުކޮށްފައިވާ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން (އެމްއާރުޑީސީ) ކުޅުދުއްފުށީގެ ހިއްކި ސަރަހައްދުން ވެލި ނަގާނަމަ އާންމު ރައްޔިތުންނަށް ވެސް ވެލި ނެގޭނެ ކަމަށާއި އަދި އެމްއާރުޑީސީ އަށް ކައުންސިލުން ދީފައިވާ ހުއްދަ ނުވަތަ ކައުންސިލާ މެދު ކުރެވިފައިވާ އެއްބަސްވުން ދެއްކުމަށް އެތަނަށް އެއްވި މީހުން ބުނަމުން ދިޔައެވެ.
މިއަދު ހަވީރު ކުޅުދުއްފުށީ ހިއްކި ސަރަހައްދަށް އެއްވި މީހުން ފުރަތަމަ ވެސް ފެށީ އެސަރަހައްދުން ވެލި ނަގައި ގޯނި ގޯއްޏަށް އެޅުމުގެ މަސައްކަތެވެ. އެގޮތުން އެމީހުން 150 ށް ވުރެ ގިނަ ގޯންޏަށް ވެލި އަޅާފައި ހުރި އެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ވެލި ބަސްތާތަށް ބަލައި އެސަރަހައްދަށް ޕިކަޕެއް ދިޔުމުން ފުލުހުން އެޕިކަޕު ދުއްވަން އިން ޑްރައިވަރަށް ނަސޭހަތްދޭ މަންޒަރު ފެނިފައި ވެއެވެ. ފުލުހުން ބުނީ އެއީ މަނާކަމެއް ކަމަށާއި އެގޮތަށް އެސަރަހައްދުން ވެލި ނުގެންދެވޭނެ ކަމަށެވެ.
އެހެންނަމަވެސް އެސަރަހައްދަށް އެއްވި މީހުން އެޕިކަޕަށް ވެލި ބަސްތާތައް އަރުވައިގެން ނައްޓާލުމުން ފުލުހުންވަނީ ޕިކަޕު ދުއްވަން އިން މީހާގެ އިތުރުން އިތުރު 4 މީހަކު ހައްޔަރު ކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި އެވެ.
ފުލުހުން ޕިކަޕް ހުއްޓުވައި އެއްބަޔަކު ހައްޔަރުކުރިތާ މާގިނައިރެއް ނުވެ އިތުރު 30 ށް ފުލުހުން އެސަރަހައްދަށް ގޮސް ވެލި އަޅާ ޖަމާކޮށްފައި ހުރި ބަސްތާތަކުގައި ކަޓަރު އަޅައި އެބަސްތާތައް ހުސްކުރަން ފެށިއެވެ. އެހެންނެމަވެސް އިތުރު ހަމަނުޖެހުމެއް ހިނގާފައެއް ނުވެއެވެ. އަދި ފުލުހުން ބަސްތާތައް ހުސްކުރުމަށް ފަހު އެސަރަހައްދު ދޫކޮށް ދިޔުމުން މިއަދު އިހުތިޖާޖު ކުރުމުގެ ގޮތުން އެސަރަހައްދަށް އެއްވި މީހުންވެސް އެސަރަހައްދު ދޫކޮށް ދިޔައެވެ. އެސަރަހައްދު ދޫކޮށް ދިޔަ ބައެއް މީހުން ފުލުހުންގެ މަރުކަޒު ކައިރިއަށް ދިޔައެވެ.
ފުލުހުންގެ މަރުކަޒުދޮށަށް އެއްވި މީހުންގެ ތެރެއިން ބައެއް މީހުންނާއެކު ފުލުހުންގެ މަރުކަޒުތެރޭ ބައްދަލުވުމެއް ބާއްވާފައި ވެއެވެ. އަދި ކުޑައިރުކޮޅެއްގެ ތެރޭގައި ހައްޔަރުކުރި އެންމެން ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލި އެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ މުޖުތަބާ ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެމުން ބުނެފައިވަނީ، މިމައްސަލައިގައި ފުލުހުންނާއި ކުރިން ބައްދަލުކުރި ކަމަށާއި އެބައްދަލުވުމުގައި ފުލުހުން ބުނެފައިވަނީ ކައުންސިލާ މަޝްވަރާކޮށްގެން އެކަމުގައި ހައްލެއް ގެނައުމަށް ކަމަށެވެ. އަދި އޭގެ ފަހުން ކުޅުދުއްފުށީ ކައުންސިލް އިދާރާއަށްވެސް އެކަމާބެހޭގޮތުން މަޝްވަރާކުރުމަށް ދިޔަ ކަމަށެވެ. އެހެންނަމަވެސް ކައުންސިލުން އެކަމަށް ޖަވާބުދާރީ ވެފައި ނުވާކަމަށެވެ.
މިމައްސަލާގައި ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އިބްރާހީމް ރަމީޒް ވިދާޅުވީ، ކުޅުދުއްފުށީ ހިއްކި ސަރަހައްދުން ވެލި ނެގުމުގެ ހުއްދަ އެމްރާޑީސީ އަށް ދެއްވާފައިވާނެ ކަމަށާއި އެހެންނަމަވެސް އެސަރަހައްދުން ވެލި ނެގުމުގެ ހުއްދަ އާންމު އެއްވެސް ފަރާތަކަށް ދީފައި ނުވާނެ ކަމަށެވެ. އަދި، އެފަދަ ހުއްދައަކަށް އެދި އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވާ ކަމަށް ރަމީޒު ވިދާޅުވި އެވެ.
މިކަމާބެހޭގޮތުން އެމްއާރުޑީސީގެ ޖެނެރަލް މެނޭޖަރ އިމްތިޔާޒު ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެމުން ވިދާޅުވީ އެކުންފުނިން ގާނޫނާ ގަވާއިދާ ހިލާފު އެއްވެސް ކަމެއް ނުކުރާނެ ކަމަށާއި ކުޅުދުއްފުށިން ނަގާ ވެލި ބޭނުންކުރާނީ ކުޅުދުއްފުށީގެ މަގު ހެދުމަށް ކަމަށެވެ.
ކުޅުދުއްފުށީ ހިއްކި ބިން ސަރުކާރުން ހަވާލުކޮށްފައިވާ ކުޅުދުއްފުށީ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ބޯޑު މެމްބަރު ހަސަން ޒިޔާދު ވިދާޅުވީ، ހިއްކި ބިމުން ވެލި ނެގުމުގެ ހުއްދަ ދިނުމުގެ ކަންތައްތައް ހަވާލުކޮށްފައިވާނީ ކުޅުދުއްފުށީ ކައުންސިލަށް ކަމަށެވެ. އަދި ކުޅުދުއްފުށީގެ އިޖްތިމާއީ އެކި ބޭނުންތަކަށް އެސަރަހައްދުން ވެލި ނެގުމުގެ ހުއްދަ ކައުންސިލަށް ދެވިދާނެ ކަމަށް ޒިޔާދު ވިދާޅުވި އެވެ.
މިއަދު ހަވީރު ހިއްކި ބިމަށް އެއްވެ އިހުތިޖާޖު ކުރި މީހުންނާ ދެކޮޅަށް ނުކުތް މީހުންގެ ތެރެއިން މީހަކު ވަނީ ކުޅުދުއްފުށީ އޮންލައިންގެ ރިޕޯޓަރަށް އިންޒާރު ދީ ބިރު ދައްކާފައި އެވެ.