ކުޅުދުއްފުށީ އެތުމާ ޕުރައިވެޓް ލިމިޓެޑުން ވިއްކާ “ތާޒާ” ފެނުގެ އަގު ހެޔޮކޮށްފި އެވެ.
އެތުމާ ކުންފުނީގެ ފަރާތުން ވާހަކަ ދެއްކި އެކުންފުނީގެ މެނޭޖަރ ސޭލްސް އެންޑް މާކެޓިން އަބްދުﷲ ފަޔާޒް ވިދާޅުވީ، އެކުންފުނިން ކުޅުދުއްފުށީގައި ވިއްކަމުން އަންނަ ތާޒާ ފެނުގެ އަގު ހެޔޮކޮށްފައިވަނީ، އަސާސީ ބޭނުންތަކަށް ބޭނުންކުރާ ތަކެތި އަގުހެޔޮކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ. އަދި މިފަހަރު ތާޒާ ފެނުގެ އަގުހެޔޮ ކުރީ ތާޒާ ފެން އުފައްދާ ކުންފުނިން އަގުތަކަށް ބަދަލެއް ގެނައުމުން ނޫން ކަމަށް ފަޔާޒް ވިދާޅުވި އެވެ.
ތާޒާ ފެނުގެ އަގުތަކަށް ގެނައި ބަދަލުތަކާއި ގުޅިގެން ކުރިން ޖީއެސްޓީއާއެކު 58.30 ރުފިޔާ އަށް ވިއްކަމުން އައި ފެން ކޭހެއް މިހާރު ވިއްކަނީ 53 ރުފިޔާ އަށެވެ. ހުރިހާ ސައިޒެއްގެ ފެން ކޭހެއް ވެސް ވިއްކަމުންދަނީ އެއް އަގެއްގައި ކަމަށް އެކުންފުނިން ބުނެއެވެ.
މީގެ ކުރިން އެތުމާ ކުންފުނިން ވިއްކަމުން އައި ކުކުޅުގެ އަގުވެސް ވަނީ ހެޔޮކޮށްފައި އެވެ. އަދި އެކުންފުނިން ކުޅުދުއްފުށީގައި ވިއްކަމުން އަންނަ ޕެޓްރޯލާ ޑީސަލްގެ އަގުވެސް ވަނީ ހެޔޮކޮށްފައި އެވެ.