.
ހުސްނާ އަބްދުﷲ
މެންގްރޫވްސް ފޯރ ދަ ފިއުޗަރ ޕުރޮގްރާމްގެ ދަށުން ހިންގާ ސްމޯލް ގްރާންޓް ފެސިލިޓީގެ ދެވަނަ ފިޔަވަހީގެ ޕުރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.
މި ޕުރޮގްރާމަކީ އައްސޭރިފަށާއި ގޮނޑުދޮށްތައް ހިމާޔަތް ކުރުމަށް ސަރަހައްދީ ޤައުމުތަކުން ގުޅިގެން އެކި ޖަމާއަތްތަކުގެ އެހީ ލިބިގެން ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕުރޮގްރާމް (ޔޫއެންޑީޕީ) އިން ހިންގަމުން ގެންދާ ޕުރޮގްރާމެކެވެ.
މި ޕުރޮގްރާމްގެ ދަށުން ފައިސާގެ އެހީ ދިނުމަށް ހަމަޖެހިފައި ވަނީ ކުދި މަޝްރޫޢުތައް ހިންގުމަށް 10000 ޑޮލަރާއި 25000 ޑޮަލަރު އާ ދެމެދުގެ ޕުރޮޖެކްޓް ތަކަށް ކަމަށް ޔޫއެންޑީޕީން ނެރެފައިވާ އިއުލާނެއްގައި ވެ އެވެ. ފައިސާގެ އެހީ ދިނުމަށް ހަމަޖެހިފައިވަނީ ޤައުމީ އަދި ރަށު ފެންވަރުގައި މިފަދަ މަސައްކަތް ކުރާ ޖަމިއްޔާ ތަކަށާއި ތައުލީމީ އިދާރާ ތަކަށެވެ.
ޔޫއެންޑީޕީން ބުނެފައިވާ ގޮތުގައި، މި ޕުރޮގްރާމަކީ، އެ މުޖްތަމަޢެއްގައި ދިރިއުޅޭ ބަޔަކު ބައިވެރިކޮށްގެން ތިމާވެއްޓަށް ދިމާވާ މައްސަލަތަކުގެ ހައްލު ހޯދުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ ޕުރޮގްރާމެކެވެ. އެގޮތުން ގުދުރަތީ ފެންގަނޑު ތަކާއި ޗަސްބިންތައް އާލާކޮށް އެތަންތަނުގައި ދެމެހެއްޓެނިވި ގޮތަކަށް އާމްދަނީ ލިބޭ މަސައްކަތެއް ކުރަން ބޭނުންވާ ފަރާތްތަކަށާއި މުޖުތަމަޢުއަށް ސީދާ ފައިދާ ކުރާނެ އަދި އާންމު ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް ހިންގާ ޕްރޮޖެކްޓް ތައް ހިމެނޭނެ އެވެ.
މީގެ އިތުރުން މޫސުމަށް އަންނަ ބަދަލާއި ގުޅިގެން މުޖުތަމަޢުއަށް ދިމާވާ ގެއްލުންތަކުން މުޖުތަމަޢުގެ ފެންވަރު ރަނގަޅު ކުރުމަށް ހިންގާ ޕުރޮޖެކްޓް ތަކާއި އައްސޭރިފަށް ދެމެހެއްޓެނިވި ގޮތަކަށް ހިމާޔަތް ކުރުމުގެ ޕުރޮޖެކްޓްތައްވެސް ހިމެނެ އެވެ.
ތިމާވެއްޓަށް ވާ ގެއްލުންތައް ކުޑަކޮށް ހޭލުންތެރި ކުރުމާއި ކުނި ނައްތާލުމާއި ކުނި މަދުކުރުން އަދި ދިރޭތަކެތީގެ ނަސްލު ހިމާޔަތް ކުރުމަކީވެސް މި ޕްރޮގާމްގައި އިސްކަން ދެވޭނެ ކަންކަމެވެ.
މި ޕުރޮގްރާމްގެ ދަށުން ރާއްޖޭގައި ހިންގާ ހަރަކާތްތައް ބަލަހައްޓާނީ އެކަމަށް ރާއްޖެއިން އައްޔަން ކުރެވިފައިވާ ކޮމިޓީ ކަމަށްވާ ނެޝަނަލް ކޯޑިނޭޓިންގ ބޮޑީ (އެން.ސީ.ބީ) އިންނެވެ.
ޔޫއެންޑީޕީން މައުލޫމާތު ދޭ ގޮތުގައި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ފެބްރުއަރީ މަހުގެ 26 ގެ ކުރިން ޕުރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފަ އެވެ.