twitterviber whatsapp telegramfacebookyoutube instagram
18th April 2024

އެޑިޓޯރިއަލް

Jan 16, 2012

ކުޅުދުއްފުށީ އޮންލައިންގެ 5 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަމުންދާއިރު، ކުޅުދުއްފުށީ އޮންލައިންގެ ހަޔާތުން މިވީ 5 އަހަރު ތެރޭގައި ހޯދުނު ކާމިޔާބީތަކާއި ކުރިމަތި ގޮންޖެހުންތައް ކިޔުންތެރިންނާ ހިއްސާކޮށްލުމަކީ މުހިއްމު ކަމެއްކަމަށް ދެކެމެވެ.

މީގެ 5 އަހަރު ކުރިން 2007 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު މިވެބްސައިޓު ވުޖޫދަށް އައީ ކުޅުދުއްފުށީގެ ނަމުގައި ހިންގާ އެންމެ ފުރަތަމަ އޮންލައިން ވެބްސައިޓުގެ ފަހުރުވެރި ނަމާއެކު އެވެ. ކުޅުދުއްފުށީގެ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ސައިޓު ފެށިގެން އައި ނަމަވެސް، އެދުވަސްވަރު ރަށުގައި ހިނގަމުން ދިޔަ ކަންތައްތަކުގެ ހަބަރު ތަކާއި ކުޅުދުއްފުއްޓާއި ގުޅުންހުރި ތަފާތު އެކި މައުޟޫތަކަށް އިލްމީ ޤާބިލް ބޭފުޅުންގެ އެހީގައި ރިޕޯޓާއި މަޒުމޫނުތައް ގެނެސްދިނީމެވެ.

2007 ވަނަ އަހަރު ކުޅުދުއްފުށި ޑޮޓް ކޮމް ގެ ނަމުގައި ފެށި ވެބްސައިޓު އޮންލައިން ނޫހެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްގެން ހިންގަން ފެށުމުން، ކުރިއަށްވުރެ ބޮޑަށް ހަބަރާ ރިޕޯޓުގެ ބައި އިތުރުކުރެވުނު އެވެ. އަދި، ނޫހުގައި މަސައްކަތް ކުރުމަށް ފުލް ޓައިމް 2 ނޫސްވެރިންނާއި ޕާޓް ޓައިމް ޖާނަލިސްޓުންގެ އިތުރުން ފްރީ ލާންސްކޮށް މަސައްކަތް ކުރާނެ ޓީމެއް އެކުލަވާލެވުނު އެވެ.

ކުޅުދުއްފުށީ އޮންލައިންގެ 5 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަމުންދާއިރު މިއަހަރުގެ އެންމެ ބޮޑު އަމާޒަކީ، ނޫހުގެ ކޮންޓެންޓް އިތުރުކޮށް ޒިންމާދާރު އަދި ޕުރޮފެޝަނަލް ގޮތެއްގައި ހަބަރާ މައުލޫމާތު ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ. އަދި، ކުޅުދުއްފުށީގެ އިތުރުން ހދ އަތޮޅުގެ ހަބަރުތަކާއި މަތިއުތުރު ސަރަހައްދުގެ ހަބަރުތައްވެސް ގެނެސްދިނުމެވެ. ކުޅުދުއްފުށީ އޮންލައިން އަކީ، ކުޅުދުއްފުށީގެ ނަމުގައި ހެދި ފުރަތަމަ އޮންލައިން ވެބްސައިޓަށް ވީ ފަދައިން ހަބަރު ފެތުރުމުގައި ވެސް އެންމެ ޕުރޮފެޝަނަލް އަދި އެންމެ ޒިންމާދާރު ގޮތެއްގައި މަސައްކަތް ކުރާ ނޫހަކަށް ހެދުމަކީ ކުޅުދުއްފުށީ އޮންލައިންގެ ޓީމުގެ އެންމެ ބޮޑު އެއް އަމާޒެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355