.
ކުޅުދުއްފުށީ ހިއްކި ސަރަހައްދުން ވެލި ނެގުމުގެ މައްސަލައިގައި ކުޅުދުއްފުށީގެ ބަޔަކު އިހުތިޖާޖު ކުރުމުގެ ގޮތުން މި ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ކުޅުދުއްފުށީގެ ހިއްކި ސަރަހައްދަށް އެއްވެ ހިންގި ހަރަކާތްތަށް ކަވަރު ކުރުމަށް އެސަރަހައްދަށް ދިޔަ ކުޅުދުއްފުށީ އޮންލައިންގެ ރިޕޯޓަރ އިބްރާހީމް ހަމީދަށް އެސަރަހައްދުގައި ހުރި މީހަކު ބިރު ދައްކާ އިންޒާރު ދީ ހަދާފައިވާތީ އެކަންތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ. ކުޅުދުއްފުށީ އޮންލައިނަކީ ވަކި ފަރާތަކަށް ނުޖެހި ޕުރޮފެޝަނަލް މިންގަނޑުތަކަށް އިހުތިރާމުކުރާ އަދި ހަގީގަތާއެއްގޮތަށް ހަބަރުތައް ކަވަރު ކުރުމުގައި މަސައްކަތްކުރާ ގާނޫނީ ހައިސިއްޔަތު ލިބިފައިވާ ނޫހެކެވެ. އަދި، ކުޅުދުއްފުށީ އޮންލައިންގެ ރިޕޯޓަރުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް އިންޒާރުދީ ބިރުދެއްކުމަކީ ގާނޫނު އަސާސީން ލިބިދޭ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅުން ކަމުގައި މިނޫހުން ދެކެމެވެ. ވީމާ، މިފަދަ ކަންތައްތައް އެއްވެސް ފަރާތަކުން ނުކުރުމަށް ނަސޭހަތްތެރިވަމެވެ. އަދި ދަންނަވަމެވެ. މިފަދަ އަމަލުތައް ތަކުރާރުވަމުން ދާ ނަމަ އެފަރާތެއްގެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި އެފަރާތަކާމެދު ފިޔަވަޅު އަޅާނެ ވާހަކަ ދެންނެވީމެވެ.