އިބްރާހިމް ހަމީދު
ރާއްޖޭގައި ރަށްރަށުގައި އުފައްދާފައި ހުރި ކައުންސިލްތަކުގެ ތެރެއިން ކަންކަން ކުރަން އެންމެ ފަސޭހަ ކައުންސިލަކީ ކުޅުދުއްފުށީގެ ކައުންސިލް ކަމަށް އެކައުންސިލް ރައީސް އިބްރާހިމް ރަމީޒު ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ރަމީޒް މިހެންް ވިދާޅުވީ 2012 ވަނަ އަހަރަށް އިރުމަތީ އަވަށު ޕްރީ ސްކޫލުގެ ޕީޓީއޭ އިފްތިތާހުކުރުމަށް ރޭ ޖަލާލުއްދީން ސްކޫލުގައި ބޭއްވި ޖަލްސާ ޝަރަފުވެރި ކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި އެވެ. ރައީސްގެ ވާހަކަ ފުޅުގައި ރާއްޖޭގައި އުފެދިފައިވާ ކައުންސިލް ތަކުގެ ތެރެއިން ކަންކަން ކުރަން އެންމެ ފަސޭހަ ކައުންސިލަކަށް ކުޅުދުއްފުށީގެ ކައުންސިލް ވަނީ ކައުންސިލްގެ ފިކުރު އެއްގޮތްވީމާ ކަމަށް ރައީސް ވިދާޅުވި އެވެ.
ކައުންސިލުގެ ރައީސް ވިދާޅުވީ، އެކައުންސިލުން ކުޅުދުއްފުށީގައި ހުންނަ ދެ ޕްރީ ސްކޫލަށްވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށާއި އެހެންނަމަވެސް ބައެއް ފަރާތްތަކަށް ހީވެފައި އޮންނަނީ ކައުންސިލުން އެހީތެރިވަނީ ހަމައެކަނި އަމީރު އަމީން ސްކޫލަށް ކަމަށެވެ.
“… ހުރިހާ ބޭފުޅުންނަށް ފާހަގަ ކުރެވިފައި މިއިންނަނީ އަމީރު އަމީން ސްކޫލަކީ ކުޅުދުއްފުށީ ކައުންސިލުން ހިންގާ (ހަމައެކަނި) ސްކޫލެއްގެ ގޮތުގައި. އެކަމަކު ހަގީގަތަކީ ކައުންސިލްގެ އެއްބާރުލުން މިދިޔަ އަހަރުވެސް މި ދެ ސްކޫލަށް (އިރުމަތި އަވަށު ޕްރީ ސްކޫލް އަދި އަމީރު އަމީން ސްކޫލް) އެއްވަރަށް ދިނިން. އަދި ކުރިއަށް އޮތްތަނުގައިވެސް މި ދެ ސްކޫލަށް ކައުންސިލް އެއްބާރުލުން ލިބިގެންދާނެ” ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.
ރަށު ކައުންސިލުގެ ރައީސް ވިދާޅުވީ ހުސްވި އަހަރު ސްކޫލުގެ ބައެއް ކަންކަން ރަނގަޅަށް ބެލިފަ ނެތުމުގެ ސަބަބުން ސްކޫލުގެ ކިޔެވުން ފެށުނު އިރު ދަތިތަކެއް ކުރިމަތިވި ކަމަށެވެ. އެގޮތުން އާބާދީ އަށް ބަދަލާއި އާބާދީ އިތުރު ވެގެން ދިޔަ މިންވަރު އަންދާޒާ ކުރެވިފައި ނުވާތީ ސްކޫލުތަކުގެ ޖާގައިގެ މައްސަލަ ކުރިމަތިވި ކަމަށެވެ.
“2013 އަންނަން ވާއިރަށް ކައުންސިލުން މަސައްކަތް މިކުރަނީ އެދަތިތައް ފިލުވައިދިނުމަށް. މިދިޔަ އަހަރުވެސް ވާނީ ކަރުދާހުގެ މަސައްކަތް ތަކެއް ކޮށްފައިވާނެ. އެއީ ރައްޔިތުންނަށް ފެންނަން ހުންނާނެ މަސައްކަތެއް ނޫން” އިބްރާހިމް ރަމީޒް ވިދާޅުވިއެވެ.
ރޭ ބޭއްވި ރަސްމިއްޔާތުގައި އިރުމަތި އަވަށު ޕްރީ ސްކޫލުގެ ޕީޓީއޭއަށް އަލަށް ހޮވުނު ނައިބު ރައީސް މުހައްމަދު އަބްދުއްރަހުމާނު ވާހަކަ ދެއްކެވި އެވެ. އަދި 2011 ވަނަ އަހަރުގެ ޕީޓީއޭ ހިގައި ދިޔަގޮތުގެ ރިޕޯޓްވެސް އިއްވި އެވެ.
ޕީޓީއޭ އަލަށް ހޮވުނު ފަރާތްތަކަށް އަސާސީ ގަވައިދު ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފުވެރި މެހެމާނެވެ. ސްކޫލުގެ ކަންތައްތައް ރަގަޅު ކުރުމަށް ބެހެއްޓޭ ހިޔާލުފޮށި ހުޅުވައި ދެއްވީ ކައުންސިލް މެމްބަރު އަލީ އާދަމެވެ.
އައިޕީއެސްގައި މިއަހަރު 223 ދަރިވަރުން ތައުލީމު ހާސިލުކުރަމުން ގެންދެއެވެ.