.
އިބްރާހިމް ހަމީދު
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތް ކުރަމުންދިޔަ ސީނިއަރ ލެވެލްގެ ދެ މުވައްޒަފަކު އެއްވެސް ނޯޓިސް އެއް ނުދީ އިއްޔެގެ ވަގުތެއްގައި ވަޒީފާއިން ވަކިކޮށް ގެއަށް ފޮނުވާލައިފި އެވެ.
ވަކިކުރި ދެ މުވައްޒަފުންނަކީ ކޯޕަރޭޝަން އަދި ރީޖަނަލް ހޮސްޕިޓަލްގެ ފައިނޭންސް އެންޑް އެކައުންޓްސް ޑިޕާރޓްމަންޓްގެ އެސިސްޓެންޓް މެނޭޖަރ އާދަމް އިބްރާހިމް އާއި ކޯޕަރޭޓް ޑިޕާރޓްމަންޓްގެ ޑެޕިއުޓީ މެނޭޖަރު ފާތުމަތު މުހައްމަދު އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ވަޒީފާއިން އިއްޔެ ވަކިކުރި އަޕަރ ނޯތް ހެލްތް ސާރވިސް ކޯޕަރޭޝަންގެ އެސިސްޓެންޓް މެނޭޖަރ އާދަމް އިބްރާހީމް ވިދާޅުވީ، އިއްޔެ މަސައްކަތުގައި އުޅެމުންދަނިކޮށް ހަވީރު ގާތްގަނޑަކަށް 3:45 ހާއިރު އޮފީހުގެ މީޓިން ރޫމަށް ގެންގޮސް ރިޑެންޓެންޓް ކޮށްފައިވާ ކަން އެންގި ކަމަށެވެ.
“އަޅުގަނޑާއެކު ވަޒީފާއިން ވަކިކުރި ފާތުމަތު މުހައްމަދާއި ދެބޭފުޅުން މީޓިން ރޫމަށް ދިޔައިރު ބޯރޑްގެ މެމްބަރުން ތިބި. ހޮސްޕިޓަލްގެ ސީއީއޯ އަދި ހެލްތު ކޯޕަރޭޝަނުގެ ބޯޑު މެމްބަރު ޒުބައިރު މުހައްމަދު އެވަގުތު އަޅުގަނޑުމެން ދެ ބޭފުޅުންނާއި މުހާތަބުކޮށް ވިދާޅުވީ ތި ދެބޭފުޅުން ރިޑެންޑެންޓް ކުރަން ނިންމައިފި ކަމަށް.” އާދަމް އިބްރާހީމް ވިދާޅުވި އެވެ.
އާދަމް އިބްރާހިމް ވިދާޅުވީ ކުރިން އިންޒާރެއްވެސް އަދި އެއް މިނެޓްގެ ނޯޓިސެއް ވެސް ނަސޭހަތެއް ވެސް ނުދީ އެންގީ ވަޒީފާއިން ވަކިކޮށް ގެއަށް ފޮނުވާލީ ކަމަށާއި ވަޒީފާއިން ވަކިކުރި ސަބަބެއް ނޭގޭ ކަމަށެވެ. ވަޒީފާއިން ވަކިކުރި ދެމީހުންގެ ތެރެއިން އާދަމް އިބްރާހީމް އަށް ވަޒީފާއިން ވަކިކުރި ޗިޓް ހަވާލުކޮށްފައި ނުވާކަން މިނޫހަށްވަނީ ކަށަވަރު ވެފައި އެވެ.
“ކުރިން ސިވިލް ސާވިސްގައި ތިބެފައި އަޅުގަނޑުމެން ކޯޕަރޭޝަނަށް ބަދަލުވި އިރު ކޯޕަރޭޝަނުން އަންގާފައި އެބައޮތް 1 އަހަރު ދުވަހުގެ ތެރޭގައި ކޯޕަރޭޝަނުގެ ވަޒީފާގައި ދެމިތިބެވޭނެ ކަމަށް. ކޯޕަރޭޝަނުގައި ތިބެން ބޭނުންވި ހުރިހާ މުވައްޒަފުންވެސް އެވަޒީފާތަކުގައި އެބަތިބި. އެހެންނަމަވެސް ވަޒީފާއިން މި ވަކިކުރީ އަޅުގަނޑުމެން ދެ މީހުން.” އާދަމް އިބްރާހީމް ވިދާޅުވި އެވެ. “އަޅުގަނޑުމެން ވަޒީފާއިން މި ވަކިކުރި ކުރުމަކީ ގާނޫނާއި އެއްގޮތަށް ކޮށްފައިވާކަމެއް ކަމަށް ގަބޫލެއް ނުކުރަން.”
މިމައްސަލައާ ގުޅިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ސީއީއޯ ޒުބެއިރު މުހައްމަދަށް ގުޅާލުމުން ހެލްތް ކޯޕަރޭޝަނުގެ އިސް ދެ މުވައްޒަފުން ވަކިކޮށްފައި ވާކަން ވަނީ ކަށަވަރުކޮށްދެއްވާފައި އެވެ. އަދި އެކަން ކޮށްފައިވަނީ ބޯޑާ މަޝްވަރާކޮށް ބޯޑުގެ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.
އަޕަރ ނޯތް ހެލްތް ސާރވިސް ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ ބަދުރުއްދީން ހަސަން އަށް ގުޅާލުމުން މިއަދު ވިދާޅުވީ، މިމައްސަލާގައި އިތުރު ކޮމެންޓެއް ދެއްވަން ބޭނުންފުޅު ނުވާ ކަމަށާއި އެކޯޕަރޭޝަނުގެ ދަށުން ހިންގަމުން އަންނަ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އެންމެހާ ކަންކަން ނިންމުމުގެ ބާރު ރީޖަނަލް ހޮސްޕިޓަލްގެ ސީއީއޯ ޒުބައިރު މުޙައްމަދަށް ލިބިދީފައިވާ ކަމަށެވެ.