twitterviber whatsapp telegramfacebookyoutube instagram
20th April 2024

އީޒީ ރެފްރިޖަރޭޝަން ވޯކްޝޮޕުން ވަގަށް ނެގި ބައެއް ތަކެތި ފުލުހުން ހޯދައިފި

Feb 1, 2012

މިހަފުތާގެ ހޯމަ ދުވަހުގެ ރޭ ކުޅުދުއްފުށީގައި ހުންނަ އީޒީ ރެފްރިޖަރޭޝަން ވޯކްޝޮޕުން ވަގަށް ނެގި ބައެއް ތަކެތި ފުލުހުން ހޯދައިފި އެވެ.

ފުލުހުން މިތަކެތި ހޯދާފައިވަނީ ކުޅުދުއްފުށީ ގުމްރީގެ ތެރެއިން މިއަދު ހެނދުނުގެ ވަގުތެއްގައި އެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް މިރޭ ވިދާޅުވީ، އީޒީ ރެފްރިޖަރޭޝަނުން ވައްކަން ކުރި މައްސަލައިގައި، އެތަނުން ވަގަށް ނެގި ތަކެތި ހުރި ކަމުގެ މައުލޫމާތު އެފަރާތަށް ލިބުމުން މިއަދު ހެނދުނު ކުޅުދުއްފުށީ ގުމްރީގެ ބަލާ ފާސްކުރުމުގެ ތެރޭގައި އެގޭގެ ތެރެއިން ވަގަށް ނެގި ބައެއް ތަކެތި ފެނިފައިވާ ކަމަށެވެ. އަދި އެމައްސަލައިގައި އެގޭ ޞަލާހް މުހައްމަދާއި އަދި ހަމަ އެގޭ ޞަބާހް މުހައްމަދު ހައްޔަރު ކޮށްފައިވާ ކަަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިއަދު ކުޅުދުއްފުށީ ގުމްރީގެ ބަލާ ފާސްކުރުމުގައި، ކަރަންޓް ވާގަނޑަކާއި، މަކިޓާ ބުރުމާއެއް ލާފައިވާ ހުސް ދެ ފޮށްޓާއި، އެއް ޓޫލް ބޮކްސް އަދި ކޮމްޕިއުޓަރ ކީބޯޑެއް ފެނިފައިވާ ކަމަށެވެ. އަދި މީގެ އިތުރުން، އެއް ސްޕީކަރ އާއި ކޮމްޕިއުޓަރ މައުސް އެއް އަދި އެއް ނެޓް ވޯކް ވާގަނޑު ފެނިފައިވާ ކަަމަށެވެ.

އީޒީ ރެފްރިޖަރޭޝަނުން ވަގަށް ގެންދިޔަ ތަކެތީގެ ތެރެއިން މިހާތަނަށް ނުފެނި ވަނީ، އެއް ސީޕީޔޫ އާއި ކޮމްޕިޔުޓަރ މޮނީޓަރ، މަކިޓާ ބްރޭންޑްގެ 3 ބުރުމާ އަދި އެލަން ކީ ސެޓަކާއި އެއް ވަޑާން ކަށި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އީޒީ ރެފްރިޖަރޭޝަންގެ ވެރިޔާ އަބޫބަކުރު އަލީ ބުނީ އެތަނުން ވަގަށް ގެންދިޔަ ބައެއް ތަކެތި ފުލުހުން ހޯދުމަށްފަހު އެކަން އެފަރާތަށް އަންގާފައިވާ ކަމަށެވެ. އަދި އެތަކެތި ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި އެހެންނަމަވެސް އެތަކެތި އޭނާ އަށްވެސް ފުލުހުން ދައްކާފައިވާ ކަަމަށް އަބޫބަކުރު ބުންޏެވެ.

ކުޅުދުއްފުށީ ބަޝީރު ގޭގައި ހުންނަ މި ވޯކްޝޮޕަކީ އައިސްއަލަމާރި މަރާމާތު ކުރުމާއި އެއާކޮންޑިޝަން މަރާމާތުކޮށް އިންސްޓޯލް ކޮށްދިނުމުގެ ޚިދްމަތް ދޭ ވޯކްޝޮޕެކެވެ. މި ވޯކްޝޮޕްގެ ވެރި ފަރާތުން ކުރިން ބުނެފައިވަނީ މި ވައްކަމުގެ ސަބަބުން ގާތްގަނޑަކަށް 30000 ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355