ހުސްނާ އަބްދުﷲ
އެޑިއުކޭޝަން މިނިސްޓްރީގެ “ޕްރޮފެޝަނަލް ޑެވެލޮޕްމެންޓް ޕޮލިސީ” (ޕީޑީ)ގެ ދަށުން ކޮންމެ އަހަރަކު 3 ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕީޑީ ޑޭ ގެ ފުރަތަމަ ޕުރޮގްރާމް އަފީފުއްދީން ސްކޫލުގައި މިއަދު ކުރިއަށް ގެންގޮސްފި އެވެ.
އަފީފުއްދީން ސްކޫލުގެ ޕުރިންސިޕަލް ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިއަދުގެ ހެދުނު 8 ން ފެށިގެން ހަވީރު 4 ޖަހަންދެން ކުރިއަށް ގެންދިޔަ މި ޕުރޮގްރާމުގައި އެ ސްކޫލުގެ ހުރިހާ ޓީޗަރުން ބައިވެރިވެފައިވާ ކަމަށެވެ. އަދި އެހެން އަހަރު ތަކުގައި ސްކޫލުން ބޭރު ބޭފުޅުން ގެނެސްގެން ކިޔަވައިދިން ނަމަވެސް މިފަހަރު ކިޔަވައި ދެނީ އެ ސްކޫލުގެ ބައެއް ލީޑީންގ ޓީޗަރުންނާއި ސްކޫލުު ޕްރިންސިޕަލް ކަމަށް އޭނާ ވިދާޅުވި އެވެ.
މި ޕުރޮގްރާމްގައި ލޯކަލް ޓީޗަރުންނަށް ހާއްޞަ ކޮށްގެން ކޮރަލް އެނިމޭޝަން ދަސްކޮށް ދިނުމުގެ ސެޝަން އެއް ކުރިއަށް ގެންދެވިފައި ވެއެވެ. އަދި ބިދޭސީ ޓިޗަރުންނަށް ކްލާސް ރޫމް މެނޭޖްމެންޓް ގެ ނަމުގައި ސެޝަނެއް ކުރިއަށް ގެންގޮސްފައި ވެއެވެ.
މީގެ އިތުރުން ޓީޗަރުންނަށް ޕޭޕަރ ސެޓަޕް ހަދަން ދަސްކޮށްދިނުމުގެ ސެޝަނަކާއި ބިހޭވިޔަރ މެނޭޖަމެންޓް ސެޝަނެއް ވެސް ކުރިޔަށް ދިޔަ ކަމަށް މައުލޫމާތު ލިބެއެވެެ. އަދި ޓީޗިންގ ޓެކްނިކްސް ގެ ދަށުން ދަރިވަރުންނާ ގުޅިގެން ލެސަން ޚުލާސާ ކުރާނެ ގޮތް ތަކެއްވެސް ދަސްކޮށްދެވޭނެ ކަމަށް އެ ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވިއެވެ.
އަފީފުއްދީން ސްކޫލުގެ ޕުރިންސިޕަލް ވިދާޅުވީ މިފަހަރުގެ ޕުރޮގްރާމްގައި މައުލޫމާތު ދެވިފައިވަނީ އަހަރު ފެށުނު އިރު އެންމެ ބޮޑަށް މުހިންމު ކަމަށް ބެލެވޭ ކަންތައްތަކާ ބެހޭގޮތުން ކަމަށެވެ. އެ ގޮތުން ބައެއް ޓީޗަރުންނަށް ވެސް ފާހަގަ ކުރެވޭ މައުޟޫޢުތައް ޚިޔާރު ކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޓީޗަރުންގެ ކިޔަވައިދިނުމުގެ ފެންވަރު މަތި ކުރުމަށްޓަކައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޕުރޮގްރާމް ކުޅުދުއްފުށީގައި ހުންނަ ހދ އަތޮޅު ތައުލީމީ މަރުކަޒު އަދި ޖަލާލުއްދީން ސްކޫލުން ވަނީ ފަހުގެ ތާރީޚަކަށް ފަސްކޮށްފަ އެވެ. އަފީފުއްދީން ސްކޫލުގައި ޕީޑީ ގެ ހަރަކާތްތައް ބޭއްވުމަށްޓަކައި މިއަދު އެސްކޫލުގައި ކިޔަވައި ދީފައެއް ނުވެއެވެ.