.
ހުސްނާ އަބްދުﷲ
ކުޅުދުއްފުށީގެ ބަޔަކު ހދ މާވައިދޫ ގޮނޑު ދޮށުން ވެލި ނަގައިގެން އެރަށުން ފުރަން ތައްޔާރުވަނިކޮށް ފުލުހުން ގޮސް އެކަން ހުއްޓުވައިފި ކަމަށް ހަބަރު ލިބިއްޖެ އެވެ.
ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ހދ ނޮޅިވަރަމްފަރަށް މީހުން ބަދަލުކޮށްފައިވާ ހދ މާވައިދޫ ގޮނޑުދޮށުން ވެލި ނަގާކަން ރިޕޯޓުކޮށްފައިވަނީ ހދ އަތޮޅު ކައުންސިލަށާއި ފުލުހުންނަށެވެ. ހދ އަތޮޅު ކައުންސިލަށް އެމައްސަލަ ހުށަހެޅުމުން ހަމަ އެވަގުތު ފުލުހުންނަށް އެކަން ރިޕޯޓު ކޮށްފައިވާ ކަމަށް ހދ އަތޮޅު ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.
ހދ އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު ޝުކޫރު ވިދާޅުވީ ހދ މާވައިދޫއިން ބަޔަކު ވެލި ނަގަމުންދާ މައްސަލަ އެކައުންސިލަށް ހުށަހެޅުމުން ފުލުހުންނަށް އެކަން އެންގި ކަމަށެވެ. އަދި، ފުލުހުން އެރަށަށް ގޮސް އެވަގުތު އެރަށުގައި ވެލިނަގަން ތިބި މީހުން ނަގާފައިހުރި ވެލިތައް އެރަށަށް ހުސްކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
މުހައްމަދު ޝުކޫރު ވިދާޅުވީ އެރަށަކީ ހދ އަތޮޅު ކައުންސިލުގެ ބެލުމުގެ ދަށުގައި އޮންނަ ރަށެއް ނޫން ކަމަށެވެ. މިހާރު އެރަށް ހަވާލުވެފައިވަނީ މަތިއުތުރު ސަރަހައްދުގެ ގައުމީ އިދާރާ އިން ކަމަށް ޝުކޫރު ވިދާޅުވި އެވެ.
މިމައްސަލާގައި ފުލުހުންގެ މީޑިޔާ އޮފިޝަލަށް ރޭގެ ވަގުތެއް ގުޅުމުން ވިދާޅުވީ، އެފަދަ މައްސަލައެއް ފުލުހުންގެ އިދާރާގައި ފައިލް ކޮށްފައި ނުވާ ކަމަށެވެ. އަދި، އެފަދަ މައްސަލައެއްގައި ފުލުހުން ހދ މާވައިދޫ އަށް ދިޔަކަމެއް ވެސް އެނގެން ނެތްކަމަށް މީޑިޔާ އޮފިޝަލް ވިދާޅުވި އެވެ.
ހދ. މައިވާދޫ ގެ ގޮނޑުދޮށުން ވެލިނެގީ ކުޅުދުއްފުށީގެ ކޮން ދޯންޏަކުން ކަން އަތޮޅު ކައުންސިލް، ޕޮލިސް އަދި ގައުމީ އިދާރާއިންވެސް ވަނީ ސާފުވާގޮތް ނުވެފައެވެ.