.
– ކައުންސިލުން ނޫސްބަޔާން ނެރެފައިވަނީ ކައުންސިލަރުންނާ މަޝްވަރާ ނުކޮށް: ނޮޅިވަރަމް ދާއިރާގެ ކައުންސިލަރ
އިދިކޮޅު ފަރާތްތަކުން މާލޭގައި މިހާރު ކުރިއަށް ގެންދާ ހަރަކާތްތަކާއި އަދި އެފަދަ ހަބަރުތައް ގެނެސްދޭ މީޑިއާތަށް ކުށްވެރިކޮށް ހދ އަތޮޅު ކައުންސިލުން ނޫސް ބަޔާނެއް ނެރެފި އެވެ.
ހދ އަތޮޅު ކައުންސިލުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ، އެކައުންސިލުގެ މެމްބަރުންނަކީ މުސްލިމުންކަމަށާއި ލާދީނީ ބައެއްކަމަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން ގޮވާ އަދި އެއްމުސްލިމަކަށް ނިސްބަތްކޮށް ކާފަރެއްކަމަށް ބުނެ ގައުމުގައި ފަސާދަ އުފެއްދުމަށް ކުރަމުންގެންދާ މަސައްކަތް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
“އަޅުގަނޑުމެންނަކީވެސް މިޤައުމަށް އުފަންވެ މާތްވެގެންވާ އިސްލާމް ދީނުގެ މަތިވެރި ހިދާޔަތުގައި ތިބި ބަޔަކަށް ވީހިނދު އަޅުގަނޑުމެންނަކީ ލާދީނީ ބައެއްކަމަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން ގޮވަ އަދި އެއް މުސްލިމަކަށް ނިސްބަތްކޮށް ކާފަރެއް ކަމަށް ބުނެ ޤައުމުގައި ފަސާދަ އުފެއްދުމަށް ކުރަމުންދާ މަސައްކަތަށް މިކައުންސިލުން އެންމެ ހަރުކަށި ޢިބަރާތުން ކުއްވެރި ކުރަމެވެ.”
ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު ކުރިއަށްދާ ހަމަނުޖެހުންތައް ކުށްވެރިކޮށް ނެރުނު ނޫސްބަޔާނުގައި ރައީސް ނަޝީދު ގައުމަށް ގެންނަވަމުން ގެންދަވާ ތަރައްޤީގެ ވާހަކަ ފާހަގަކޮށްފައި ވެއެވެ. އަދި އިދިކޮޅު ފަރާތްތަކަށް، ގައުމަށް އަންނަމުންދާ ތަރައްޤީ ހަޖަމު ކުރަން އުނދަގޫ ކަމަށް އެނޫސްބަޔާނުގައި ވެއެވެ.
“ދިވެހި ރައްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމުހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދު ކުރު މުއްދަތެއްގައި ޤައުމަށް މިގެނެސްދެއްވާ ބޮޑު ކުރި އެރުމާއި ތަރައްޤީ އަކީ އިދިކޮޅު ފަރާތްތަކަށް ހަޖަމު ކުރަން އުނދަގޫ ކަންކަމަށް ވީނަމަވެސް މިހަޤީޤަތް ތިލަދުންމަތީ ދަރިން ޤަބޫލު ކުރަނީ އުފަލާއެކުގައެވެ.” އެ ނޫސްބަޔާނުގައި ވެއެވެ. “އަދި މިކަން ނެތިކޮށް ޤައުމުގެ ހަމަޖެހުން ނެތިކޮށްލުމަށްޓަކައި ރެޔަދުވާލު ބައެއް މީޑިޔާތަކުންނާއި އިދިކޮޅު ފަރާތްތަކުން ކުރަމުން ގެންދާ ޢުދުވަނީ މަސައްކަތްތައް މިކައުންސިލުން ހަރުކަށި އިބާރަތުން ކުށްވެރި ކުރަމެވެ.”
ވެރިކަންކުރާ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ހދ އަތޮޅު ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނުގައި، ލާދީނީ ސަރުކާރެއް ކަމަށް ބުނެ ދައްކަމުން ގެންދާ ވާހަކަތައް އިންސާފުވެރިކަމާއެކު ތަޙްޤީޤުކުރާ ކުރުމަށް ހުރަސް އެޅުމަށް އެދެމެދަށް ކޯޓުތައް ނުވަދެ ފުރިހަމަ ގޮތުގައި ތަހުޤީޤު ކުރުމުގެ ފުރުޞަތު ދެއްވުމަށް ކޯޓުތަކަށް ގޮވަލާފައިވެ އެވެ.
ކައުންސިލުން ނެރުނު ނޫސްބަޔާން ނިންމާލަމުން ބުނެފައިވަނީ މިސަރުކާރުގެ ވައުދުތައް ފުދޭތަން ޤައުމުގެ އެކި ކަންކޮޅުތަކުން ފެންނަން ފެށުމުން އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަަސައްކަތަކީ އަމިއްލަ ލޮލަށް ހަރާލުމަށް ފޭހޭ އިލޮށްޓަކަށް ވެދާނެ ކަމަށް އެ ކައުންސިލުން ދެކޭ ކަމަށެވެ. އެހެން ކަމުން ޒަތީގޮތް ދޫކޮށް ސިޔަސީ ދަނޑަށް ނުކުތުމަށާއި ކުޅެމުންދާ މެޗްގެ ވަގުތު ހަމަވަންދެން ކެތްތެރިކަމާއެކު ތިބުމަށް އިދިކޮޅު ފަރާތްތަކަށް ހދ އަތޮޅު ކައުންސިލުން ގޮވާލާފައި ވެއެވެ.
މި ނޫސްބަޔާނުގައި ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް އަދި އެންމެ މަތީ ޝަރުޢީ ކޯޓުގެ ހުކުމްތަކާއި ހިލާފަށް ދިވެހި އަސްކަރިއްޔާ އިން ހައްޔަރުކޮށްފައިވާ ކުރިމިނަލް ކޯޓުގެ އިސްޤާޟީގެ މައްސަލަ ފާހަގަކޮށްފައި ނުވުމުން މިއީ ހދ އަތޮޅު ކައުންސިލުގެ ނަމުގައި އެމްޑީޕީން ނެރެފައިވާ ނޫސްބަޔާނެއްކަމަށް އެކައުންސިލުގައި ހިމެނިވަޑައިގަންނަވާ ކައުންސިލަރަކު ވިދާޅުވި އެވެ.
ހދ އަތޮޅު ކައުންސިލުގެ ނޮޅިވަރަމް ދާއިރާގެ ޑީއާރުޕީގެ ކައުންސިލަރ ޒަކަރިއްޔާ މިއަދު ވިދާޅުވީ، ކައުންސިލުގެ ލެޓަރ ހެޑުގައި ހދ އަތޮޅު ކައުންސިލުގައި ނޫސްބަޔާނެއް ނެރެފައިވަނީ އެކައުންސިލުގެ މެމްބަރުންނާ މަޝްވަރާކުރުމެއް ނެތި ކަމަށެވެ. އަދި، ކައުންސިލުގެ ބައްދަލުވުމެއްގައި މަޝްވަރާނުކުރެވި ކައުންސިލުގެ ރައީސަށް ފެނިވަޑައިގަންނަވާ ގޮތަކަށް ނޫސްބަޔާނެއް ކައުންސިލުގެ ނަމުގައި ނުނެރެވޭނެ ކަމަށް ޒަކަރިއްޔާ ވިދާޅުވި އެވެ.
ޒަކަރިއްޔާ ވިދާޅުވީ، މިއަދުވެސް އޮފީހަށް ނުކުމެވަޑައިގަތް ކަމަށާއި ނަމަވެސް އެފަދަ ނޫސްބަޔާނެއް ނެރެން އުޅޭ ކަމުގެ އެއްވެސް މައުލޫމާތެއް ލިބިވަޑައިގެންފައި ނުވާކަމަށެވެ. އަދި ކައުންސިލުގައި ހިމެނޭ ބައެއް އެހެން މެމްބަރުންނަށްވެސް އެކަން އެނގިވަޑައިގެންފައި ނުވާކަމަށް ޒަކަރިއްޔާ ވިދާޅުވި އެވެ. މިއަދު ކައުންސިލުން ނޫސްބަޔާނެއް ނެރެފައިވަނީ ލާމަރުކަޒީ ގާނޫނުގެ މައިގަނޑު އުޞޫލުތަކާ ހިލާފަށް ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށް ޒަކަރިއްޔާ ވިދާޅުވި އެވެ.
ނޫސްބަޔާން ޑައުންލޯޑް ކުރައްވާ