އިބްރާހީމް ހަމީދު
ކުޅުދުއްފުށީގައި ހުންނަ ހދ އަތޮޅު ތައުލީމީ މަރުކަޒު ހޯލުގެ އިމާރާތް އެޅުމަށްޓަކައި ޔުމާން ކޮންސްޓްރަކްޝަން އާއެކު މިއަދު ސޮއި ކޮށްފިއެވެ.
މިއެއްބަސްމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީނެވެ. ޔުމާން ކޮންސްޓްރަކްޝަނުގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ މުޙައްމަދު ނަސީރެވެ.
ދިގުމިނުގައި 136 ފޫޓު އަދި ފުޅާ މިނުގައި 70 ފޫޓު ހުންނަ ގޮތަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މިހޯލަކީ 500 މީހުންގެ ޖާގައިގެ ހޯލެކެވެ. މިހޯލުގައި ސްޓޭޖަކާއި ގުދަނެއްގެ އިތުރުން ވުޟޫ ކުރާ ބަޔަކާއެކު ނަމާދު ކުރާ ކޮޓަރިއެއް ހިމެނެއެވެ. މީގެ އިތުރުން ދެ ޖިންސްގެ ކުދިންނަށް ވަކިން 2 ޗޭންޖިންގ ރޫމު ހިމެނެއެވެ.
4.1 މިލިއަން ރުފިޔާގެ މި ޕްރޮޖެކްޓަކީ 8 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ. މި އިމާރާތުގެ އަމަލީ މަސައްކަތް މިމަހުގެ 24 ގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް ޔުމާން ކޮންސްޓްރަކްޝަންގެ ޑިރެކްޓަރ މުޙައްމަދު ނަސީރު މައުލޫމާތު ދެއްވިއެވެ.
ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ ވިދާޅުވީ ބޮޑު މައްސަލައެއް ދިމާނުވެ ހުއްޓުމެއް ނެތި މަސައްކަތް ކުރިއަށް ގެންދެވިއްޖެނަމަ ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތް ނިންމާ ހޯލު ސްކޫލާ ހަވާލު ކުރެވޭނެ ކަމަށެވެ.
ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލު އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ މިދިޔަ އަހަރުގެ ޖެނުއަރީމަހު ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ އާއި އެޑިޔުކޭޝަން މިނިސްޓްރ ޝިފާ މުހައްމަދު އެވެ.