ހުސްނާ އަބްދުﷲ
ވޭތުވެ ދިޔަ 2011 ވަނަ އަހަރު ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ވައްކަމުގެ މައްސަލަތައް ކަމަށް އެސްޓޭޝަނުން ބުނެފި އެވެ.
ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ހާމަކުރާ ގޮތުގައި މިދިޔަ އަހަރު އެ ސްޓޭޝަނަށް ވައްކަމުގެ 221 މައްސަލަ ހުށަހަޅާފައިވާ އިރު އޭގެ ތެރެއިން 13 މައްސަލައެއް ތަހުގީގު ކުރުމަށްފަހު ދައުވާކުރުމަށްޓަކައި ޕުރޮސިކިއުޓަރ ޖެނެރަލް އަށް ފޮނުވާފައި ވެއެވެ. ވައްކަމުގެ 221 މައްސަލަ އެއް ހުށަހެޅުނުއިރު 214 މައްސަލައެއްގެ ތަހުގީގު ނިމިފައި ވެއެވެ.
ނިމިގެން ދިޔަ އަހަރު ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ދެން އެންމެ ގިނައީ މާރާމާރީގެ މައްސަލަތަކެވެ. އެގޮތުން މާރާމާރީގެ މައްސަލައިގެ ގޮތުގައި ހުށަހެޅުނު 69 މައްސަލައިގެ ތެރެއިން 14 މައްސަލައެއް ޕީޖީ އަށް ފޮނުވާފައިވާއިރު އޭގެ ތެރެއިން 56 މައްސަލައިގެ ތަހުގީގު ވަނީ ނިމިފައެވެ.
ކުޅުދުއްފުށީ ޕޮލިހަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ތިންވަނަ އަށް އެންމެ ގިނައިން ހުށެހެޅުނީ ބަދުއަހުލާގީ އަމަލުތަކާ ގުޅިގެން ހުށަހެޅުނު މައްސަލަތަކެވެ. އެގޮތުން އެބާވަތުގެ 50 މައްސަލައެއް ހުސްވި އަހަރު ހުށަހެޅުނު އިރު، މަސްތުވާތަކެތީގެ 41 މައްސަލައެއް އެސްޓޭޝަނަށް ހުށަހަޅާފައި ވެއެވެ. ދައުވާ ކުރުމަށްޓަކައި ޕީޖީ އަށް ފޮނުވުނު މައްސަލަތަކުގެ ތެރޭގައި ބަދުއަހުލާޤީ 24 މައްސަލަ އަދި މަސްތުވާތަކެތީގެ 22 މައްސަލައެއް ހިމެނެ އެވެ.
ކުޅުދުއްފުށީގައި ޓްރެފިކް މައްސަލަތައް އިތުރުވަމުންދާއިރު އެބާވަތުގެ 23 މައްސަލައެއް ހުސްވި އަހަރު ފުލުހުން ވަނީ ތަހުގީގު ކޮށް ނިންމާފައި އެވެ. އަދި ފޭރުމުގެ 18 މައްސަލައެއް ހުށަހެޅުނު އިރު އޭގެ ތެރެއިން އެއް މައްސަލަ ފިޔަވައި އެހެން މައްސަލަތަކުގެ ތަހުގީގު ވަނީ ނިންމާފައި އެވެ.