.
އިބްރާހިމް ހަމީދު
ކުޅުދުއްފުށީގައި އެޅުމަށް ހަމަޖެހިފައިވާ މެޓާރނިޓީ ވެއިޓިން ހޯމްގެ ބިންގާ އެޅިތާ 8 މަސް ދުވަސް ވެގެންދިޔައިރު ވެސް އެއްވެސް، މަސައްކަތެއް ކުރިއަށް ނުދާ ކަމަށް ބުނެ ބައެއް ރައްޔިތުން ޝަކުވާ ކުރަން ފަށައިފި އެވެ.
ކަރިޓަސް އިޓާލިއާނާ ޕުރޮޖެކްޓްގެ ދަށުން ކުޅުދުއްފުށީގައި މާބަނޑު މީހުންނަށް ހާއްސަކޮށް އެޅުމަށް ހަމަޖެހިފައިވާ މެޓާރނިޓީ ވެއިޓިން ހޯމްގެ މަސައްކަތް ކުރުމަށް ފޯކަލް ޕޮއިންޓެއްގެ ގޮތުގައި މަސައްކަތްކުރައްވާ މަތިއުތުރު ގައުމީ އިދާރާގެ ސްޓޭޓް ސެކްރެޓަރީހަސަން ޒިޔާދު ވިދާޅުވީ، ހުސްވި އަހަރު ގިނަ މަސައްކަތެއް ކުރެވިފައިވާ ކަމަށާއި އެއިމާރާތުގެ މަސައްކަތް ކުރައްވަނީ ސީދާ ހެލްތް މިނިސްޓްރީން ކުރައްވާ މަސައްކަތެއްގެ ގޮތުގައި ކަމަށެވެ. އަދި މަތިއުތުރު ގައުމީ އިދާރާގެ ދައުރަކީ އެކަންތައްތައް އިމްޕްލިމެންޓް ކުރުން ކަމަށް ޒިޔާދު ވިދާޅުވި އެވެ.
ހަސަން ޒިޔާދު ވިދާޅުވީ މިހާރު އޮތީ މެޓާނިޓީ ވެއިޓިން ހޯމް އިމާރާތްކުރަން ފެށުމުގެ އެންމެ ފަހު ސްޓޭޖްގައި ކަމަށާއި އެގޮތުން ފައިނަލް ޑިޒައިނާއި ބީއޯކިޔު އޮފީސް އޮފް ޕުރޮގްރާމްސް އެންޑް ޕުރޮޖެކްޓްސް (އޯޕީޕީ) އަށް މިހާރު ފޮނުވާފައިވާ ކަމަށެވެ. އެހެންނަމަވެސް އޯޕީޕީ އިން އެއްވެސް ޖަވާބެއް އަދި ލިބިފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ވަނީ ސީދާ ކުޅުދުއްފުށީ ކައުންސިލާއި އޯޕީޕީ ގުޅިގެން އަލުން އެއިމާރާތް ކުރުމަށް ބިން ބޮޑުކޮށްދެއްވާނެ ކަމަށް އަންގާ ސިޓީއެއް ކައުންސިލުން އޯޕީޕީއަށް ފޮނުވާފައި އެވެ.
ގައުމީ އިދާރާގެ ސްޓޭޓް ސެކްރަޓަރީ ހަސަން ޒިޔާދު ވިދާޅުވީ ކުރިން އެއިމާރާތް އެޅުމަށް ދޫކޮށްފައިވާ ބިމުގެ ސައިޒު ކައުންސިލުން އިތުރުކޮށްފައިވާ ކަމަށާއި އަދި އޯޕީޕީން މަސައްކަތް ނިމުނުހާ އަވަހަކަށް އިމާރާތުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.
“މީގެ ކުރިން އަޅުގަނޑުމެން އެއިމާރާތް ކުރުމަށް ދޫކޮށްފައި ވާނީ 3000 އަކަފޫޓްގެ ބިމެއް. އެހެންނަމަވެސް މިހާރު އަޅުގަނޑުމެންނަށް ކައުންސިލުން ސިޓިއަކުންް އަންގަވާފައި އެބައޮތް މެޓަރނިޓީ ވެއިޓިން ހޯމް އިމާރާތް ކުރުމަށް 60 ފޫޓާއި 120 ފޫޓް (7200 އަކަފޫޓް) ބިމެއް ދޭގޮތަށް ނިންމާފައިވާ ކަމަށް. އޯޕީޕީގައި އެއިމާރާތުގެ މަސައްކަތް އޮތީ” ހަސަން ޒިޔާދު ވިދާޅުވިއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ހުޅަނގަށް އޮންނަ ބިމުގައި 2011 ވަނަ އަހަރުގެ ޖޫން މަހުގެ 16 ވަނަ ދުވަހު މާބަނޑު އަންހެނުނަށް ހާއްސަކޮށްގެން އިމާރާތްކުރާ މެޓާރނިޓީ ވެއިޓިންގ ހޯމްގެ ބިންގާ އަޅުވައިދެއްވީ ހެލްތް މިނިސްޓަރ ޑރ އާމިނަތު ޖަމީލާއެވެ.
ހެލްތުމިނިސްޓަރު އެއިމާރާތުގައި ބިންގާ އަޅުއްވައި ދެއްވުމަށްފަހު ވިދާޅުވީ ކުޅުދުއްފުށީގައި އިމާރާތްކުރާ މެޓާރނިޓީ ވެއިޓިން ހޯމަކީ މާބަނޑުވުމާއި އަދި ވިހެއުމާ ގުޅިގެން އެފަދަ ފަރާތްތަށް ކުޅުދުއްފުށީގައި މަޑުކޮށްލައިގެން ތިބެވޭ ގޮތަށް ތައްޔާރުކުރެވޭ އިމާރާތެއް ކަމަށާއި އެތަނުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ހިދުމަތް ހޯދަން އަންނަ މީހުންނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި އެޕުރޮޖެކްޓުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށް ހެލްތު މިނިސްޓަރ އައިމިނަތު ޖަމީލާ ވަނީ ވިދާޅުވެފައެވެ.