.
ހުސްނާ އަބްދުﷲ
މަތި އުތުރު ޕްރޮވިންސްގެ ވިޔަފާރި ކުރިއެރުވުމަށް އެހީވެދޭ މަރުކަޒުގެ ފަރާތުން ދަނޑުވެރިކަމުގެ ތަޖުރިބާ ދަތުރެއްގައި ބައިވެރިވުމުގެ ފުރުޞަތު އާންމުންނަށް ހުޅުވާލައިފިއެވެ.
މި ދަތުރަކީ އިކޮނޮމިކް މިނިސްޓްރީގެ ކޯސްޓް ޝެއަރިންގ ފެސިލިޓީސްގެ ދަށުން މަތި އުތުރު ޕްރޮވިންސްގެ ވިޔަފާރި ކުރިއެރުވުމަށް އެހީތެރިވެދޭ މަރުކަޒާއި އެލްސީފް ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑް ގުޅިގެން ރާވާފައިވާ ތަޖުރިބާ ދަތުރެކެވެ. މިދަތުރުގައި ދިއުމަށް ހަމަޖެހިފައިވަނީ ބ. މާރިކިލްއަށެވެ.
މި ދަތުރުގައި ތިމާވެއްޓާ ރައްޓެހި ގޮތަށް ދަނޑުވެރިކަން ކުރާނެ ގޮތާ ބެހޭ މައުލޫމާތު ދެވޭނެއެވެ. މިގޮތުން އެކި ކަހަލަ ކެމިކަލްސްތައް އެކުލެވޭ ‘އާޓިފިޝަލް’ ގަސްކާނާގެ ބަދަލުގައި އަމިއްލައަށް ‘ކޮމްޕޯސްޓް’ ތައްޔާރު ކޮށްގެން ގަސް އިންދާ ހައްދާނެ ގޮތާ ބެހޭ މައުލޫމާތު ދެވޭނެއެވެ. އަދި ފެނުގައި ގަސް އިންދުމާ ބެހޭ މައުލޫމާތުވެސް ދެވޭނެއެވެ. މީގެ އިތުރުން އެރަށުގައި މީހުން ދަނޑުވެރިކަން ކުރާ ގޮތް ބަލާލުމުގެ ފުރުޞަތު ދެވޭނެއެވެ.
ފަސްދުވަހުގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް އަންނަ ފެބްރުއަރީ މަހުގެ 1-10 އާއި ދޭތެރޭގައި ފެށޭނެ ކަމަށް އެ މަރުކަޒު މިވަގުތު ހިންގުމާ ހަވާލުވެ ހުންނެވި ހަފްސާ ސައީދު މައުލޫމާތު ދެއްވިއެވެ. މި ދަތުރުގައި އުތުރުން 20 ބައިވެރިން ހޮވުމަށް ހަމަޖެހިފައިވާއިރު، ބައިވެރިން ހޮވުމުގައި ދަނޑުވެރިކަމުގެ ކޯޕަރޭޓިވްސް ތަކަށާއި ސީރިއަސްކޮށް ދަނޑުވެރިކަން ކުރާ ފަރާތްތަކަށް އިސްކަން ދެވޭނެ ކަމަށްވެސް އެ މަރުކަޒުންް މައުލޫމާތު ދެއްވިއެވެ.
މި ދަތުރުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މި މަހުުގެ 24 ވަނަ ދުވަހުގެ ހަވީރު 4 ގެ ކުރިން 6528253 ނަންބަރ ފޯނަށް ގުޅައިގެން ނޯޓު ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
މި ދަތުރުގައި ބައިވެރިވާ ފަރާތްތަކުގެ ދަތުރު ފަތުރާއި ކެއުމާއި ހުރުން އެ މަރުކަޒުން ހަމަޖައްސައިދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.