.
ހުސްނާ އަބްދުﷲ
ހަނިމާދޫ އެއާޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
ކުޅުދުއްފުށީ އޮންލައިނުން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އިކޮނޮމިކް މިނިސްޓްރީގެ ޓެކްނިކަލް އެޑްވައިޒަރ ފާތިމަތު ނިއުމާ މިއަދު ވިދާޅުވީ، މިހާރު ނިންމާފައިވާ ގޮތުން އަންނަ މާޗު މަހުގެ 20 ގައި ހަނިމާދޫ އެއާޕޯޓު ތަރައްޤީ ކުރުމުގެ ޕުރޮޖެކްޓްގައި ސޮއި ކުރެވޭނެ ކަމަށެވެ.
ހަނިމާދޫ އެއާޕޯޓް ތަރައްޤީ ކުރުމަށްޓަކައި 2009 ވަނަ އަހަރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ޖީއެމްއާރު އާއެކު ސަރުކާރުން އެމްއޯޔޫ އެއްގައި ސޮއިކޮށްފައި ވަނިކޮށް އަލުން އިއުލާނު ކޮށްފައިވަނީ މިދިޔަ އަހަރުގެ މެދެއްހާ ހިސާބުގައި އެވެ. އެއާޕޯޓް ތަރައްޤީކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލުމާ ގުޅިގެން 19 ފަރާތަކުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ. މީގެތެރޭގައި ހިމެނެނީ ރާއްޖޭގެ 8 ފަރާތަކާއި ބޭރުގެ 11 ފަރާތެކެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނީ ހަނިމާދޫ އެއާޕޯޓު ތަރައްޤީކުރުމަށް ހުޅުވާލި ފުރުޞަތުގައި ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ ތެރެއިން އެމިނިސްޓްރީން 8 ފަރާތެއް ޝޯޓްލިސްޓް ކޮށްފައިވާ ކަމަށެވެ. ޝޯޓު ލިސްޓް ކުރި ފަރާތްތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން އިންޑިޔާ، ތުރުކީ ވިލާތާއި އެމެރިކާ އަދި އިނގިރޭސިވިލާތުގެ ކުންފުނިތައް ހިމެނެ އެވެ. އޭގެ އިތުރުން ސިންގަޕޫރުގެ ކުންފުންޏަކާއި ތައިލެންޑްގެ ކުންފުންޏެއް ހިއްސާވާ ކޮންސޯޓިއަމްއަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތު ދެއެވެ.
އިކޮނޮމިކް މިނިސްޓަރުގެ ޓެކްނިކަލް އެޑްވައިޒަރ ފާތިމަތު ނިއުމާ ވިދާޅުވީ، ހަނިމާދޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްްޤީ ކުރުމަށްޓަކައި ހުޅުވާލެވުނު ފުރުޞަތަށް އިޖާބަ ދިން ފަރާތްތަކުގެ ތެރެއިން ހޮވާލެވިފައިވާ 8 ފަރާތުން ބިޑް ހުށަހެޅުމުގެ މުއްދަތު އިތުރުކުރެވިފައިވާ ކަމަށެވެ.
ނިއުމާ ވިދާޅުވީ ޝޯޓް ލިސްޓް ކުރެވުނު ފަރާތްތަކުގެ ތެރެއިން އެއް ފަރާތުން ފިޔަވައި އެހެން ހުރިހާ ފަރާތްތަކުން ފީސިބިލިޓީ ސްޓަޑީސް ހެދުމަށް އިތުރު މުއްދަތު ބޭނުންވާތީ މުއްދަތު އިތުރު ކޮށްދިނުމަށް އެދުނު ކަމަށެވެ. އެގޮތުން މިހާރު ބިޑް ހުށަހެޅުމުގެ ސުންގަޑި އަކީ އަންނަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހެވެ.
އުތުރުގެ ތަރައްޤީއަށް އެންމެ މުހިއްމު ކަމަކީ ހަނިމާދޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްޤީ ކުރުން ކަމަށް ގިނަ ބަޔަކު ބުނަމުންދާ މިދަނޑިވަޅުގައި އެ މަޝްރޫޢު ބަޔަކާ ހަވާލު ކުރެވި މަސައްކަތް ފެށޭނެ ދުވަހަކަށް ގިނަބަޔަކު ދަނީ އިންތިޒާރު ކުރަމުންނެވެ.