twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ކުޅުދުއްފުށީގައި ވޯކްޝޮޕެއް ފަޅާލައި ގިނަ އަދަދެއްގެ ސާމާނު ވަގަށް ގެންގޮސްފި

Jan 31, 2012

.

ހުސްނާ އަބްދުﷲ

ކުޅުދުއްފުށީ އާޕޮއިންޓް ފިހާރައިން ވެސް ވަނީ ވައްކަން ކޮށްފައި

ކުޅުދުއްފުށީގައި ހުންނަ ‘އީޒީ ރެފްރިޖެރޭޝަން’ ފަޅާލައި އެތަނުގައި ހުރި ގިނަ އަދަދެއްގެ ސާމާނުތަކެއް ވަގަށް ގެންގޮސްފިއެވެ.

ކުޅުދުއްފުށީ އޮންލައިން އަށް މައުލޫމާތު ދެއްވަމުން މި ވޯކްޝޮޕްގެ ވެރިޔާ އަބޫބަކުރު އަލީ ބުނީ ވައްކަން ކޮށްފައިވަނީ ވޯކްޝޮޕްގައި މަސައްކަތަށް ގެންގުޅޭ ސާމާނު ރައްކާ ކުރުމަށް ހަދާފައިވާ ގުދަނުގެ ދޮރު ހަލާކުކޮށްލައިގެން ކަމަށެވެ.

އޭނާއަށް އެތަނުން ވައްކަން ކޮށްފައިވާކަން އެނގުނީ ހެނދުނު ގާތްގަނޑަކަށް 6:45 ގައި ވޯކްޝޮޕް ހުޅުވަން ދިޔަ ގަޑީގައި ކަމަށް އަބޫބަކުރު އަލީ ބުންޏެވެ. އޭނާ ބުނީ އެގަޑީގައި ވޯކްޝޮޕްގެ އިމާރާތް ހުންނަ ބަޝީރު ގޭގެ ދޮރާށި ހުރީ އެތެރޭން ގާބުރިއެއް ޖައްސާ ތާށި ކޮށްފައި ކަމަށެވެ. އެހެންކަމުން ވައްކަން ކޮށްފައިވަނީ އެގޭ ތެރެއިން ލައިފައި ގޮސް ކަމަށް ބެލެވޭ ކަމަށެވެ.

ވޯކްޝޮޕް ފަޅަލައިގެން އެތަނު ތެރޭގައި ހުރި ކޮމްޕިއުޓަރ ސިސްޓަމް އަކާއި މޮޑެމް އެއް ގެންގޮސްފައި ވެއެވެ. މީގެ އިތުރުން ތިން ބުރުމާއާއި އަތްމަތީ ސާމާނު އަޅާފައިވާ ޓޫލް ބޮކްސް ވެސް ވަގަށް ގެންގޮސްފައިވާ ކަމަށް އަބޫބަކުރު އަލީ ބުންޏެވެ. އަދިވެސް ބައެއް އެހެން ސާމާނުވެސް މަދުކަމަށާއި ގެއްލުނު އެއްޗެހި ކަނޑައެޅިގެން އަދި ބުނަން ނޭނގޭކަމަށް އޭނާ ބުންޏެވެ.

މިޚަބަރު ލިބުމާއެކު ޕޮލިހުން އެތަނަށް ގޮސްފައިވާ ކަމަށާއި އިތުރަށް މިމައްސަލަ ތަހުގީގު ކުރަމުންގެންދާ ކަމަށް މައުލޫމާތު ލިބެއެވެ.

ކުޅުދުއްފުށީ ބަޝީރު ގޭގައި ހުންނަ މި ވޯކްޝޮޕަކީ އައިސްއަލަމާރި މަރާމާތު ކުރުމާއި އެއާކޮންޑިޝަން މަރާމާތުކޮށް އިންސްޓޯލް ކޮށްދިނުމުގެ ޚިދްމަތް ދޭ ވޯކްޝޮޕެކެވެ. މި ވޯކްޝޮޕްގެ ވެރި ފަރާތުން ބުނީ މި ވައްކަމުގެ ސަބަބުންް ގާތްގަނޑަކަށް 30000 ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށެވެ.

ރޭގެ ވަގުތެއްގައި ކުޅުދުއްފުށީ އާޕޮއިންޓް ފިހާރައިން ވެސް ވަނީ ވައްކަން ކޮށްފައި އެވެ. ފިހާރައިގެ ވެރިފަރާތްކަމުގައިވާ މުހައްމަދު ސައުދު ބުނީ އެފިހާރައިން ވައްކަން ކޮށްފައިވަނީ ދޮރުގެ ތަޅު ހަލާކުކޮށްލައިގެން ކަމަށެވެ.

އާޕޮއިންޓް ފިހާރައިން ވަގަށް ގެންގޮސްފައިވަނީ ވިއްކަން ބަހައްޓާފައި ހުރި މުދާ ކަމަށާއި އެވަގުތު ފިހާރަތެރޭގައި އެއްވެސް ފައިސާއެއް ނުހުންނާނެ ކަމަށް މުހައްމަދު ސައުދު ބުންޏެވެ. އޭނާ ބުނީ ފިހާރައިން ވަގަށް ގެންގޮސްފައިވަނީ ސިނގިރޭޓާއި ބޯން ބޭނުންކުރާ ތަފާތު ވައްތަރުގެ ދަޅު ފަދަ ތަކެތި ކަމަށެވެ. އަދި އެވައްކަމުގެ ސަބަބުން 6 ހާހެއްހާ ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355