twitterviber whatsapp telegramfacebookyoutube instagram
29th March 2024

ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގައި އަލަށް އެކުލަވާލި މިންގަނޑުތަކާ ބެހޭގޮތުން މައުލޫމާތު ދީފި

Feb 1, 2012

.

އިބްރާހީމް ހަމީދު

ސިވިލް ސާރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގައި އަލަށް އެކުލަވާލި މިންގަނޑުތަކާއި އުޞޫލުތަކާބެހޭގޮތުން ސިވިލް ސާވިސް އިންސްޓިޓިއުޓުން މަޢުލޫމާތު ދިނުމުގެ ވޯކްޝޮޕެއް ކުޅުދުއްފުށީގައި ބާއްވައިފި އެވެ.

ކުޅުދުއްފުށީ ހުންނަ މަތިއުތުރު ސަރަހައްދުގެ ގައުމީ އިދާރާގައި މިއަދު އޮތް މި ވޯކްޝޮޕާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން އެ އިންސްޓިޓިއުޓްގެ ލެކްޗަރާ ހުސެން ނައީމް ވިދާޅުވީ، މި ވޯކްޝޮޕަކީ ސިވިލް ސާރވިސް ކޮމިޝަނުން އަމަލު ކުރަން ފަށާފައިވާ ސިވިލް ސާރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި ގުޅޭގޮތުން މަތިއުތުރު ސަރަހައްދުގެ ސިވިލް ސާރވިސްގެ މުވައްޒަފުންނަށް މައުލޫމާތު ދިނުމުގެ ގޮތުން ބޭއްވި ވޯކްޝޮޕެއް ކަމަށެވެ.

މިވޯކްޝޮޕް ގައި މަޢުލޫމާތު ދެވޭނީ މަގާމުގެ އެނަލައިސް ހެދުމާއި ވަޒީފާގެ ބަޔާން ތައްޔާރުކުރެވޭނެ ގޮތާއި އިއުލާން ކުރާނެ ގޮތްތަކާއި އޭގެ އުސޫލުތަކާއި ސިވިލް ސާވީސް ވަޒީފާތަކަށް ވަންނަ ފަރާތްތަކަށް ސިވިލް ސާވީސްގެ އުސޫލުތަކުން ކުރިއަށް ދެވެން އޮތްގޮތް އޮޅުންފިލުވާދިނުމެވެ. އަދި ޕާރފޮމަންސަށް ބަލާފައި މާކުސް ދެވޭނެ ގޮތުގެ މަޢުލޫމާތު މިވޯކުޝޮޕްގެ ބައިވެރިންނަށް އެގިގެންދާނެ ކަމަށް ލެކްޗަރާ ހުސެން ނައީމް ވިދާޅުވި އެވެ.

މިވޯކްޝޮޕް ކުރިއަށް ދަނީ ދެ ދުވަހުގެ މުއްދަތަށެވެ. ސިވިލް ސާރވިސް އިންސްޓިޓިއުޓުން ބުނިގޮތުގައި މިވޯކްޝޮޕްގައި ޖުމްލަ 15 ގަޑިއިރު ބައިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދެވޭނެ އެވެ. މިބައްދަލުވުމުގައި ހއ. އަތޮޅުގެ ހުރިހާ ރަށަކުންނާއި ހދ.އަތޮޅުގެ 07 ރަށަކުން 43 ބޭފުޅުން ބައިވެރި ވެއެވެ. އެއިންސްޓިޓިއުޓުން މައުލޫމާތު ދޭ ގޮތުގައި ށ. އަތޮޅުގެ ހުރިހާ ރަށަކުންނާއި ހދ. އަތޮޅުގެ ބައެއް ރަށްރަށުގެ ބޭފުޅުންނަށް ވަނީ މީގެ ބައްދަލުވުމެއް ކުރިން ބާއްވާފައި އެވެ.

ސިވިލް ސާރވިސް ކޮމިޝަނުން އަލަށް އެކުލަވާލި ސިވިލް ސާރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތަކަށް އަމަލު ކުރަން ފަށާފައިވަނީ މިއަދުން ފެށިގެން ނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355